ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރަގަޅު ޚިދުމަތެއް ނުލިބޭ ވާހަކައަކީ އަބަދުވެސް ރަށްރަށުގައި ދައްކާ ވާހަކައެކެވެ.
2006ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ފ.ނިލަންދޫ ސިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުވިފަހުން އެ ހޮސްޕިޓަލުގެ ޚިދުމަތް ދުވަހެއް ދުވަހަކަށް އަންނަނީ ފުޅާވަމުންނެވެ. އެހެން ބައެއް ރަށްރަށާ ޚިލާފަށް ޚިދުމަތްތައް ފުޅާކުރުމަށް އެ ހޮސްޕިޓަލަކުން ސަރުކާރަށް ނުވަތަ ހެލްތު މިނިސްޓްރީއަށް އެކަނި ބަރޯސާވެގެން ނުތިއްބެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން އެމީހުން ބޭނުންވީ ހުއްދައެވެ. ޚިދުމަތްތަކަށް ބޭނުންވާ އިމާރާތާއި މެޝިނަރީޒް ވެސް އެމީހުން އަމިއްލައަށް ހޯދައިފިއެވެ. މިކަންކުރީ އެހޮސްޕިޓަލުގައި އުފައްދާފައި އޮންނަ ރެކްރިއޭޝަން ކްލަބުގެ މަސައްކަތުންނެވެ. މިއީ ރާއްޖޭގެ މިފަދަ ޚިދުމަތްދޭ މުއައްސަސާތަކުން ޢާއްމުކޮށް ނުފެންނަކަމެވެ.
މިދިޔަ ހޯމަ ދުވަހު އެހޮސްޕިޓަލުން ލޮލުގެ ބަލިތަކާ ގުޅޭ ޚިދުމަތް ދޭންފެށުމާ ގުޅިގެން ޚަބަރަށް ބޭނުންވާ މަޢުލޫމާތެއް ހޯދަން އަޅުގަނޑު އެ ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހީމް ޚަލީލަށް ގުޅާލީމެވެ. ޚަލީލުގެ ވާހަކާގައި އެންމެފުރަތަމަވެސް ޝުކުރު އަދާކުރެއްވީ ހޮސްޕިޓަލުގެ ރެކްރިއޭޝަން ކްލަބަށެވެ. ޝައްކެއްވެސް ނެތެވެ.
ފަހަކަށް އައިސް އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއްގައި މި ކްލަބްގެ ބައިވެރިވުން ބޮޑެވެ. އެންމެ ފަހުން ދޭންފެށި ލޮލުގެ ބަލިތަކާ ގުޅޭ ޚިދުމަތަށް ބޭނުންވާ މެޝިނަރީޒް ހޯދައިދީ ޢިމާރާތް ހެދީ ވެސް އެކްލަބުގެ ޚަރަދުގައެވެ. މެޝިނަރީޒްގެ އަގު އެކަނިވެސް ދެލައްކަ އައްޑިހަ ހާސް ރުފިޔާއަށް އަރައެވެ. އަދި ޢިމާރާތް ހެދުމުގެ މަސައްކަތް ކުރީވެސް ކްލަބުގެ މެމްބަރުންނެވެ. މިއީ އެމީހުންނަށް އާ ކަމެއްވެސް ނޫނެވެ. މިގޮތައް މިމަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވަނީ ވެފައެވެ.
ދެން އޮތީ ހޮސްޕިޓަލްގެ ޑެންޓަލް ޚިދުމަތެވެ. އެޚިދުމަތަށް ބޭނުންވާ ހުރިހާ މެޝިނަރީޒްއެއް ގަތުމަށް އެއް ލައްކަ ސާޅީސް ފަސް ހާސް ރުފިޔާގެ މާލީއެހީއެއް އެކްލަބުން ވަނީ ފޯރުކޮށްދީފައެވެ. މިތަނަށް އިކުއިޕްމަންޓާއި މެޝިނަރީޒް ގެންނަނީ ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސްއިން ފާސްކޮށްގެންނެވެ.
މިއީ އާދަޔާ ޚިލާފު ނަމޫނާއެކެވެ. މި ހޮސްޕިޓަލުގެ މުވައްޒަފުން ދައްކައިދެނީ އެއްބައިވަންތަކަމެވެ. މި ހޮސްޕިޓަލުގެ މިހާރުގެ އަމާޒަކީ ޑައިލެސިސްއާއި ފިޒިއޯތެރަޕީގެ ޚިދުމަތްވެސް ދިނުމެވެ. ޑައިލަސިސްގެ ޚިދުމަތް މިއަހަރު ތެރޭގައި ފެށުމަކީ އެ ހޮސްޕިޓަލުގެ އަމާޒެވެ. އަދި ފިޒިއޯތެރަޕީގެ ޚިދުމަތަށް ބޭނުންވާ ޢިމާރާތުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. މިމަސައްކަތް ކުރީވެސް ކަލްބްގެ މެމްބަރުންގެ މަސައްކަތުންނެވެ.
