ބ.އަތޮޅު ކުޑަރިކިލުގައި ސަރުކާރުން ހަދާ ބަނދަރާއެކީ ރަށަށް އިޤްތިސާދީ ގޮތުންނާއި ޢުމްރާނީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ޒަމާންތަކެއް ވަންދެން ހަލާކުވެފައިއޮތް މިރަށު ބަނދަރު މިހާރުވަނީ ހަދަން ފަށާފައެވެ.
އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ރައްޔިތުންގެ މަސައްކަތުން އެރަށުގައި ބަނދަރއް ހަދާފައިވަނީ 2001ވަނަ އަހަރުއެވެ. އާބާދީގެ ގޮތުން މަދު މީހުން ދިރިއުޅޭ ރަށްރަށުގައި ދެހާހުގެ ކުރީގެ އަހަރު ތަކުގައި ބަނދަރެއް ނޯވެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެއީ އޭރު އެމީހުންނަށް ލިބުނު ބޮޑު އުފަލެކެވެ. އެހެންނަމަވެސް އެއުފާ މިހާރު ވަނީ ބޮޑު ތަކުލީފަކަށްވެފައެވެ.
2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާގައި ގެއްލުން ލިބުނު މިބަނދަރު މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ހުޅަނގު މޫސުމުގެ ގަދަ ދުވަސްތަކުގައި އެރަށު މީހުން ތިބެނީ ރަށު ބަނދުވެފައެވެ. އެއީ ބަނދަރުގެ ބޭރު ތޮށި ހަލާކުވެ އެއްގަމު ވާޓަރުން ބޮޑުބައެއް ވެއްޓިފައިއޮތުމާ ގުޅިގެން އެރަށަށް ދަތުރު ކުރުމަށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އުޒުރުވެރިވާތީއެވެ. އަދި މަސްވެރި ރައްޔިތުންތަކެއް ދިރިއުޅޭ ކުޑަރިކިލު އޮޑިވެރިން މޫސުން ގޯސްވާ ދުވަސްތަކުގައި އޮޑި ދޯނިފަހަރު ބަލަހައްޓަން ހޭލާ ތިބެންޖެހޭޖެހުމަކީ މަސްވެރިންގެ އޮތް އެންމެބޮޑު ކަންބޮޑުވުމެވެ.
ބަނދަރެއް ނެތުމުން ރަށުގެ އިޤްތިސާދު ހީނަރުވެފައިވާކަމަށާ އުމްރާނީ ގޮތުންނާއި އިޤްތިސާދީގޮތުން ފުދުން ތެރިބަޔަކަށް ރައްޔިތުންވެގެންދާނީ ލަފާ ފުރޭނެ ރަގަޅު ގޮތެއް އޮވެގެންކަމަށް އެރަށު ކައުންސިލްގެ ރައީސް ޢަބްދުލްހަންނާން އައްބާސް ވިދާޅުވިއެވެ.
ބަނދަރު ނިމިގެންދާއިރު ލޭންޑް ޔޫސްޕްލޭންގައި ބަނދަރުގައި ހިންގުމަށް ނިންމާފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޢަބްދުލްހަންނާން ވިދާޅުވީ ބަނދަރުހަދާ ނިމުމުން އޭގެ ފައިދާ މުޅި ރައްޔިތުންނަށް ކުރާނެކަމަށެވެ.
"ރަގަޅު ބަނދަރެއްނެތި ރަށެއްގައި ބަޔަކު ދިރި އުޅޭނެ ޙާލު އެއްވެސް ބަޔަކަށް ވިސްނިފައެއް ނެތް. މިކަމުގެ އާދޭސް ނުކުރާ ސަރުކާރެއް ނާދޭ. މިސަރުކާރުން މިކޮށްދޭ ކަމަކީ މުޅި ރައްޔިތުން ބަލައިގަންނާނެ އަދި އެހާމެ ރައްޔިތުން އެދި އެދި ތިބިކަމެއް." ހަންނާން ވިދާޅުވިއެވެ.
ކުޑަރިކިލު ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 13ވަނަ ދުވަހުއެވެ. ސަރުކާރުން އެމްޓީ ހޯގާޑާ ހަވާލުކޮށްގެން ހަދާ މި ބަނދަރުގެ މަސައްކަތް ބާރު ސްޕީޑެއްގައި ގެންގޮސް ވީއެންމެ އަވަހަކަށް ނިންމާލުމަކީ އެކުންފުނިން އަމާޒު ހިފާފައިވާކަމެކެވެ. މިރަށުގެ އިތުރުން ކިހާދުއާއި ދޮންފަނުގައި ހަލާކުވެފައި އޮތް ބަނދަރުގެ މަސައްކަތްވެސް އެކުންފުންނިން އަނަނީ ކުރަމުންނެވެ.