ނައިފަރުގައި މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް އިންވިޓޭޝަން ކަޕްގައި ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ، ކުރެންދޫ އެފްސީ މުބާރާތުގެ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ.
ނައިފަރު ޓާފް ދަނޑުގައި މުބާރާތުގެ އެންމެފަހުން ކުޅުނު މެޗުގައި ކުރެންދޫ އިން ވަނީ 3-1 އިން ބަޒޫކާ ބަލިކޮށްފައެވެ. މި މެޗުގައި ކުރެންދޫގެ ފާތިމަތު ޝުއާއު ވަނީ ދެ ގޯލު ޖަހައިފައެވެ. އަނެއް ގޯލު ޖެހީ މަރިޔަމް ސަބާއެވެ. ބަޒޫކާގެ ހަމައެކަނި ގޯލު ޖެހީ ޝާފިއަތު މޫސާއެވެ. މި ނަތީޖާއާއެކު ކުރެންދޫ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ޑޮޓްކޮމް އެ މަގާމުގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އެޕެކްސް އަށް ވެސް ވަނީ އެއް މެޗުން ތިން ޕޮއިންޓް ލިބިފައެވެ. ހަތަރެއްގައި އޮތް އައިޑިއަލް މޫވްމަންޓާއި ފުލުގައި އޮތް ބަޒޫކާ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ނައިފަރުގައި ކުރިއަށްދާ އިންވިޓޭޝަން ކަޕްގައި އެންމެ ފުރަތަމަ ހަ ޓީމެއް ބައިވެރިވިއެވެ. އެކަމަކު، ފަހު ވަގުތު ހިންނަވަރު ޓީމު މުބާރާތުން ވަކިވީ އެ ރަށުގައި ކޮވިޑްގެ ހާލަތު އޭރު ގޯސްވުމުންނެވެ. ފަސް ޓީމުގެ މެދުގައި އަންނަ މަހު ފަސް ވަނަ ދުވަހާ ހަމައަށް ލީގު ބުރު ކުޅޭނެއެވެ. އެ އަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއްގެ މެދުގައި ފައިނަލް ކުޅޭނީ އަންނަ މަހު އަށް ވަނަ ދުވަހުއެވެ.
އެފްއޭއެމުން ވަނީ އިންވިޓޭޝަނަލް މުބާރާތްތަކެއް ލ އަތޮޅާއި ކުޅުދުއްފުށީ ސިޓީއާއި އަދި ފުވައްމުލައް ސިޓީގައި ވެސް ބާއްވަން ނިންމައިފައެވެ. އަދި މާލޭގައި ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި އަންހެން މުބާރާތުގެ ބައެއް ކުޅޭނެއެވެ. މި ފަސް ބައިގެ ޗެމްޕިއަނުން މާލޭގައި ފައިނަލް ބުރެއް ކުޅުމަށް ފަހު ރާއްޖޭގެ އަންހެން ޗެމްޕިއަނުން ހޮވާ ގޮތަށް ވަނީ ނިންމައިފައެވެ.
ނައިފަރުގައި މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް އިންވިޓޭޝަން ކަޕްގައި މިހާތަނަށް ވަނީ ހަތަރު މެޗެއް ކުޅެފަ.