ކުޅިވަރު

ބެލިންހަމްގެ މައްސަލަ ޖަރުމަނު އެފްއޭއިން ބަލަނީ


ޖަރުމަނު ލީގުގައި ބަޔާން މިއުނިކް އަތުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވި މެޗުގައި ހުރި ރެފްރީ ފީލިކްސް ޒްވޯޔާއާ ބެހޭގޮތުން ޑޯޓްމުންޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ދެއްކި ވާހަކައިގެ މައްސަލަ ޖަރުމަނު އެފްއޭއިން ބަލަން ފަށައިފިއެވެ.

ބަޔާނުން 3-2އިން ޑޯޓްމުންޑް ބަލިކުރި މެޗުގައި ޑޯޓްމުންޑުން އެޕީލްކުރި ޕެނަލްޓީ ނުދީ ޒްވޯޔާވަނީ ޑޯޓްމުންޑްގެ މެޓް ހަމިލްސް އަތުގައި ބޯޅަ ޖެހުނުކަމަށް ނިންމައި ބަޔާނަށް ޕެނަލްޓީ ދީފައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ބަޔާން މެޗުން މޮޅުވީއެވެ. ޖަރުމަނު އެފްއޭއިން ބެލިންހަމްގެ މައްސަލަ ބަލަން ފަށައި އޭނާއަށް ވަނީ ޖަވާބުދާރީވާން މުއްދަތެއް ދީފައެވެ. ބެލިންހަމް ދެއްކި ވާހަކަތަކާ ބެހޭގޮތުން އޭނާ ޖަރުމަނު އެފްއޭގެ ކޮންޓްރޯލް ކޮމިޓީއަށް ޖަވާބުދާރީވުމާއެކު އަޅާ ފިޔަވަޅެއް އަންގާނެއެވެ. ބަޔާނަށް ދިން ޕެނަލްޓީއަކީ އެއްވެސް ގޮތަކަށް ޕެނަލްޓީއެއް ދެވޭނެކަމެއް ނޫންކަމަށްވެސް ބެލިންހަމް ވަނީ ބުނެފައެވެ.

ހަމިލްސް އަތުގައި ބޯޅައިން ޖެހުނުގޮތަށް ބަލާއިރު، އެއީ މިހާރު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)އިން ބަލައިގެން ގޮތެއް ނިންމާ ޒަމާނެއްގައި ދެވޭނެ ޕެނަލްޓީއެއް ނޫންކަމަށް ބެލިންހަމް ބުނެފައިވެއެވެ. މެޗު ނިމުނުތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބެލިންހަމް އެގޮތަށް ވާހަަކަދެއްކީ އެނގެންހުރި މަޢުލޫމާތަށް ބަލައިގެންކަމަށާއި އެއީ މެޗުން ބަލިވުމުގެ ޖަޒުބާތުގައި ހުރެގެން ދެކެވުނު ވާހަކައަކަށް ވެދާނެކަމަށް ޒޯކް ގަބޫލުކުރެއެވެ.