ޚަބަރު

ހަންޏާމީދޫ ފެނުގެނިޒާމުގެ މަސައްކަތް މިމަހުގެތެރޭގައި ނިންމަނީ


އދ.ހަންޏާމީދޫގައި ސަރުކާރުން ޤާއިމްކުރާ ރައްކާތެރި ފެނުގެ ނިޒާމްގެ މަސައްކަތް މިމަހުގެތެރޭ ނިންމާލެވެނޭކަމަށް މަސައްކަތުގެ ކޮންޓެކްޓަރ ބުނެފިއެވެ. މި މަސައްތް އެރަށުގައި ކުރަމުންދަނީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެެސްސީންނެވެ.

މިމަޝްރޫޢުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ޙަވާލުކުރީ ފެނުގެ ނިޒާމް ފަރުމާ ކުރުމުގެ މަސައްކަތާވެސް އެއްކޮށެވެ. ކުރިން މި މަސައްކަތް މިއަހަރުގެ މޭމަހަށް ނިންމާލުމަށް ކަނޑައެޅިނަމަވެސް އެކަން ނުވީ މަސައްކަތް ކުރުމަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބައެއް ސާމާނު ނުލިބިގެންކަމަށް އެކުންފުނިން ވިދާޅުވެއެވެ. އެހެން ނަމަވެސް މިހާރު އެހުރިހާއެއްޗެއް ލިބި ބޮޑެތި ހުރިހާ މަސައްކަތެއް ވަނީ ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ ފެންޓެސްޓް ކުރުމުގެ މަސައްކަތެވެ.

ފެންފޯރުކޮށްދިނުމަށް ފެނުގެ ނެޓްވޯކް އަޅައި ދުވާލަކު 37 ޓަނުގެ ފެން އުފެއްދޭވަރުގެ 2 ފެން ޕްލާންޓް ބަހައްޓައި އިންސްޓޯލްކޮށް ވަނީ ނިންމާފައެވެ. މި 2 ޕްލާންޓުން އުފައްދާ ފެން، ރައްކާކުރުމަށްޓަކައި 200 ޓަނުގެ 2 ފެންތާންގީ ބެހެއްޓުމަށް ހަމަޖެހިފައިވާ ތާނގީތައް ބަހައްޓާ ކަނެކްޝަން ހަދާފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މީގެ އިތުރުން ވާރޭފެން ރައްކާކުރުމަށް ބަހައްޓާ 503 ޓަނުގެ ތާނގީގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. ފެން އުފެއްދުމަށް ފެން ނަގަން ހަމަޖެހިފައިވަނީ ބިމުގެ 30 ނުވަތަ 40 މީޓަރު އަޑިއަށް ބޯހޯލް ތޮރުފައިގެންނެވެ. މި މަސައްކަތް ނިންމާ ޒާމާނީ ފެންވަރުގެ ވަސީލަތްތަކާއެކު މި ތަނުގައި ކުރަން ހުރި އިތުރު ކުދިކުދި މަސައްކަތްތައްކޮށް މިމަހުގެތެރޭގައި ނިންމާލެވޭނެކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. އެކުންފުނިން ވިދާޅުވީ ރަށުން ކަރަންޓްގޮސްދާނެ ޙާލަތެއްގައި އެމެޖެންސީކޮށް ހިންގާނެ ޖަނަރޭޓަރ ސެޓްވެސް ގެންގޮސް އިންސްޓޯލްކޮށް ނިމިފައިވާކަމަށެވެ.

ހަންޏާމީދޫ ކައުންސިލުން ވިދާޅުވީ މަސަކަތް ކުރިއަށްގެންދަނީ ރައްޔިތުންނާ ގުޅިގެން ކައުސިލުން ބޭނުވާ ގޮތައްކަމަށެވެ. ރަގަޅު ނަރުދަމާނިޒާމެއް ރަށުގައި މީގެ ކުރިން ޤާއިމްވެފައި ނެތުމުން ފާޚާނާތަކުން ނަޖިސް ބިމައް ހިނދުމުގެ ސަބަބުން ރަށުގެ ފެންފަށަލަ އެއްކޮށް ވަނީ ހަލާކުވެފައެވެ. ފެންތިލަ ހިސާބުތަކުގައި ފެނުން ނުބައި ވަސްދުވުމާ ފެނުގެ ކުލަ ނަޖިސް ކުލައިގައި ހުންނަކަމަށް އެރަށު ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ރައްޔިތުން ފެންބޭނުން ކުރަނީ އޮކްސިޖަން ޕަންޕް ޖަހައިގެން ފެނުން ވަސް ކަނޑުވައިގެންނެވެ.

ފަތުރުވެރިކަމުގެ ސިނާ އަތުގައި ކުރިއަރަމުން އަނަން ހަންޏާމީދޫގައި މި ވިޔަފާރި ފުޅާކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަށް ހައްލު ލިބިގެންދާއިރު، ނަޖިސްފެނުން ފެންވަރާ ރައްޔިތުން ތިބީ އެ މަސްރޫއުގެ މަސައްކަތް ނިމި ރައްކާތެރި ފެންލިބޭނެ ދުވަހެއްގެ އިންތިޒަރުގައެވެ.