ހޮލީވުޑްގެ ޑައިރެކްޓަރު މާޓިން ސްކޯސެސީގެ ފިލްމަކަށް އަނެއްކާވެސް އެކްޓަރު ލިއެނާޑޯ ޑިކެޕްރިއޯ ހަމަޖައްސައިފިއެވެ.
މި ދެމީހުން އެކުގައި މަސައްކަތްކުރާ ފިލްމަކީ ނޫސްވެރިޔާ ޑޭވިޑް ގްރާންގެ ކުރިއަށް އޮތް ނޮންފިކްޝަން ފޮތް ކަމަށްވާ "ދަ ވޭޖާ" ގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު "ދަ ވޭޖާ" އެވެ.
2023 ވަނަ އަހަރުގެ އޭޕްރީލް މަހު ޝާއިއުކުރާ "ދަ ވޭޖާ" ގައި ކިޔައިދެނީ 1700 ގެ އަހަރުތަކުގައި "ވޭޖާ" ކިޔާ އިނގިރޭސި ކަނޑުގެ ސިފައިންގެ ބޯޓެއްގެ ވާހަކައެވެ. މި ވާހަކައިގައި ސްޕެއިންގެ ޚަޒާނާތަކުން ފުރިފައިވާ ގޭލިއަންއެއް ހޯދުމަށް ކުރި ސިއްރު މިޝަނެއްގެ ތެރޭގައި ބޯޓުގެ ފަޅުވެރިންނާއިއެކު އެ ބޯޓު ޕެޓަގޯނިއާގެ އައްސޭރީގައި އޮންނަ ފަޅު ޖަޒީރާއަކަށް ފަރަށް އަރައެވެ.
އެއަށްފަހު ފަޅުވެރިން ނާމާންކަމެއްގެ ތެރޭގައި އުޅުމަށްފަހު އެނބުރި މީހުން އުޅޭ ތަނަކަށް އާދެވޭއިރު އެމީހުންނަށް އެކި ކަހަލަ ތުހުމަތު ކުރެއެވެ.
ކުރިއަށް އޮތް މި ތްރިލާ ފިލްމަކީ ޑައިރެކްޓަރު މާޓިން އާއި ލިއެނާޑޯ އެކުގައި މަސައްކަތްކުރާ 6 ވަނަ ފަހަރެވެ. މީގެކުރިން މި ދެމީހުން ވަނީ "ގޭންގްސް އޮފް ނިއުޔޯކް"، "އޭވިއޭޝަން"، "ދަ އޮޑިޝަން"، "ވޯލްފް އޮފް ވޯލް ސްޓްރީޓް" އަދި އެމީހުންގެ ކުރިއަށް އޮތް "ކިލާ އޮފް ދަ ފްލާވާ މޫން" ގައިވެސް އެކުގައި މަސައްކަތްކޮށްފައެވެ.
"ކިލާ އޮފް ދަ ފްލާވާ މޫން" އަކީވެސް ޑޭވިޑް ގްރާންގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ގެނެސްދެނީ 1920 ވަނަ އަހަރު އޮކްލަހޯމާގައި ހިނގި ސިލްސިލާ މަރުގެ މައްސަލަތަކެވެ. މި ފިލްމުގައި ރޮބަޓް ޑި ނީރޯ، ޖެސީ ޕްލެމޮންސް، ލިލީ ގްލެޑްސްޓޯން އަދި ބްރެންޑަން ފްރޭސާވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ.
"ދަ ވޭގާ" ރިލީޒްކުރާނެ ތާރީޚެއް އަދި ނޭގެއެވެ. ނަމަވެސް "ކިލާ އޮފް ދަ ފްލާވާ މޫން" ރިލީޒްކުރުން އަދި ރާވާފައިއޮތީ އަންނަ އަހަރު މެއި މަހަށެވެ.
މާޓިން ޑައިރެކްޓުކުރާ މި ދެ ފިލްމުގެ އިތުރުން އެޕަލް ސްޓޫޑިއޯސް އިން ދަނީ ގްރާންގެ "ދަ ވައިޓް ޑާކްނެސް" ގެ ލިމިޓެޑް ސީރީޒް އެޑެޕްޓޭޝަނެއް ވެސް އުފައްދަމުންނެވެ. މި ސީރީޒްގެ ލީޑް ރޯލުން ފެންނާނީ ޓޮމް ހިޑްލްސްޓަންކަމުގައި ރިޕޯޓުތައް ބުނެއެވެ.