އައްޑޫގައި ތަރައްޤީކުރާ މެންޓަލް ހެލްތު ސެންޓަރުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގ މަރުޙަލާގައި ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މިމަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ.
މިއަހަރުގެ އޭޕްރީލްމަހު އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ހިލޭ އެހީގެ ދަށުންވަނީ އައްޑޫ ސިޓީގައި ނަފްސާނީ ބައްޔަށް ފަރުވާދޭ މަރުކަޒެއް ޤާއިމުކުރުމަށް ނިންމާފައެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ދަށުން މިމަރުކަޒު ހިންގުމަށް ހަމަޖެހިފައިވީ ނަމަވެސް މެންޓަލް ހެލްތު ސެންޓަރު ހިންގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ފޭދޫގައި މިހާރު ހިންގަމުން އަންނަ ސިއްޙީ މަރުކަޒާއި އިންވެގެން ހުރި ޢިމާރާތެއްގައެވެ.
އޭއީއެޗްއިން ބުނީ މެންޓަލް ހެލްތު ސެންޓަރު ހެދުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ހުރި ސްޓްރަކްޗަރއެއްގައި ކަމުން
މިހާރު ކުރިއަށްދަނީ އެތަން މެންޓަލް ހެލްތު ފެސިލިޓީއެއްގޮތަށް ބަދަލުކޮށް ރީޑިޒައިން ކުރުމުގެ މަސައްކަތް ކަމަށެވެ.
އަދި މިމަހުގެ ތެރޭގައި މިމަސައްކަތް ނިމޭނެ ކަމަށް އެހޮސްޕިޓަލުން ލަފާކުރެއެވެ. އޭއީއެޗްއިން މިހާރުވަނީ މަސައްކަތްތައް ކުރިއަށްގެންދާނެ ތާވަލެއް ކަނޑައަޅާ ދިވެހި ސަރުކާރާއި އަދި އިންޑިއާ އެމްބަސީއާއި ހިއްސާކޮށްފައެވެ. އަދި ތާވަލާއެއްގޮތަށް މަސައްކަތްތައް ކުރިއަށް ދާނެކަމަށް ހޮސްޕިޓަލުން އުއްމީދުކުރެއެވެ.
އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނައިރު މީގެތެރެއިން ބައެއް މަޝްރޫޢުތައް ނިމި މިހާރުވަނީ ބޭނުންކުރަން ފަށާފައެވެ. އެޗް.އައި.ސީ.ޑީ.ޕީގެ ދަށުން މަޝްރޫޢުތައް ހިންގާ ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި، އިކޯ-ޓުއަރިޒަމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ދަނޑުވެރިކަމާއި، ސަޤާފަތާއި ތަރިކައާއި، ސިއްޙީ ދާއިރާއާއި، ރަށްރަށުގެ ޢުމްރާނީ ތަރައްޤީއާއި ތަޢުލީމުގެ ދާއިރާ ހިމެނެއެވެ. ރާއްޖޭގައި ހިންގޭ އެޗް.އައި.ސީ.ޑީ.ޕީ މަޝްރޫޢުތަކަށް ޖުމްލަ 155 މިލިއަން ދިވެހި ރުފިޔާވަނީ ކަނޑައަޅާފައެވެ.