މިހޮސްޕިޓަލުގެ މުވައްޒަފުންގެ ކިބައިގައި ހުރީ ހަމައެކަނި ސިއްޙީ ޚިދުމަތްދިނުމުގެ ހުނަރާއި ޤާބިލުކަމެއް ނޫނެވެ. ރާނައި ސިމެންތި ޖަހައި ތަޅުންއަޅައި ތަށި މުށިޖަހަންވެސް އެމީހުން ފަރިތައެވެ.
މަހެއްގެ މައްޗަށް މަދުވެގެން 8000 ރުފިޔާ މިކްލަބަށް ޢާމްދަނީގެގޮތުގައި ލިބެއެވެ. އެއީ ހޮސްޕިޓަލު ސަރަޙައްދުގައި އެ ކްލަބުން ހަދާފައި ހުންނަ ކެފޭގެ ކުއްޔާއި ފާމަސީ ހިންގާ ޢިމާރާތުގެ ކުއްޔާއި އެހެން ރަށްރަށުން ބަލިމީހުން ގޮވައިގެން އަންނަ މީހުންނަށް ދުވަހު ކުއްޔައް ދޫކުރަން ހަދާފައިހުރި ދެކޮޓަރިން ލިބޭ ޢާމްދަނީއެވެ. މީގެއިތުރުން އެ ހޮސްޕިޓަލުގައި ހަދާފައި ހުންނަ ޖަލްސާ ކުރާ މާލަމް ކުއްޔަށް ދޫކޮށްގެން ވެސް ކްލަބަށް ފައިސާ ލިބެއެވެ. ކުލަބުގެ މާލީ ޙާލަތު ރަގަޅުކުރުމަށް ހޮސްޕިޓަލްތެރޭގައި 24 ގަޑިއިރު ޚިދުމަތްދޭ ކުޑަ ފިހާރައެއް ނުވަތަ ގިފްޓް ސޮޕެއް ހުޅުވަން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.
މި ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ފ.އަތޮޅުގެ ހުރިހާ ރަށަކުން މީހުން އާދެއެވެ. އަދި އެހެން ބައެއް އަތޮޅުތަކުގެ ރަށްރަށުންވެސް މީހުން އާދެއެވެ. އެގޮތުން އދ.އަތޮޅާއި ދ.އަތޮޅުގެ ބައެއް ރަށްރަށުންވެސް މި ހޮސްޕިޓަލުގެ ޚިދުމަތް ހޯދަން މީހުން އާދެއެވެ.
މި ހޮސްޕިޓަކުގެ މުވައްޒަފުންނަކީ ގޮތް ހޯދައިގެން ކަންކަން ޙާސިލުކުރުމުގެ ޢަޒުމުގައި ތިބި ޓީމްވޯކް ރަނގަޅު ބައެކެވެ. އުފެއްދުންތެރި ވިސްނުމުގެ ހިންގުތެރި ބައެކެވެ.
މިހާރު މި ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކުގެތެރޭގައި އަންހެނުންގެ ޚާއްސަ ބަލިތަކާ ގުޅޭ ޚިދުމަތާއި، ކުޑަކުދިންގެ ޚާއްސަ ބަލިތަކާ ގުޅޭ ޚިދުމަތާއި، އެތެރެހަށީގެ ބަލިތަކާ ގުޅޭ ގުޅޭ ޚިދުމަތް ހިމެނެއެވެ. އަދި އޮޕަރޭޝަން ކުރުމުގެ ޚިދުމަތާއި ދަތާއި ކަށީގެ ބަލިތަކާ ގުޅޭ ޚިދުމަތުގެ އިތުރުން ސްކޭންކުރުމާއި އައިސީޔޫގެ ޚިދުމަތާއި އެންއައިސީޔޫގެ ޙިދުމަތްވެސް ހިމެނެއެވެ. މީގެ އިތުރުން ލެބޯޓަރީއެއްގެ ޙިދުމަތްވެސް ހިމެނެއެވެ.
މި ހޮސްޕިޓަލުން ދައްކައިދެނީ ތަންތަނުގެ ރެކްރިއޭޝަން ކްލަބު ތަކަކީ ހަމައެކަނި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ކަންކަން އެކަނިކުރަން އޮންނަ ބައެއް ނޫންކަމެވެ. ނުވަތަ އެކި ކަންކަމާ ގުޅިގެން ބާއްވާ ހިނގާލުންތަކާއި ބެނާ ދެމުމާއި ދުވަސްތައް ފާހަގަކުރަން އޮންނަ ބައެއްވެސް ނޫންކަމެވެ. މިއީ އެއަށްވުރެ މާ ފުޅާ އުފެއްދުންތެރި ފައިދާހުރި ބޮޑެތި ކަންކަން ކުރެވިދާނެ މަގެއްކަމެވެ.