ޚަބަރު

"ލާލް ސިންގް ޗައްޑާ" އަށް އާމިރުގެ ދަރިފުޅު އޯޑިޝަން ދިން


ބޮލީވުޑް އެކްޓަރު އާމިރުޚާންގެ ކުރިއަށްއޮތް ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ލީޑް ރޯލަށް އާމިރުގެ ދަރިފުޅު ޖުނައިދު ޚާން އޯޑިޝަން ދިން ކަމަށް އާމިރު ބުނެފިއެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި އާމިރު ބުނީ ޖުނައިދު އަށް އެ ރޯލު ނުލިބުނީ އަލަށް އަންނަ މީހަކަށް އެ ރޯލު ކުޅެވިދާނެކަމާމެދު އަދިތްޔާ ޗޯޕްޅާ އާއި އަތުލް ކުލްކަރުނިކާއަށް ޔަޤީންނުވުމުންކަމަށްވެސް އާމިރު ބުންޏެވެ.
އާމިރު މިހާރު އަންނަނީ މި ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ.

މި ރޯލަށް ޖުނައިދު ވަރަށް ބޮޑަށް ފިޓުވާކަމަށް އާމިރު އަށް ޔަޤީންވާކަމަށްވެސް އިންޓަވިއުގައި އެނާ ބުންޏެވެ.
އަތުލް އެޑެޕްޓްކޮށް އަދްވައިތު ޗަންދާން ޑައިރެކްޓްކޮށްފައިވާ "ލާލް ސިންގް ޗައްޑާ" އަކީ 1994 ވަނަ އަހަރު ރޮބަޓް ޒެމެކިސްގެ އޮސްކާ އެވޯޑް ލިބުނު ފިލްމު "ފޮރެސްޓް ގަމްޕް" ގެ ހިންދީ ރީމޭކެވެ.

"ފޮރެސްޓް ގަމްޕު" ގައި ހޮލީވުޑް ތަރި ޓޮމް ހެންކްސް ޓައިޓަލް ރޯލުން ފެނިގެން ދިޔައެވެ. މިއީ 2018 ގެ ބޮޑު ފްލޮޕް "ތަގްސް އޮފް ހިންދުސްތާން" އަށް ފަހު ރިލީޒްވާ އާމިރުގެ ފުރަތަމަ ފިލްމެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ލާލް ސިންގް ޗައްޑާގައި އިންޑިއާގެ ބައެއް ތާރީޚީ ހާދިސާތައް ދައްކާނެއެވެ. ކަރީނާ ކަޕޫރާއި ނާގާ ޗައިތަންޔާ ވެސް ލީޑް ރޯލުން ފެނިގެންދާ މި ފިލްމު ސްކްރީންތަކަށް އަންނާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
ޖުނެއިދަކީ އާމިރު ޚާން އާއި އޭނާގެ ކުރީގެ އަންހެނުން ރީނާ ދައްތާގެ ދޮށީ ދަރިފުޅެވެ.

އާމިރަކީ ހިންދޫ ދީނަށް ފުރައްސާރަކުރާ މީހެއްކަމަށް ބުނެ މި ފިލްމު ބޮއިކޮޓް ކުރުމަށްވެސް ބައެއް މީހުން ޝޯޝަލް މީޑިއާގައި އަންނަނީ ގޮވާލަމުންނެވެ. ފިލްމު ބޮއިކޮޓް ނުކޮށް ފިލްމު ބެލުމަށް އާމިރު ވަނީ އެދިފައެވެ.

މިދިޔަ އަހަރު މަސައްކަތް ފަށާފައިވާ ފިލްމު "މަހާރާޖާއާ" އަކީ ޖުނައިދު ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ. ޖުނައިދުގެ އިތުރުން ޝަލީނީ ޕާންޑޭ އާއި ޝަރުވާރީ ވާގް އަދި ޖައިދީޕް އަހްލާވަތު ވެސް މި ފިލްމުން ފެނިގެންދާނެއެވެ.