ކުޅިވަރު

މޮޅުވިޔަސް މިއީ މާޒިޔާގެ ދުވަހެއް ނޫން: މޯހަން


ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތުގައި ޓީސީ އަތުން މޮޅުވިނަވެސް މިއީ މާޒިޔާގެ ދުވަހެއް ނޫންކަމަށް އެޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން މޯހަން ބުނީ ސީޒަންގައި މާޒިޔާއިން މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވިޔަސް ކުރިޔަށް ރަނގަޅުކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށެވެ. މޯހަން ބުނީ ކޮންމެ ދުވަހަކު ބޭނުންވާ ލެވަލަށް ނުކުޅެ މޮޅުވެވޭނެ ކަމަށް ނުދެކޭ ކަމަށެވެ. ކޮންމެ ޓީމެއް ވެސް ކުޅޭނެ ގޮތަކީ ފަހަތަށް ފައިބައިގެން ކައުންޓަ އެޓޭކަށް ވިސްނައިގެން ކަން މާޒިޔާ ކުޅުންތެރިން ވެސް ދަންނަން ޖެހޭނެ ކަމަށް މޯހަން ބުންޏެވެ.

މާޒިޔާގެ ކުޅުންތެރިން ސިކުނޑީގައި ބަހައްޓަން ޖެހޭނީ މުޅި މެޗަށް އެއްކޮށް ކޮންސަންޓްރޭޝަން ބަހައްޓައިގެން ކުޅުމަށް ކަމަށް މޯހަން ބުންޏެވެ.

”ފަހު ހައެއްކަ މިނިޓްގައި މި ވަންނަ ގޯލަކީ، އަމިއްލަ އަށް ދީގެން (ކަހަލަ ގޮތަކަށް) ބައިކޮޅަށް މި ވަންނަ ގޯލާއެކު މި ޕްރެޝަރަކަށް އަބަދު ނުވެސް ދެވޭނެ" މެޗަށްފަހު ވާހަދައްކަމުން މޯހަން ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ކޮންމެ ޓީމެއް ވަނީ ތިން މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އޮތް ވެލެންސިއާ އާއި ދެ ވަނައިގައި އޮތް މާޒިޔާ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ހަތަރެއްގައި އޮތް ސަސް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.

ފަސް ވަނައިގައި އޮތް ޓީސީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ދަ ގްރާންޑޭ އާއި ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ވަނީ ޕޮއިންޓެއް ލިބިފައެވެ. އީގަލްސް ފުލުގައި އޮތީ ތިން މެޗުން ބަލިވެ ޕޮއިންޓެއް ވެސް ނުލިބިއެވެ.

މާޒިޔާ އަށް ދެން އޮތީ ހޯމަ ދުވަހުގެެރޭ ދަ ގްރާންޑޭއާ ކުޅޭ މެޗެވެ.