އެސްޓަން ވިލާ އިން ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރައި 2-2 އިން މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުކޮށްފިއެވެ.
ޔުނައިޓެޑްގެ ދެ ގޯލު ޖެހީ ވެސް މިރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުުޅުނު ބްރޫނޯ ފެނާންޑޭސްއެވެ. އެސްޓަން ވިލާ އިން ނަތީޖާ ހަމަހަމަކުރަން ފޮނުވާލި ގިނަ ބޯޅަތަކެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ. އެމީ ބުއެންޑީއާ އާއި ލޫކަ ޑީނިއާ އަދި ރަމްސީ ޖެހި ބޯޅަތައް ޑެހެއާ ހުއްޓުވިފަހުން މެޗުގެ 67 ވަނަ މިނިޓްގައި ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ދެ ގޯލުގެ ލީޑެއް ނަގައިދީފައެވެ.
އެސްޓަން ވިލާ އިން މެޗުގެ 77 ވަަނަ މިނިޓްގައި ޖޭކަބް ރާމްސީ ގޯލު ޖެހީ ކުޓީނިއޯ ތަނަވަސްކުރި އެޓޭކެއްގަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ރާމްސީ ދިން ބޯޅައަކުން ކުޓީނިއޯ ވަނީ ގޯލެއް ޖަހައި އެސްޓަން ވިލާ އަށް އެއްވަރުކޮށްދީފައެވެ.
ރޭގެ މެޗުން މޮޅުވެގެން ޔުނައިޓެޑަށް ހަ ވަނަ އަށް އެރުމުގެ ފުރުސަތު އޮތް ނަމަވެސް އެއްވަރުވުމުން އޮތީ ހަތް ވަނައިގައެވެ. އެއީ 20 މެޗުން 32 ޕޮއިންޓާ އެކުއެވެ. ހަ ވަނައިގައި އޮތީ 18 މެޗުން 33 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް ހޮޓްސްޕާސްއެވެ. ފަސް ވަނައިގައި 20 މެޗުން 35 ޕޮއިންޓާ އެކު އާސެނަލެވެ.