މުނިފޫހިފިލުވުން

ދިޝާ ބޭނުންވީ އެކްޓްކުރާކަށް ނޫން


އެކްޓްކުރުމަކީ އޭނާ ދުވަހަކު ހުވަފެނުންވެސް ދުށް ކަމެއް ނޫންކަމަށް "މަލަންގް" ގެ ތަރި ދިޝާ ޕަޓްނީ ބުނެފިއެވެ. ދާދިފަހުން ދިން އިންޓަރވިއުއެއްގައި ދިޝާ ބުނީ އޭނާ އަބަދުވެސް ބޭނުންވީ އިންޑިއަން އެއަރފޯސްގެ ޕައިލެޓަކަށްވާންކަމަށެވެ. އަދި އޭނާ ކިޔެވީވެސް އިންޖިނިއަރިންގ ކަމަށެވެ.

ދިޝާ ބުނީ އެނާ މުމްބާއީއަށް ދިޔައީ ލަކްނޯ ކޮލެޖްގައި ކިޔަވަމުން ދިޔަ ދުވަސްވަރު މޮޑެލް ކުރަން ލިބުނު ފުރުޞަތެއްގައިކަމަށެވެ. އަދި އޭގެފަހުން އެޖެންސީއަކަށް އޭނާ ފާހަގަކުރެވި މޮޑެލްކުރަން ފުރުސަތު ލިބުނަކަމަށް ދީޝާ ފާހަގަކުރިއެވެ. އަދި އޭގެ ފަހުން ފިލްމުތަކުން ޖާގަ ލިބުކަމަށްވެސް ދީޝާ ބުންޏެވެ.

ދީޝާ ބުނީ އޭނާ އަކީ އަބަދުވެސް ވަރަށް މަޑުމައިތިރި ލަދުރަކި ކުއްޖެއްކަމަށެވެ. އަދި ފިލްމު ކުޅެން ފެށުމުން އެ އުޅުން ބަދަލު ކުރަން ނުޖެހޭކަމަށްވެސް ދިޝާ ބުންޏެވެ.

2015 ވަނަ އަހަރު ނުކުތް ތެލުގޫ ފިލްމު "ލޯފަރް" އިން އެކްޓިން ކެރިއަރ ފެށި ދިޝާ ބޮލީވުޑަށް ތަޢާރަފްވީ ސްޕޯރޓްސް ބަޔޯޕިކް "އެމްއެސް ދޯނީ" އިންނެވެ. ދިޝާގެ އިތުރު ފިލްމުތަކުގެ ތެރޭގައި 2016 ވަނަ އަހަރު ދެއްކި "ދަ އަންޓޯލްޑް ސްޓޯރީ"، 2018 ވަނަ އަހަރު ދެއްކި "ބާޣީ 2" ، 2019 ވަނަ އަހަރު ދެއްކި "ބާރަތް" އަދި 2020 ވަނަ އަހަރު ދެއްކި "މަލަންގް" ހިމެނެއެވެ.

ދިޝާ އެންމެ ފަހުން ފެނުނީ "ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއި" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ އެކްޝަން ޑްރާމާ "ޔޯދާ" އިންނެވެ.