ރ.ފައިނުގައި ސަރުކާރުން ކުރިއަށްގެންދާ ފެނާއި ނަރުދަމާ މަސައްކަތުގެ ދަށުން އެރަށުގައި އަލަށް އާބާދުވާ ސަރަހައްދުގައި ފެން ހޮޅި އެޅުމުގެ މަސައްކަތް ފަށައިފިއެވެ. ފައިނު ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ފައިސަލް ވިދާޅުވީ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުން ލަސްވީ މަގުތަކަށް އަރާ ރުއްތައް ނެގުމުގެ މަސައްކަތް ލަސްވުމުން ކަމަށެވެ. އެހެން ނަމަވެސް މިޙާރު މަގުތައް ސާފުކޮށް ސައިޓް އެމްޑަބްލިއުއެސްސީއަށް ދީފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިނުގައި ޤާއިމް ކުރާ ފެނާއި ނަރުދަމާ މަސައްކަތުގެ 82 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތުގެ 54 އިންސައްތަ ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ވިދާޅުވެއެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދުގައި ފެނުގެ މައި ހޮޅި ވަޅުލާނިމިފައިވާ ކަމަށްވެސް އެމްޑަބްލިއުއެސްސީއިން ވިދާޅުވެއެވެ.
އަލަށް އާބާދުވާ ސަރަހައްދުގައި ނަރުދަމާ މައިހޮޅި ވަޅުލުމުގެ މަސައްކަތް ނުފެށި ލަސްވަނީ މަސައްކަތަށް ބޭނުންވާ ސާމާނު ނުލިބިގެންނެވެ. އެމަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ. މި ސާމާނުތައް ލިބުމުން ގެތަކަށް ކަނެކްޝަން ގުޅުމުގެ މަސައްކަތްވެސް ފެށޭނެ ކަމަށް އެކުންފުނިން ބުނެއެެވެ.
ރ.ފައިނުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މިމަޝްރޫޢުގެ ދަށުން އެރަށުގައި 5.38 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމްކޮށް 130 ގެއަކަށް ފެނުގެ ޚިދުމަތް ގުޅައިދޭނެއެވެ. އަދި ފެން އުފެއްދުމަށް އެރަށުގައި ބަހައްޓާ ދެ އާރްއޯ ޕްލާންޓުން ދުވާލަކު ވިހި ޓަނުގެ ފެން އުފއްދޭނެއެވެ. އެގޮތުން އެފެން ރައްކާކުރުމަށް 175 އަކަ މީޓަރުގެ 2 ތާނގީއާއި ވާރޭފެން ރައްކާކުރުމަށް 490 އަކަމީޓަރުގެ ފެން ރައްކާކުރެވޭ ވަރުގެ އެއް ތާނގީ ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިތާންގީތަކުގެ މަސަކަތްވެސް މިހާރު ކުރަމުންދާކަމަށް އެމްޑަބްލިއުއެސްސީ އިން ވިދާޅުވެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ވާރޭ ފެން ހިންދުމަށް ޚާއްސަ ނިޒާމެއްވެސް އެރަށުގައި ޤާއިމް ކުރާނެއެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 4.86 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 130 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދޭނެއެވެ. އަދި ޕަމްޕްސްޓޭޝަން ޤާއިމްކޮށް ސީ އައުޓްފޯލެއް އަޅައި 1.53 ގެ ޕަންޕިން މެއިންއެއް ޤާއިމް ކުރުންވެސް ހިމެނެއެވެ. ފައިނުގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރުމަށް ޕްލޭނިންގް މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 63.3 މިލިއަން ރުފިޔާ އަށެވެ.