ކުޅިވަރު

ސީޝޭލްސް މެޗަށް މަހުލޫފް 500 ޓިކެޓް ދެނީ


މިހާރު ސްރީލާންކާގައި ކުރިޔަށްދާ ފޯނޭޝަންސް ކަޕުގައި ރާއްޖެއިން ސީޝޭލްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަހުލޫފް 500 ޓިކެޓް މެޗު ބަލަން ދަނޑަން ވަންނަ ދިވެހިންނަށް ދޭން ނިންމަވައިފިއެވެ.

ލަންކާގައި ދިރިއުޅޭ ގައުމީ ޓީމުގެ ސަޕޯޓަރަކު ބުނެފައި ވަނީ ލަންކާގައި ދިރިއުޅޭ ދިވެހި ސަޕޯޓަރުން ހިމެނޭ ވައިބަރު ގްރޫޕެއްގައި މިނިސްޓަރު މަހުލޫފު، ސީޝެލްސް މެޗަށް ރާއްޖޭގެ ސަޕޯޓަރުންނަށް ޚާއްސަކޮށް 500 ޓިކެޓު ހިލޭ ދެއްވަން ގަސްދު ކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެއަށްވުރެ އިތުރަށް ދަނޑަށް ވަޑައިގަންނަވަން ބޭނުންވާ ސަޕޯޓަރުންނަށް އިތުރު ޓިކެޓުތައްވެސް ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވަނީ އެ ގްރޫޕުގައި ވިދާޅުވެފައެވެ.

ފުރަތަމަ މެޗުގެ ޓިކެޓު ލަންކާ އެފްއޭއިން ފުރަތަމަ ވިއްކަން ޖެހީ 5000 ލަންކާ ރުޕީސްއަށެވެ. 3000 ރުޕީސްއަށް އެޓިކެޓުގެ އަގު ކުޑަކޮށްދިނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށެވެ. އިއްޔެގެ މެޗު ކުރިންވެސް ޓިކެޓުގެ އަގު ބޮޑުވުމުގެ މައްސަލަތައް ދިމާވެފައިވާ އިރު، ދެން އޮތް ސީޝެލްސް މެޗަށް ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު ވަނީ ހާއްސަ ހަދިޔާއެއް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ދިވެހި ޓީމަށް ސަޕޯޓު ދިނުމަށް ލަންކާގައި ދިރިއުޅޭ ދިވެހީން ވަނީ ޚާއްސަ އެތައް ހަރަކާތެއް ހިންގާފައެވެ.

ލަވައެއް ރިލީސް ކޮށް، ޖަގަހަ ތައްޔާރު ކޮށް، ދިވެހީން ވަނީ ފޯރިއާއެކު ތައްޔާރު ވެފައެވެ. އެންމެ ބޮޑަށް މާޔޫސް ވީ ޓިކެޓުގެ އަގު ބޮޑުކަމުންނެވެ. ރާއްޖެއަށް ސީޝެލްސް މެޗު ވަރަށް ބޮޑަށްވެސް މުހިއްމެވެ. ދެން އޮތީ ލީގު ބުރުގެ ފަހު މެޗެވެ. މިވަގުތު އެއް ވަނައިގައި އޮތް ބަންގްލަދޭޝާއި ދެވަނައިގައި އޮތް ސީޝެލްސްއަށް ވެސް ހަތަރު ޕޮއިންޓު ލިބިފައިވާ އިރު، ބަންގުލަދޭޝް އަށް އެއްވަނަ ލިބެނީ ޖެހި ގޯލުންނެވެ. ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރު ވަނައިގައި އޮތް ލަންކާއަށް ދެ މެޗުން ވަނީ ޕޮއިންޓެއް ލިބިފައެވެ.

އަންގާރަ ދުވަހު މުބާރާތުގެ ލީގު ބުރުގެ ފަހު ދެ މެޗު ކުޅޭނެއެވެ. ހަވީރު ކުޅޭނީ ސީޝެލްސް އާއި ރާއްޖެއެވެ. ދެ ވަނަ މެޗުގައި އެރޭ ލަންކާ ކުޅޭނީ ބަންގްލަދޭޝާއެވެ. ބަންގްލަދޭޝާއި ސީޝެލްސް އަށް އެ މެޗުތައް އެއްވަރުކޮށްލައިގެންވެސް ފައިނަލުގެ ޖާގަ ލިބޭނެއެވެ. ރާއްޖެ އާއި ލަންކާއަށް ފައިނަލަށް ދެވޭނީ އެ މެޗުތަކުން މޮޅުވެގެންނެވެ.