ޚާއްޞަ އެހީއަށް ބޭނުންވާ
ކުދިންނަށް ކިޔަވައިދިނުމަށް ތަމްރީނުވެފައިވާ ފަސްދޮޅަހަށްވުރެ ގިނަ ޓީޗަރުން ދިރާސީ
އައު އަހަރާއިއެކު ތަޢުލީމީ ދާއިރާއާއި ގުޅޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން
ވިދާޅުވެއްޖެއެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ
ކުދިންނަށް ކިޔަވައިދޭނެ ތަމްރީނު ލިބިފައިވާ މަދުވެގެން އެއް ޓީޗަރަކު ރާއްޖޭގެ
ކޮންމެ ސްކޫލެއްގައި ބެހެއްޓެވުމަކީ ސަރުކާރުގެ އަމާޒެކެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ
ކުދިންނަކީ އެހެން ކުދިންނާއި ޚިލާފަށް، ޚާއްޞަ އެހީތެރިކަމާއި އަޅާލުންބޭނުންވާ
ކުދިންތަކެކެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ޤަބޫލުކޮށް އަދި
ދަރިވަރުންގެ ބޭނުންތައް ފާހަގަކުރެވި، އުނގެނުމުގައި ހުރިހާ ކުދިންނަށްވެސް
ހަމަހަމަ ފުރުސަތުތަކެއް ޤައުމީ މަންހަޖުން ދަނީ ފަހިކޮށްދެމުންނެވެ. އަދި
ދަރިވަރުންނަށް އުނގަންނައިދޭން ވާނީ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން
ދެނެގަނެގެން އެކުދިންގެ ބޭނުންތަކަށް އަމާޒުކޮށްގެނެވެ.
ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ތަމްރީނު ލިބިފައިވާ މަދުވެގެން
އެއް ޓީޗަރަކު ބެހެއްޓުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން އެޑިޔުކޭޝަން
މިނިސްޓްރީން މިދިޔަ އަހަރު ވަނީ ރާއްޖޭގެ އެކި ހިސާބުން 68 ޓީޗަރުން ތަމްރީނު
ކުރައްވާފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް
ސެކްރެޓަރީ ޑޮކްޓަރ ޢަބްދުލް މުޙްސިން މުޙައްމަދު ވިދާޅުވީ، ޚާއްޞަ އެހީއަށް
ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށްޓަކައި ޓީޗަރުން ތަމްރީނުކުރުމުގެ
މަސައްކަތުގެތެރެއިން މިދިޔަ އަހަރު ތަމްރީނުކޮށްފައިވާ ޓީޗަރުން ދިރާސީ އައު
އަހަރާއިއެކު ތަޢުލީމީ ދާއިރާގައި ޙަރަކާތްތެރިވާން ފަށާނެކަމަށެވެ.
އަދި، މިއަހަރުވެސް އިތުރު ތަމްރީން ޕްރޮގްރާމްތައް
ހިންގަވާނެކަމަށާއި، މިހާރުވެސް 40 އަށްވުރެ ގިނަ ޓީޗަރުން މި ތަމްރީންތަކުގައި
ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް މުޙުސިން ވިދާޅުވިއެވެ.
މިތަމްރީނު ޕްރޮގްރާމްތަކުގައި
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި ގެންގުޅެންޖެހޭ
ހުނަރުތަކާއި އުކުޅުތައް އަދި ފުރަތަމަ މަރުހަލާގައި އެކަން ދެނެގަންނާނެ އަދި
ދުރާލާއެފަދަ ކަންކަން ދެނެގަންނާނެ ގޮތްތައް އުގަންނައިދޭނެކަމަށް މުޙުސިން
ވިދާޅުވިއެވެ.
މަރިޔަމް ޝަތްރަތު ޝާކިރަކީ މީގެ
11 އަހަރު ކުރިން ފެށިގެން އިމާދުއްދީން ސްކޫލްގައި ޚާއްޞަ އެހީއަށް ބޭނުންވާ
ކުދިންނަށް ކިޔަވައިދެމުން ގެންދާ ޓީޗަރެކެވެ. އޭނާ ވިދާޅުވީ، އެފަދަކުދިންނަށް
ކިޔަވައިދިނުމުގައި ޚާއްސަ ތަމްރީނެއް ލިބުމަކީ ވަރަށް މުޙިއްމުކަމެއްކަމަށެވެ. އެފަދަ
ކުދިންގެ ފެންވަރު ދެނެގަނެ، އެފަދަ ކުއްޖެއް ހުރި ހުނަރު ތަރައްޤީކުރާނެ ގޮތްތައް
ޓީޗަރުން ކަނޑައަޅަންޖެހޭކަމަށެވެ.
އުނގެނުމުގައި ޚާއްޞަ އެހީއަށް
ބޭނުންވާ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ހުރިހާ ފަރާތްތަކުން
ގުޅިގެން ކުއްޖާއަށް ލިބިފައިހުންނަ ހުނަރުތައް ތަރައްޤީކުރުމަށް އެހީވެދޭންޖެހެއެވެ.
މިކަމަށްޓަކައި ރާއްޖޭގެ އެކި ސްކޫލްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ
ދަރިވަރުންނަށް އުނގެނެވޭނެ އިންތިޒާމު ސްކޫލްތަކުގައި ވަނީ ހަމަޖައްސާފައެވެ.