ތިމާވެށި

ޕެރިސް އެއްބަސްވުން- ތިމާވެއްޓާއިމެދު ކުރެވޭ ބޮޑު އުއްމީދެއް


ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 21 ވަނަ ތިމާވެށްޓާބެހޭ ބައްދަލުވުމުގައި، މިމަހު 12 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ޕެރިސް އެއްބަސްވުމަކީ، އިންސާނުންނަށް ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ އެންމެ ބޮޑު އުއްމީދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފިހުން މިއަދު ނެރުއްވި ބަޔާނެއްގައި މި އެއްބަސްވުމަށް އަލިއަޅުވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވާ ކިތަންމެ ކުޑަ ކަމަކުންވެސް އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ޤައުމުކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ އެއް ސެންޓިމީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލުނަސް ރާއްޖެ ފަދަ ތިރި ޖަޒީރާ ޤައުމުތަކަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތި ވެދާނެ ކަމުގެ ބިރު ހީވެފައިވާކަމަށެވެ.މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް އިސްވެ ހުންނަވައިގެން ކޮންފަރެންސް އޮފް ދަ ޕާޓީސްގެ ބައްދަލުވުމުގައި ދިވެހި ވަފްދުގެ ފަރާތުން ތިރި ޖަޒީރާ ޤައުމުތަކުގެ ދިފާޢުގައި ކުރެއްވި ބުރަ މަސައްކަތްތަކަށް ތަޢުރީފްކުރައްވާފައެވެ. މީގެ އިތުރުން ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔެއަށް ލިބެމުންދާ ގެއްލުންތަކާ ބެހޭގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް އެކުވެރި ދަޢުލަތްތަކުގެ މަޖިލީހުގައި، 1987 ވަނަ އަހަރު ވާހަކަފުޅު ދައްކަވާފައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެހެނަމަވެސް އެދުވަސްވަރު އަޑުއުފުލާފައިވަނީ މަދު ޤައުމަކުންކަމާއި، މިއަދު ދުއިސައްތައެއްހާ ޤައުމުން ތިމާވެށި ރައްކާތެރިކުރުމަށް ވެވޭ އެއްބަސްވުމުގައި ބައިވެރިވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާނުގައިވެއެވެ.މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ގިނަ ބައިވެރިން އެކުލެވޭ މަޝްވަރާތަކުގައި ދަތި އުނދަގޫ ކަންކަމުގައި އެއްބަސްވުމަކާ ހަމަޔަށް ވާޞިލުވުމަށް އެހީތެރިވުމަކީ ރާއްޖޭގެ ސިޔާސަތުކަމަށެވެ. އަދި ޕެރިހުގައި ބޭއްވުނު މަޝްވަރާތަކުން ދޭހަވަނީ ކުދި ޤައުމުތަކުން މައްސަލަތައް ކުރިޔަށް ނެރެ މަސައްކަތްކުރުމަކީ ޢާންމު ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެ ކަމެއްކަމުގައިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.