ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ޑައިރެކްޓަރު ޝަޝަންކު ކައިތާން ޑައިރެކްޓުކުރާ ފިލްމު "ސްކްރޫ ދީލާ" ގެ ރޯލަކަށް ވަރުން ސޫދު ހަމަޖައްސައިފިއެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު އިއުލާނުކުރި މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ އެކްޝަން ފިލްމުތައް ކުޅޭ ޓައިގާ ޝްރޮފްއާއި ސައުތު އިންޑިއަން ސިނަމާގެ ތަރި ރަޝްމިކާ މަންދަންއެވެ.
ވަރުން ވަނީ މީގެކުރިން ރާޖް މެހެތާގެ "ޖުގް ޖުގް ޖިޔޯ" ގައިވެސް މަސައްކަތްކޮށްފައެވެ. އޭގައި ވަރުން ފެންނަނީ ޕްރަޖްކާ ކޮލީގެ ކުރީގެ ލޯބިވެރިޔާގެ ރޯލުންނެވެ. ވަރުން މަޝްހޫރު ވެފައިވަނީ އެމްޓީވީގެ ރިއަލިޓީ ޝޯ ރޯޑީސް އާއި ސްޕްލިޓްވިލާ އިންނެވެ.
ޝަޝާންކް ލިޔެ ޑައިރެކްޓުކުރާ މި އެކްޝަން ތުރިލާ އަކީ 2018 ގައި "ދަޅަކް" ގެނެސްދިން ޑައިރެކްޓަރުގެ ފުރަތަމަ އެކްޝަން ފިލްމު ވެސްމެއެވެ.
އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭ "ސްކްރޫ ދީލާ" ގެ ބޮޑުބައެއް ޝޫޓްކުރަން ހަމަޖެހިފައިވަނީ ޔޫރަޕްގައެވެ. އަދި މިއީ ޝިޝާންކްއާ އެކީ ޓައިގާ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ދަރުމާ އަށް ޓައިގާ ކުޅުނު ފުރަތަމަ ފިލްމަކީ 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އެވެ.
ޝިޝާންކް ދެން އެންމެ އަވަހަށް ޑައިރެކްޓުކުރާނެ ފިލްމަކީ ދަރުމާގެ ކޮމެޑީ ފިލްމު "ގޯވިންދާ މޭރާ ނާމް" އެވެ. މި ފިލްމުގެ ތަރިންނަކީ ވިކީ ކޯޝަލާއި، ކިއާރާ އަދުވާނީގެ އިތުރުން ބޫމީ ޕަޑްނޭކަރެވެ. ޝިޝާންކަކީ އާލިއާ ބަޓާއި ވަރޫން ދަވަންގެ "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
"ހީރޯޕަންތީ 2" ގެ ބޮޑު ނާކާމިޔާބީއަށްފަހު ޓައިގާ މިހާރު ވަނީ ވިކާސް ބާލްގެ "ގަނަޕަތު" ނިންމާލާފައެވެ. ޓައިގާ ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ އަލީ އައްބާސް ޒަފަރުގެ "ބަޅޭ މިޔާން ޗޯޓޭ މިޔާން" ގެ މަސައްކަތެވެ. މީގެއިތުރުން ސިދާތު އާނަންދާއި ރޯހިތު ދަވަން ޕްރޮޑިއުސްކޮށްފައިވާ "ރަމްބޯ" ގެ ރީމޭކަކީވެސް ޓައިގާގެ ކުރިއަށްއޮތް ފިލްމެކެވެ.