ބ.ތުޅާދޫގައި ސަރުކާރުން ޢިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ މެދެއްހައި ހިސާބުގައި ނިމޭވަރުވާނެކަމަށް އެމަސައްކަތް ކުރަމުންދާ ކުންފުންޏާ ޙަވާލާދީ އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ތުޅާދޫގައި ސަރުކާރުން ޢިމާރާތްކުރާ މި 100 ހައުސިންޔުނިޓްގެ ކޮންކްރީޓް މަސައްކަތުގެ %90 މިހާރު ނިމިފައިވާކަމަށްވެސް ކައުންސިލުން މައުލޫމާތުދެއްވައެވެ. މީގެ ތެރެއިން 50 ގޭގެ ފުރާޅު ހަދާފައިވާކަމަށާ މިހާރު ކުރަމުން ދަނީ ހިޔާނުކޮށްހުރި ގެތައް ހިޔާކުރުމާއި ސީލިންގކޮށް ފާރުގައި ޕުޓީ އެޅުމާއި ބައެއް ގެތަކުގެ ފިނިޝިން މަސައްކަތްކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މިގެތައް ޢިމާރާތް ކުރަނީ 1100 އަކަފޫޓްގެ ބިމެއްގައެވެ. މިއިން ކޮންމެ ގެއެއްގައި ތިން ކޮޓަރިއާއި ތިން ފާޚާނާ، އަދި ބަދިގެއަކާއި ސިޓިންރޫމެއްގެ އިތުރުން ލޯންޑްރީއެއްވެސް ހުންނާނެއެވެ.
ގެތަކުގެ އޮނިގަނޑުގެ ހުރިހާ މަސައްކަތްތައް މިއަހަރުގެ މެދެއްހައި ހިސާބަށް މުޅިން ނިންމާލުމަށް ކަނޑައެޅިނަމަވެސް އެކަން ނުވީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން ދިމާވި ދަތިކަންތަކާ ހުރެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
3000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމަށް ހައްލު ގެނައުމުގެ ގޮތުން 2010ވަނަ އަހަރު އެރަށު ބިމަށް 17 ހެކްޓަރގެ ބިންވަނީ ހިއްކައިގެން އިތުރުކޮށްފައެވެ. މިހާރު ހައުސިން ޔުނިޓްތައް ހަދަނީ ހިއްކާފައި އޮތް ސަރަހައްދުގައެވެ.
ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން 2012ވަނަ އަހަރު އެރަށުގައި ހަދަންފެށި 100 ހައުސިން ޔުނިޓްގެ ތެރެއިން 50 ގެއެއްގެ މަސައްކަތް ނިންމައި 2020ވަނަ އަހަރު އެ 50 ގެއެއްވަނީ އެރަށުން ބޯހިޔާވަހިކަމަށް އެންމެ ބޮޑަށްބޭނުންވާ ފަރާތްތަކަށް ދޫކޮށްފައެވެ. މިހާރު މަސައްކަތްކުރާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފަށާފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ.
މިހާރު މި ހަދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމުން ބޯހިޔާވަހިކަމަށް ދިމާވެފައިއޮތް ގޮންޖެހުމަށް ހައްލުލިބިގެންދާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.