ޚަބަރު

ރ އިންނަމާދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފި


ރ އިންނަމާދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢު ފެށުމުގެގޮތުން ރ.އިންނަމާދޫގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާވަފައެވެ.

ރ އިންނަމާދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދާއި އެމްޑަބްލިއުއެސްސީގެ ޗެއަރމަން އަޙްމަދު މަޢުސޫމާއި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހްގެ އިތުރުން އެރަށު ކައުންސިލްގެ ރައީސްއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު ވިދާޅުވީ ކޯވިޑް-19ގެ މި ޙާލަތުގައިވެސް ސަރުކާރުން މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް މެދުނުކެނޑި ދިނުމަށްކަމަށެވެ. އަދި އެކަމުން ފިލާވަޅު ލިބިގަނެ އެކަން ހައްލުކޮށް ތަރައްޤީގެ މަޝްރޫއުތައް މެކުހައްޖަހާފައިވާ ކަމަށްވެސް ހަސަން އަޙްމަދު ވިދާޅުވިއެވެ.

"ކޯވިޑާއި ގުޅިގެން ތަރައްޤީގެ މަޝްރޫއުތަކަށް ކުޑަ މަޑުޖެހުމެއް އައި. އެކަމަކު މިހާރު އެކަމުން އަރައިގަނެވި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުން. މިކަންކަމުގައި ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން މަސައްކަތް ކުރާ ފަރާތައްދިނުން" އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވީ މިމަސައްކަތް ނުފެށި ލަސްތަކެއް ކުރިމަތިވި ކަމަށާ އެއީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައުމުން ކުރިމަތިވި ކަމެއްކަމަށެވެ. މިއަދު މިމަސައްކަތް ފެށިގެން ދާއިރު މިމސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު އެރަށަށް ގެންދެވިފައިވާ ކަމަށާއި، މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާގޮތަށް މާލެއެކޭ އެއްވަރަކަށް ކަމަށް ޝާހް ވިދާޅުވިއެވެ.

ރ އިންނަމާދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި ޤާއިމްކުރާ އާރުއޯ ޕްލާންޓް އިމާރާތުގެ 70 އިންސައްތަ މަސައްކަތް ނިންމާލާފައިވާއިރު، މިހާރު ކުރަމުންދަނީ ބޯހޯޯލް ތޮރުފުމާ، އިމާރާތުގެ ފިނިޝިންގެ ބައެއް މަސައްކަތްތަކެވެ. އެމްޑަބްލިއުއެސްސީއިން ވިދާޅުވާ ގޮތުގައި މުޅި މަޝްރޫޢުގެ 14 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މިމަޝްރޫޢުގެ ދަށުން އެރަށުގައި 8.33 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް އަޅާ، ރަށުގެ 215 ގެއަކަށް ފެނުގެ ޚިދުމަތް ގުޅައިދޭނެއެވެ. އަދި ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބަހައްޓާ އެއިިން އުފައްދާ ފެން ރައްކާކުރުމަށް 290 ކިއުބިކް މީޓަރުގެ 2 ތާންގީ ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވާރޭފެން ރައްކާކުރުމަށް އެއްހާސް ދިހައެއް (1010) ކިއުބިކް މީޓަރުގެ ތާނގީއެއްވެސް ބަހައްޓާނެއެވެ. މިމަޝްރޫޢުގެ ދަށުން ވާރޭ ފެން ހިންދުމަށް ޚާއްސަ ނިޒާމެއް އެރަށުގައި ޤާއިމް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

ރ އިންނަމާދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 14 ޑިސެމްބަރު 2020ގައެވެ. 2022 ވަނަ އަހަރުގެ މާޗް މަހު ނިންމުމަށް ކަނޑައަޅާފައިވާ މިމަޝްރޫޢަށް 50.7 މިލިއަން ރުފިޔާ ޚަރަދުވެއެވެ.