ޚަބަރު

ލޯބީގެ ފިލްމެއް އިއުލާނުކުރުމަށްފަހު އަނެއްކާވެސް ޝާހިދުގެ އައު ފިލްމެއް


ޝާހިދު ކަޕޫރުގެ ލޯބީގެ ފިލްމެއް އިއުލާނުކޮށްފައިވަނީ ދާދިފަހުންނެވެ. މި ފިލްމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނިއިރު މީގެ އަންހެން ލީޑް ރޯލަށް ހަމަޖައްސާފައިވަނީ ކްރިތީ ސެނޮންއެވެ.

ފިލްމުގެ ޝޫޓިން މުމްބާއީ، ދިއްލީ އަދި ޔޫރަޕްގައި ވެސް ކުރިއަށްދާނެ ކަމަށް އޭރު ވަނީ އިއުލާނުކޮށްފައެވެ. މި ފިލްމުގެ މަސައްކަތް ނުފެށި އުޅެނިކޮށް އަނެއްކާވެސް މި ވަނީ ޝާހިދުގެ އައު ފިލްމެއް އިއުލާނުކޮށްފައެވެ. ޝާހިދުގެ މިފަހަރުގެ ފިލްމަކީ ޕްރޮޑިއުސަރު ސިދާތު ރޯއީ ކަޕޫރުގެ ކުރިއަށް އޮތް ފިލްމެވެ.

ފިލްމަކާއިބެހޭގޮތުން ޝާހިދާއި ސިދާތް ވާހަކަ ދައްކަމުން އަންނަތާ ދުވަސްގަނޑެއް ވެއްޖެއެވެ. އެންމެ ފަހުން ނިމުނީ ތްރިލާއެއްގެ މަސައްކަތް ކުރުމަށެވެ. މި ފިލްމު ޑައިރެކްޓުކުރާނީ މަލަޔާލަމް ޑައިރެކްޓަރު ރޮޝަން އެންޑްރޫސްއެވެ.

ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްވެސް ފަށާފައިވާ މި ފިލްމުގެ މަސައްކަތް ފަށާނެ އިރެއް އަދި ނޭގެއެވެ. އަދި މި ފިލްމަށް ވަގުތު ދިނުމަށް ޝާހިދު އަންނަނީ އެނާގެ ޝޫޓިންގ ޝެޑިއުލް ބަލަމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިއީ "ނޯޓްބުކް"، "މުމްބާއީ ޕޮލިސް" އަދި "ސެލޫޓް" ފަދަ ގިނަ ފިލްމުތަކުން މަޝްހޫރުވި ޑައިރެކްޓަރު ރޮޝަން އެންޑްރޫސް ޑައިރެކްޓުކުރާ ފުރަތަމަ ހިންދީ ފިލްމެވެ. ރޮޝާން ވަނީ މީގެ ކުރިންވެސް އެތައް ފަހަރަކު ޝާހިދާ ބައްދަލުކޮށް އޭނާގެ ސްކްރިޕްޓާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

މި ދެ ފިލްމަށްފަހު ޝާހިދު ދެން އެންމެ އަވަހަށް ތައްޔާރު ވާނީ ވޫޓު އަދި ޖިއޯ އިން މިއަހަރު ޕްރިމިއާ ކުރާ އަލީ އައްބާސް ޒަފަރުގެ ކުރިއަށް އޮތް ފިލްމަށެވެ. ރާޖް އެންޑް ޑީކޭގެ ވެބް ސީރީޒް "ފަރްޒީ" އަކީވެސް ޝާހިދުގެ ކުރިއަށް މަސައްކަތެކެވެ. މި ސީރީޒް ރިލީޒްކުރާނީ އެމެޒޯން ޕްރައިމް އިންނެވެ.

މީގެއިތުރުން ޝާހިދު އަންނަނީ ޗަޓްރަޕަތީ ޝިވާޖީ މަހާރާޖް އަދި އަދި ކަރްނާގެ މައްޗަށް އުފައްދާ ދެ ފިލްމު ހިމެނޭގޮތަށް އިތުރު ޕީރިއަށް ފިލްމުތަކަކާއިބެހޭގޮތުންވެސް މަޝްވަރާކުރަމުންނެވެ.