ކުޅިވަރު

ޒުވާން ކުޅުންތެރިންނާއެކު ނުކުމެ ޔުނެއިޓެޑަށް ޕޮއިންޓެއް


ޒުވާން ކުޅުންތެރިންނާ އެކު ނުކުމެ އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑުން ޕޮއިންޓަކާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލައިފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އެޓީމުން ޕޮއިންޓް ހޯދީ ސްވިޒަލޭންޑްގެ ޔަންގް ބޯއީސް އާ ވާދަކޮށް 1-1 ލަނޑުން މެޗު އެއްވަރު ކޮށްގެންނެވެ. އޯލްޑް ޓްރެފޯޓްގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު ޖަހާދިނީ މާސޮން ގްރީންވޫޑްއެވެ. މެޗްގެ 9 މިނެޓްގައި ލުކާޝޯގެ ދިން ޕާހަކުން ގްރީންވޫޑް ޖެހި މި ލަނޑަކީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުން ލީޑް ނެގިނަމަވެސް ފުރަތަމ ހާފު ނިމުމުގެ ކުރިން ޔަންގް ބޯއީސުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފަބިއަން ރައިޑާއެވެ.

އައު ކޯޗް ރަގްނިކްގެ ކޯޗްކަމުގެ ދަށުން ޔުނައިޓެޑް ފުރަތަމަ ނިކުތީ ކްރިސްޓަލް ޕެލޭސް އާ ދެކޮޅަށެވެ. އެ މެޗްގައި ކުޅުނު 11 ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތުދީ ރޭ މެޗަށް ކޯޗު ނެރުނީ މުޅިންހެންވެސް ޒުވާން ކުޅުންތެރިންނެވެ.

ރޭގައި މެޗުގައި ޔުނައިޓެޑްގެ ފުރަތަމ 11ގައި ހިމެނުނު 6 ކުޅުންތެރިންނަކީ މި ސީޒަންގައި ޕްރިމިއަރ ލީގުގައިވެސް ކުޅުނު ކުޅުންތެރިންނެވެ. ރޭގެ މެޗުގައި ކޯޗު ރަގްނިކް ވަނީ ވޭލްސްގެ ކުރީގެ ތަރި ރޮބީ ސަވޭޖްގެ ދަރިފުޅު ޗާލީއަށްވެސް ފުރުސަތު ދީފައެވެ. މިއީ އުމުރުން 18 އަހަރުގެ ޗާލީ ޔުނައިޓެޑުގެ ސީނިއަރ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާއި އެެކު ޔުނައިޓެޑުން ގުރޫޕް ސްޓޭޖު ނިންމާލީ 11 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި އޮވެގެންނެވެ. ރޭގެ މެޗުން ޕޮއިންޓެއް ލިބުނުނަމަވެސް ޔަންގް ބޯއީސް ވަނީ ގްރޫޕްގެ ފުލަށް ވެއްޓި މުބާރާތުން ކަޓާފައެވެ.

މި ގުރޫޕްގައި ރޭ ދެން ކުޅެން އޮތީ އިޓަލީގެ އެޓްލާންޓާ އާއި ސްޕެއިންގެ ވިޔަރެއާލްއެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ މެޗްވަނީ މިރެޔަށް ފަސްކޮށްފައެވެ.