މާލޭގައި އިލެކްޓްރިކް ބަހުގެ ޚިދުމަތް ދިނުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ ދެމެދު އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ. މިއެއްބަސްވުމުގެ ދަށުން މާލޭގައި ބޭނުންކުރުމަށް، މިނީ 2 ބަސް ގެނައުމަށްވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ގުޅިގެން ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ އެހީގެ ދަށުން މާލޭގައި އިލެކްޓްރިކް މިނީ 2 ބަސް ގެނައުމުގެ އެއްބަސްވުމެއް އެކުލަވާލައިފިއެވެ. މިއެއްބަސްވުމުގެ ދަށުން ބަސްތައް ޗާޖުކުރުމަށް ބޭނުންވާ ޗަރޖަރ ސްޓޭޝަނެއްވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ހުޅުމާލޭގައި ޢާއްމުން ބޭނުންކުރުމަށް 200 ބައިސިކަލް ސްކީމެއްވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އެމިނިސްޓްރީން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން އަންނަ އަހަރުގެ މެދެއްހައި ހިސާބުގައި ބަސްތައް ގެނެސް ޚިދުމަތް ފެށޭވަރުވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
އެމިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމިނިސްޓްރިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެނަވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ މިއީ ތެޔޮ އަންދައިގެން ދަތުރުފަތުރު ކުރަމުންއައި އައުމަށް ގެނެވޭ އިންގިލާބީ ބަދަލެއްކަމަށެވެ. އަދި މިއީ ކުޑަ ބަދަލެއްނަމަވެސް މިއީ ފެށުމެއްގެ ގޮތުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން 2030ގެ ނިޔަލަށް ނެޓްޒީރޯއަށް ވާޞިލުވުމަށް ހިފާފައިވާ އަމާޒަށް ދިޔުމަށް މިއީ މުހިންމު ފިޔަވަޅެއް. ދަތުރުފަތުރުކުރުމުގައި ރާއްޖެއިން ތެލަށް ބަރޯސާވެފައިވާ މިންވަރު މިއާއެކު ބަދަލުވެގެންދާނެ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވީ ތަރައްޤީއާ ދިމާއަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ޓްރާންސްޕޯޓުންކުރާ އެންމެ ގޮންޖެހުންބޮޑު އެއް ކަމަކީ މިނީބަސް ގެނައުމަށް ކުރެވޭ މަސައްކަތްކަމަށެވެ. ބޭރުގެ އެހީއާއެކު މިމަސައްކަތް ފެށުމުން މިކަމަށް ފާޑުކިޔާ މީހުންގެ ވިސްނުން ބަދަލުވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
"އެއްގަމުގެ ދަތުރުފަތުރަކީވެސް ތިމާވެއްޓާ ރައްޓެހި ނިޒާމަކަށް ހެދުމަށް މިދަނީ މަސައްކަތްކުރަމުން. މިޕްރޮޖެކްޓާއެކު ކޮންސަލްޓެންޓެއް ލިބިގެންދާނެ. އެހެންވީމަ އުއްމީދުކުރަނީ ރާއްޖޭގެ ވެއްޓަށް މީގެ ސަބަބުން ކުރާ އަސަރު ދެނެގަނެ ކުރިއަށް އޮތްތަނުގައި މިކަން އިތުރަށް ތަރައްޤީކުރުމަށް އިތުރު އެހީ ލިބިގެންދާނެކަމަށް." ނަހުލާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޭނުންކުރަމުންދާ އުޅަނދުތަކުގެ ދިރާސާއެއް ހެދުމަށް އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަނާއެކު މަޝްވަރާތައް ކުރެވިފައިވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނަކީ ރާއްޖޭގެ އެއްގަމާއި ކަނޑުގައި ބޭނުންކުރާ ވަޞީލަތްތަކަކީ ތިމާވެއްޓާ ރައްޓެހި ވަޞީލަތްތަކަކަށް ހެދި ރާއްޖެއިން 2030ގެ ނިޔަލަށް ނެޓް ޒީރޯއަށް ދިޔުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.