ޚަބަރު

ކުޅުދުއްފުށީ ސިޓީގައި ނޫސްވެރިން ތަމްރީނުކުުރުމުގެ ޕްރޮގުރާމެއް ފަށައިފި



މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީގައި ނޫސްވެރިން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޔޫތު މިނިސްޓްރީ ގުޅިގެން ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. 5 ދުވަހުގެ މުއްދައްތަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި ޖުމްލަ 20 މީހުން ބައިވެރި ވެފައިވެއެވެ. މިޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި އެ ކޮމިޝަންގެ އިސްބައެއް ބޭފުޅުންނެވެ.

ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ކައުންސިލްގެ ވަރަށް ބޮޑު ވިސްނުމެއްކަމަށެވެ. އަދި އިންސާނީ ވަސީލަތް ތަރައްގީކުރެވި ތަފާތު ދާއިރާތަކުން އެކި ފަންނުގެ ހުނަރުވެރިން ތަމްރީނުވުމަކީ ތަނެއް ތަރައްގީކުރުމަށް އެންމެ މުހިންމު ކަމުގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ ކުޅުދުއްފުށީގައި ނޫސްވެރިން ތަމްރީނުކުރަން ބޭނުންވާ އެއް ސަބަބަކީ ކުޅުދުއްފުށީގެ ނޫސްވެރިންނަކީ ނަމޫނާ ބަޔަކަށް ހެދުންމަށް ކަމަށެވެ. އަދި ޒިންމާދާރު ކަމާއެކު ނޫސްވެރިކަންކޮށް ރައްޔިތުންނާ ހަމައަށް އެންމެ ރަނގަޅު މައުލޫމާތު ގެނެވޭނެ ގޮތަކަށް މަސައްކަތް ކޮށްދެއްވުމަށް މިޕްރޮގްރާމުގެ ބައިވެރިންގެ ކިބައިން މޭޔަރު އެދިވަޑައިގެންނެވިއެވެ. އަދި މިޕްރޮގުރާމުން ތަމްރީން ވެގެން ނުކުންނަ ނޫސްވެރިންނަކީ ނަމޫނާ ނޫސްވެރިންތަކެއްކަމުގައި މުޅި ރާއްޖެއަށް ވެގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ކުޅުދުއްފުށީ ސިޓީގައި ފާހަގަ ކުރުމުގެ ގޮތުން އެރަށުގައި ބައިސިކަލް ރޭހަކާއި ލައިފްސްކިލް ޕްރޮގްރާމަކާއި ޕޭރަންޓަލް ގައިޑެންސް ޕްރޮގްރާމްގެ އިތުރުންވެސް ގިނަ ހަރަކާތް ތަކެއް ރޭވިފައިވާ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ޕީއެސްއެމް އަށް މައުލުމާތު ދެއްވާފައެވެ.