ޚަބަރު

"ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ ބޮޑުބައި މިމަހު ނިމޭނެ"


ބ.ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެދަށުން ގޮނޑުދޮށުގައި ޖަހާ ޖީއޯބޭގްގެ މަސައްކަތް މިމަހުގެތެރޭ ނިންމާލެވޭނެކަމަށް މަސައްކަތުގެ ކޮންޓެކްޓަރާ ޙަވާލާދީ އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޢާދިލް ވިދާޅުވީ ޖިއޯ ބޭޖް ޖެހުމުގެ މަސައްކަތުގެދަށުން މިހާރު މަސައްކަތް ނުނިމި އޮތީ ކުޑަ ސަރަހައްދެއްކަމަށެވެ. އެ މަސައްކަތް ނިމުމުން އެސަރަހައްދަށް އަޅަން ބޭނުންވާ ވެލި މިހާރު ޖަމާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ވެލި ނަގަނީ މިހާރު ކޮނެފައިއޮތް ފަޅުންނެވެ. އެކަންކުރަނީ އެފަޅު ތިލަވާތީ އެކަމަށް ހައްލުހޯދައި ދިނުމުގެ ބޭނުމާވެއް އެކުގައެވެ.

ޙިމާޔަތްކުރާ ބިންގަނޑު އެއްވަރުކުރުމަށާއި ޖީއޯ ބޭގްތަކަށް އެޅުމަށް މަދުވެގެން 11،700 އަކަމީޓަރުގެ ސަރަޙައްދަކަށް ވާވަރަށް ވެލި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. ތުޅާދޫ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމަށް 280 މީޓަރުގެ ސަރަޙައްދެއްގައި ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ވިދާޅުވީ މުޅިމަސައްކަތުގެ %70 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

ރަށް ގިރުމުގެ މައްސަލަ އަބަދުވެސް ކުރިމަތިވާ ތޫޅާދޫގައި ޙިމާޔަތް ކުރަނީ ރަށުގެ އުތުރުފަރާތެވެ. އެރަށު ކައުންސިލުން ވިދާޅުވީ އެސަރަހައްދުން މިވީ 5 އަހަރެއްހައި ދުވަހުގެތެރޭގައި 90 ފޫޓަށްވުރެ ބޮޑު ސަރަހައްދެއް ގިރައިގެން ގޮސްފައިވާކަމަށެވެ. މި ސަރައްދު ޙިމާޔަތްކޮށް ނިމުމުން މިސަރަހައްދުގެ ގެތަކަށް ލޮނުގެ އަސަރު ކުރުން ކުޑަވެ ރައްކާތެރިކަން ލިބިގެންދާނެކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

މި މަޝްރޫއުއަށް 10.13 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މި މަސައްކަތް މިއަހަރު ފަހުކޮޅު ނިންމާލެވޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.