މި ފަހަރުގެ ފުޓްބޯޅަ ސީޒަންގައި ހުރިހާ މެޗެއް ކާމިޔާބުކުރުމަކީ މާޒިޔާ ނުވާވަރުގެ ކަމެއް ނޫންކަމަށް އެޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗާ ކުރިމަތިލުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން މޯހަން ބުނީ ހުރިހާ މެޗެއް ކާމިޔާބުކުރުން އެއީ އެހާ ފަސޭހަކަމެއް ނޫންކަމަށާއި އޭހާ ދުރަށް ވިސްނުމަކީ މިވަގުތަށް ބަލާއިރު ބުއްދިވެރި ކަމެއް ނޫންކަމަށެވެ.
މި ވަގުތު މާޒިޔާގެ ވިސްނުން ހުރީ ޕްރެޒިޑެންޓް ކަޕުގެ ފައިނަލަށް ދިޔުންކަމަށާއި އެކަމަށް މެޗަކަށްފަހު މެޗަކަށް ވިސްނުންމުންދާ ކަމަށް މޯހަން ބުންޏެވެ. މޯހަން ބުނީ އިތުރު ޓާގެޓަކަށް ވިސްނަން އަދި މާ އަވަސްކަމަށާއި މި ވަގުތު ވިސްނުން ހުރީ ކުރިޔަށް އީގަލްސް މެޗު ކާމިޔާބުކުރުން ކަމަށެވެ. އެ މެޗުން ތިން ޕޮއިންޓު ހޯދަން ވަރަށް މަސައްކަތް ކުރާނެކަމަށް މޯހަން ބުންޏެވެ.
" ތިހިސާބަށް ވިސްނަން އަދި މާއަވަސް، ދިގު ސީޒަނެއްގެ ވަރަށް ކުރީކޮޅުމިއީ، މިހާރު ވިސްނުން މިހުރީ އިރާދަކުރެއްވިއްޔާ މުބާރާތުގައި ފައިނަލަށް ދިޔުމުގެ ވިސްނުން. އެކަމަށް މަސައްކަތް މި ކުރަނީ." މެޗުގެ ކުރިން މޯހަން ބުންޏެވެ.
މޯހަން ބުނީ ސީޒަންގައި މިހާތަނަށް ކުޅުނު ދެމެޗު ކާމިޔާބު ކުރެވުމުން ރަނގަޅުކާމިޔާބު ސީޒަނަކަށް މި ސީޒަން ހެދޭނެކަމުގެ ޔަގީންކަން އޭނާއަށް ވަރަށް ބޮޑުކަމަށެވެ. އެ ޔަގީންކަން އޭނާއަށް އެންމެ ބޮޑަށް ލިބިގެން ދަނީ ކުޅުންތެރިންގެ އިތުބާރުން ކަމަށާއި މެނޭޖުމެންޓުންގެ އެއްބާރުލުމުން ކަމަށް މޯހަން ވަނީ ފާހަގަކޮށްފައެވެ. ސީޒަންގައި ކުރިޔަށް އޮތް ދުވަސްތަކުގައި އުނދަގޫހާލަތުގައި އޮވެ އެތަށް މެޗަކަށް މާޒިޔާއިން ނުކުންނާނެ ކަމަށެވެ.
އެހެންކަމުން މިވަގުތު އެކަމަށްވެސް ތައްޔާރުވަމުންދާ ކަމަށް މޯހަން ބުންޏެވެ. މި ސީޒަންގައި މާޒިޔާއާ ހަވާލުވި ކޯޗު މޯހަން ބުނީ ޓީމާމެދު ކުރެވޭ އުންމީދު ބޮޑުކަމަށާއި ޓީމުގެ މެނޭޖްމެންޓުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރާކަމަށެވެ.
ޕްރެޒިޓެންޑް ކަޕުގައި މިރޭ އީގަލްސްއާ ދެކޮޅަށް ނުކުންނައިރު އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާވި މޫސާ ޔާމީނާއި މިވަގުތު އަނިޔާގައި ހުރި އިބްރާހިމް މަހުދީ ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ފިޓުކަމަށް މޯހަން ބުންޏެވެ. މިހާތަނަށް ސީޒަން ކުޅުނު ދެ މެޗު ވެސް މާޒިޔާ އިން ވަނީ ކާމިޔާބުކޮށްފައެވެ.