މިހާރު ސްރީލަންކާގެ ކޮލަންބޯގައި ކުރިޔަށްދާ ފޯނޭޝަންސް ކަޕް ތަފާތު ހަރަކާތްތަކާއެކު ދިވެހި ސަޕޯޓަރުން ފޯރިގަދަކޮށްލައިފިއެވެ.
މުބާރާތުގައި ކުރިން ލަންކާގައި އުޅޭ ދިވެހިންގެ ކުޑަގުރޫޕަކުން ކުރި މަސައްކަތް ފުޅާވެ މިއަދު މިވަނީ ޤައުމީ ބޮޑުހަރަކާތަކަށް ބަދަލުވެފައެވެ. ލަންކާ ދިރިއުޅޭ ދިވެހިން އެއްވެ ޓީމަށް ތަރުހީބު ދިނުމަށް މަޝްވަރާތައް ފަށައި ސަޕޯޓަރުންގެ މެދު ކިކްސްޓާޓެއް ގެނައެވެ. މިހިސާބުން ނިންމާލީކީ ނޫން. މަޝްވަރާތައް ކުރިޔަށް ގެންގޮސްނިންމާލީ ސޯޝަލްމީޑިޔާގ މައްޝޫރު ޕްލެޓްފޯމް ފޭސްބުކް ގުރޫޕެއް އުފަންކުރަވާ މުބާރާތުގައި ދެވިހި ޓީމަށް ހާއްސަ ލަވައެއް ތައްޔާރުކޮށް ރާއްޖޭގެ ސަޕޯޓަރުން ވެސް ލޭކައްކުވާލިއެވެ.
މި ލަވައިގައި ލަންކާގައި ދިރުއުޅޭ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ އަޑުވެސް ހިމަނައި އިތުރަށް ފުރިހަމަކުރިއެވެ. " ކޮލަންބޯ އިން ދިވެހިންގެ ފޯރި" މިނަމުގައި ފެށި ހަރަކާތުގައި މުބާރާތުގެ ކުރިން ސަޕޯޓަރުންނަށް ފަސޭހަކަމާއެކު ރާއްޖޭގެ ޓީމުގެ ޖާޒީއާ ޓިކެޓް ސަޕޯޓަރުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނެވެ.
މި ހަރަކާތް ފެށުނު ގޮތާ ގުޅޭގޮތުން ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ހަރަކާތުގެ އެންމެ އިސްކޮށް އުޅޭ ފަރާތްކަމަށްވާ މުހަންމަދު ޝިނާޒް ބުނީ މިއީ އެންމެން އެއްވެ ގައުމީޓީމަށް ސަޕޯޓު ކުރުމުގެ ގޮތުން ނެގި ފޯރިއެއްކަމަށާއި މި ފޯރި ބޮޑުވަމުން ގޮސް ހަރަކާތްތައް އިތުރުވެ އިތުރަށް ފޯރިގަދެވެގެން ދިޔައީ ކަމަށެވެ. އޭނާ ބުނީ އެންމެ ބޮޑަށް ބެލީ ދިވެހިންނަށް ފަސޭހައިން މެޗު ބެލުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ދަނޑަށް ވަދެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.
" މީގަ ފުރަތަމަ ބެލީ ސަޕޯޓަރުންނަށް ޖާޒީ ހޯދާ، ލަވެއް ތައްޔާރުކޮށް ދިވެހިންނަށް މެޗު ބަލަން ދިޔުމުގެ އިންތިޒާމް ހަމަޖައްސައިދުނުން، މިތަނަކީ ދެވިހެންގެ ޖަގަހަ އެގޮތަށް މިބެލީ." ޝިނާޒް ބުނިއެވެ.
ޝިނާޒް އިޝާރަތް ކުރީ ޖަގަހައަކީ ލަންކާގެ ކަޅުބޯވިލާގައި ހުންނަ ދިވެހި ކެފޭއް ކަމަށްވާ ޑްރީމްސް ކެފޭއަށެވެ. މެޗަށް ތައްޔާރުވުމުގެ ކަންކަން ތައްޔާރުކުރުމާއި ސަޕޯޓަރުންގެ މެދުގެ ފޯރި ނެގުން އޮންނަނީ މުޅި ކެފޭގައެވެ. މި ޓީމުގައި ހިމެނޭ ދިވެހި ސަޕޯޓަރު ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކުމުން ބުނީ މި ހަރާކަތުގައި ބައިވެރިވާން ނިންމީ ގައުމީ ކަމެއްކަމަށް ދެކިގެން ކަމަށާއި އެންމެ ގުޅިގެން އެމެންއެކޮށް ފޯރި ނެގުމުގެ ބޭނުމުގައި ކަމަށެވެ.
"މީގަ އައްސުލު މަޖާކޮއްލަން ބޭނުންވީ، މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން އެންމެން ގުޅިގެން ތަރުހީބު ދިނުމަށް މަސައްކަތް މިކުރަނީ." ޕީއެސްއެމް ސްޕޯޓްސް ވާހަދެއްކި ސަޕޯޓަރަކު ބުނިއެވެ.
ޑްރީމްސް ކެފޭއިން ސަޕޯޓަރުންގެ ގުރޫޕު ހިމެނޭ މެންބަރުން ދަނޑަށްވަނަށް ސަޕޯޓަރުންނާ ނައްޓާލަނީ ޑްރީމްސް ކެފޭއިން ބަހުގައެވެ. ޝިނާޒް ބުނީ ލަންކާ ދިރިއުޅޭ ދިވެހިންގެ ތަރުހީބު މިހަރަކާތަށް ވަރަށް ބޮޑުކަމަށާއި އެއީ ލިބުނު ވަރަށްބޮޑު ހިތވަރެއްކަމަށެވެ.
މި ހަރަކާތަށް ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ވަރަށް ބޮޑު އެއްބާރުލުމުގެ އިތުރުން ވިޔަފާރިވެރިންގެ އެހީތެރިކަން ލިބެމުންދާކަމަށް މުހަންމަދު ޝިނާޒް ބުންޏެވެ. އެގޮތުން ޓިކެޓް އަގުބޮޑުވުމުން ބައެއް ވިޔަފާރިވެރިން ސްޕޮންސަރ ކޮށްގެން ސަޕޯޓަރުން ދަނޑަށް ވަނުމުގެ އިންތިޒާމް ހަމަޖެހިފަވާކަމަށާއި އަމާޒަކީ ކުރިޔަށް އޮތް ދެމެޗުގައި ވެސް މަދުވެގެން 400 ދިވެހި ސަޕޯޓަރުން ދަނޑަށް ވެއްދުންކަމަށެވެ.
މެޗު ބަލަން ދަނޑަށް ނުވަދެވޭ ފަރާތްތަކަށް ޑްރީމްސް ކެފޭގައި މެޗު ބެލުމުގެ އިންތިޒާމް ހަމަޖެހިފަވާކަމަށް މިގުރޫޕުން މައުލޫމާތުދެއެވެ.