ޚަބަރު

އިހަވަންދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް


އުތުރުގެ މުހިއްމު ބަނދަރެއްގެ ގޮތުގައި ހިމެނޭ ހއ.އިހަވަންދޫ ބަނދަރުގެ މަސައްކަތް ނިމުމަކީ މުޅި އެހިސާބުގެ ރައްޔިތުން ކުރަމުން އަންނަ ދިގު އިންތިޒާރެކެވެ.

މިހާރު މަސައްކަތް ދާގޮތަށް ބަލާއިރު އަންނަ އޯގަސްޓް ހިސާބު މިމަސައްކަތް އެއްކޮށް ނިމޭނެކަމަށް އިހަވަންދޫ ކައުންސިލުން ލަފާކުރެއެވެ.

ހއ.އިހަވަންދޫގެ ބަނދަރުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީންނެވެ. އިހަވަންދޫ ބަނދަރުގެ މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. ކޯވިޑްގެ ދަތިތަކާއެކު މަސައްކަތްތައް މަޑުޖެހުނު ނަމަވެސް އެމްޓީސީސީން މިހާރު މަސައްކަތް ކުރަމުން އަންނަނީ އިހަވަންދޫގެ ބަނދަރު ވީއެންމެ އަވަހަކަށް ނިންމުމަށެވެ. އެގޮތުން މިމަސައްކަތުގެ 92 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިހާރު ކުރަމުންދަނީ ބައްތި ހަރުކުރުމާއި ރިވެޓްމަންޓު ޖެހުމުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސަބާޙް ވިދާޅުވީ އެމްޓީސީސީން 24 ގަޑިއިރުހެން މަސައްކަތްކުރާކަމަށެވެ. އަދި ބަނދަރުގެ މަސައްކަތްތަކުގެ ތެރެއިން ބޭރު ތޮށި ލުމުގެ މަސައްކަތް ނިމިފައިވާއިރު މިހާރު ބޭރު މަގުގެ މަސައްކަތް ފަށާފައިވާކަމަށް ސަބާޙް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތީ ބަނދަރު ފުންކުރުމުގެ މަސައްކަތްތަކަމަށާއި އެމަސައްކަތް ނިމުމާއެކު އަންނަ އޯގަސްޓް ހިސާބުގައި ބަނދަރުގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށް ކައުންސިލުން ލަފާކުރެއެވެ.

އާބާދީގައި 3500އަށްވުރެ ގިނަ މީހުން ދިރިއުޅޭ އިހަވަންދޫއަކީ އަތޮޅުގައި މަސްވެރިކަމުގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ބަނދަރުގެ ޖާގަ ކުޑަވުމަކީ މަސްވެރިންނާއި އެރަށުގެ ބޯޓު ދަތުރުކުރާ ފަރާތްތަކުގެ ޝަކުވާއެކެވެ. މިއާއެކު އިޤްތިޞާދީގޮތުން ތަރައްޤީވަމުން އަންނަ އިހަވަންދޫ ރައްޔިތުންގެ ޝަކުވާތަކަށް ނިމުން އަންނާނެ ކަމަށް ކައުންސިލުން ދެކެއެވެ.

ދައުލަތުގެ ބަޖެޓުން 48.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ތިރީސްހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކޮށް 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލާ، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމަށްވަނީ ހަމަޖެހިފައެވެ. އަދި 178 މީޓަރުގެ ރިވެޓްމަންޓެއްވެސް ޖެހުމަށްވަނީ ހަމަޖެހިފައެވެ.