ޚަބަރު

ހަވާސާކުރެވިފައިވާ ފަރާތްތައް ބާރުވެރިކުރުވާނަން- ރައީސް


ސަރުކާރުގެ ސިޔާސަތަކީ
ހަވާސާކުރެވިފައިވާ ފަރާތްތައް ބާރުވެރިކުރުވައި، އެފަރާތްތަކުގެ ހައްޤުތައް
ކަށަވަރުކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް
ވިދާޅުވެއްޖެއެވެ.



އެމަނިކުފާނު މިހެން ވިދާޅުވީ
ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް މިރޭ
ދަރުބާރުގޭގެގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.



ރައީސް ޔާމިންގެ ވާހަކަފުޅުގައި
އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތަކަށް ބައެއް ފަރާތްތަކުން އިހުމާލުވަމުންދާކަން
ފާހަގަކުރެއްވި. އެހެން ނަމަވެސް މިސަރުކާރުގެ ސިޔާސަތަކީ އަންހެނުންނަކީ
ފުދުންތެރިބަޔަކަށް ހަދާ އެމީހުން ބާރުވެރިކުރުވުންކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
އެގޮތުން އަންނަ އަހަރުން ފެށިގެން އޮފީސްތަކުގައި މަސައްކަތްކުރައްވާ އަންހެން
ކަނބަލުންގެ ތެރެއިން، ހާލަތު ހުރި ގޮތުން މަސައްކަތަށް ނިކުތުމަށް ދަތިވާ
ކަނބަލުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމް
ހަމަޖައްސަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



ރައީސް ޔާމިންގެ ވާހަކަފުޅުގައި
އިންސާނީ ހައްޤުތައް ކަށަވަރު ކުރެވޭނީ ހަމައެކަނި މުއާހަދާތަކުގައި ސޮއިކޮށްގެން
ނޫންކަމަށާއި، އެކަން ކުރެވޭނީ މުޖްތަމައުގެ ތެރޭގައި މީހުންގެ ވިސްނުމާއި،
އަޙްލާޤާއި އިޚްތިރާމްކުރުން ފަދަ އާދަތައް އަށަގަންނުވައިގެންކަމަށް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ
އިންސާނީ ހައްޤުތަކުގެ ހާލަތާއި މެދު ފާޑުކިޔައި ބޭރު ޤައުމުތަކުގެ އިންސާނީ
ހައްޤުތަކުގެ ހާލަތު އޮތް މިންވަރާއި މެދު ސުވާލު އުފެއްދެވިއެވެ.



ރޭގެ ޖަލްސާގައި
ރައީސުލްޖުމްހޫރިއްޔާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް
ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް
ފާހަގަކުރައްވާފައެވެ. 

އެގޮތުން އެފަދަ ފަރާތްތަކުގެ ހުނަރު ބޭނުންކޮށްގެން
އުފައްދާތަކެތި މާކެޓްކުރަން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން
ކްރާފްޓް ސެންޓަރެއް ޤާއިމުކޮށްދޭން މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް ރައީސް
ވިދާޅުވިއެވެ. އަދި 2016 ވަނަ އަހަރު ރާއްޖޭގެ ކޮންމެ ސްކޫލެއްގައި
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް މަދުވެގެން ޓީޗަރެއް
ހުންނާނޭކަމަށް ރައީސް ވިދާޅުވިއެވެ.



ބައިނަލްއަޤްވާމީ އިންސާނީ
ހައްޤުތަކުގެ ދުވަސްފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި
ދައުލަތުގެ އިސްވެރިންނާއި، މިނިވަން މުއައްސަސާތަކުގެ އިސްވެރިން
ބައިވެރިވެވަޑައިގެންނެވިއެވެ.