ޚަބަރު

"ވިނަވި" ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓްތައް ފޮނުވަމުންދޭތޯ ޔަޤީންކުރޭ - އައިޖީއެމްއެޗް


ކްލިނިކްތަކުން ޑޮކްޓަރަށް ދެއްކުމަށްފަހު އައި.ޖީ.އެމް.އެޗަށް އަންނަ މީހުންވެސް ޑޮކްޓަރގެ ރިކުއެސްޓްތަކަކީ އާސަންދައިގެ ވިނަވި މެދުވެރިކޮށް ދޫކޮށްފައިވާ ރިކުއެސްޓެއްތޯ ބަލައި ޗެކްކުރުމަށް އައިޖީއެމްއެޗްއިން އިލްތިމާސްކޮށްފިއެވެ.

އެހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އާސަންދައިގެ ވިނަވި ޕޯޓަލް މެދުވެރިކޮށް ނޫންގޮތަކަށް ގެނެވޭ ރިކްއެސްޓްތަކާމެދު އަމަލުކުރަންޖެހޭ އުސޫލެއް އެ ހޮސްޕިޓަލުން އެކުލަވާލާފައިވާކަމަށެވެ. އެގޮތުން ކްލިނިކްތަކުން އަންނަ ރިކުއެސްޓުތަކުގެ ތެރެއިން އާސަންދަ ވިނަވި ޕޯޓަލް މެދުވެރިކޮށް ދޫކުރެވިފައި ނުވާ ރިކުއެސްޓްތަކުގެ ޚިދުމަތް ދިނުމަށް، އެހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީ އަށް ދެއްކުމަށްފަހު އައި.ޖީ.އެމް.އެޗްގެ ރިކުއެސްޓެއް ގޮތައް ބަދަލުކުރެވި ޕޯޓަލްއަށް އަޕްލޯޑު ކުރެވިގެންދާނެއެވެ. އަދި ޓެސްޓު ހެދުމަށް ކަނޑައެޅިފައިވާ ޑިޕާޓްމެންޓަކުން ޚިދުމަތްހޯދުމަށް އެޕޮއިންޓްމެންޓް ނުވަތަ މެމޯ އެ ޑިޕާޓްމެންޓެއްގެ ކައުންޓަރުން ލިބޭނެކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.

އައިޖީއެމްއެޗް އިން ވިދާޅުވީ ބައެއް ޚިދުމަތްތަކަށް ބަލިމީހާ ހޭދަކުރާ ވަގުތު ދިގުވެގެންދަނީ އާސަންދަ ހަމަޖެހިފައިވާ ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން އާސަންދަ ވިނަވި ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓްތައް ފޮނުވަމުން ނުދާތީ ކަމަށެވެ. މިކަމުގެ ސަބަބުން ހިދުމަތް ފޯރުކޮށްދިނުމަށް އިހުނަށްވުރެ ލަސްވެ ހޮސްޕިޓަލްތެރޭގައި މީހުން އެތައް ގުނައަކަށް މިހާރު އިތުރުވެފައިވަކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.

ސަރުކާރުން ރައްޔިތުންނަށް ދެއްވާ ހިލޭ ބޭސްފަރުވާގެ ކަންކަން ހިންގާ އާސަންދަ ކުންފުނިން ސަރުކާރުގެ މި ނިޒާމްގައި ބައިވެރިވާ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ފަރާތްތައް އެއް ވިއުގައަކުން ގުޅާލުމަށް ތަރައްޤީކޮށްފައިވާ އާސަންދަ ޕޯޓަލަށް ބަދަލުތައް ގެނެސް، "ވިނަވި"ގެ ނަމުގައި އައު ޕޯޓަލެއް ތަޢާރަފްކުރީ 2017ވަނަ އަހަރުގައެވެ.