އާސެނަލްގެ ކެޕްޓަން ކަމުން ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން ވަކިކުރީ ޓީމުގެ ގަވާއިދުތަކާ ހިލާފުވެފައިވާތީ ބޭންޑް އަތުލަން މަޖުބޫރު ވެގެން ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޮބަމަޔަން ވަނީ މިދިޔަ ހަފްތާގައި، ޓީމުން ހުއްދަ ހޯދައިގެން ފްރާންސްގައި ދިރިއުޅޭ އޭނާގެ މަންމަ ގާތަށް ޒިޔާރަތް ކޮށްފަ އެވެ. ނަމަވެސް އެނބުރި އައީ ޓީމުން އޭނާއަށް ދިން މުއްދަތުގެ އެއް ދުވަސް ފަހުންނެވެ. އެހެންވެ ކޮވިޑް-19 ގެ އުސޫލުތައް ތަން ނުދޭތީވެ ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ އަށް ބައިވެރިއެއް ނުވެވުނެވެ.
އާޓެޓާ ބުނީ، ކުޅުންތެރިން ވެސް ކުލަބުގެ މި ނިންމުން (އައުބާމަޔަން ކެޕްޓަންކަމުން ދުރުކުރުން) ގަބޫލު ކުރާ ކަމަށާއި، ޓީމުގެ ސަގާފަތް ދަމަހައްޓައި ޓީމެއްގެ ގޮތުގައި ކުރިޔަށް ދާން ކުލަބުގެ ގަވާއިދުތަކަށް ހުރިހާ ކުޅުންތެރިން ވެސް އަމަލު ކުރުން މުހިއްމު ކަމަށެވެ. އަދި ކުލަބަށްވުރެ ވަކި ކުޅުންތެރިޔަކު އިސް ނުވާނެކަމަށް ވެސް އާޓެޓާ ވަނީ ބުނެފައެވެ.
ރޭގެ ވެސްޓްހޭމް އަތުން މޮޅުވި މެޗުގެ ކުރިން އާސެނަލްއިން ނެރުނު ބަޔާނެއްގައި އައުބަމަޔަން ކެޕްޓަންކަމުން ވަކި ކުރިކަން ވަނީ ޔަގީންކޮށްފައެވެ. ރޭގެ ހޯދި މޮޅާއެކު އާސެނަލް ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިޔަށްޖެހިލާފައެވެ.