ޚަބަރު

މިއަހަރުގެ މެރިން ސައިންސް ސިމްޕޯޒިއަމްއަށް 34 ދިރާސީ ކަރުދާސް


ކަންކަން ނިންމުމުގައި ދިރާސާގެ އަލީގައި އެއްކުރެވިފައިވާ ވެށީގެ މަޢުލޫމާތުގެ ބޭނުން ނުކުރާނަމަ ދެމެހެއްޓެނިވި ކުރިއެރުން ނުގެނެވޭނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސެސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެހެންކަމުން ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން ހެދޭ ދިރާސާތަކަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިއްމު ދިރާސާތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

4 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސެސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ގުދުރަތީ ވެއްޓަށް ގެއްލުން ނުވާނެހެން ކާބަފައިންގެ ޒަމާނުގައި އުޅެވުނީ އޭރުގެ ބޭނުންތަކާއި މިހާރުގެ ހުރި ބޭނުންތައް ރައްޔިތުންގެ ތަފާތުވުމުންކަމަށެވެ.

އެގޮތުން ރަށްރަށުގައި އާބާދީ ކުޑަވުމުގެ ސަބަބުން ބިން ހިއްކުމާއި ގުޅޭގޮތުން އޭރު ވިސްނަން ނުޖެހުނުނަމަވެސް މިއަދު ރަށްރަށުގައި އިތުރުވަމުންދާ އާބާދީއާއެކު ބިން ހިއްކުން ނޫންގޮތެއް މިއަދު ނެތްކަމުގެ މިސާލު މިނިސްޓަރވަނީ ޖައްސަވާފައެވެ. އެހެންނަމަވެސް މިފަދަ މަޝްރޫޢުތައް ހިންގުމުގައިވެސް ނިންމާ ނިންމުންތަކަކީ ދިރާސީ ހެކީގެ އަލީގައި ކުރާކަމެއްކަމުގައިވާނަމަ އެއީ އެކަމުން ލިބޭ ގެއްލުން ކުޑަކުރެވޭނެކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން ހެދިފައިވާ ދިރާސާތަކާއެކު ކުރިއަށްގެންދާ 4 ވަނަ މެރިން ސައިންސް ސިމްޕޯޒިއަމްއަށް މިއަހަރުވަނީ ކަނޑައެޅިފައިވާ 6 ދާއިރާއިން 34 ދިރާސާ ކަރުދާސް ހުށައަޅާފައެވެ.

މިއަހަރުގެ ސިމްޕޯޒިއަމް ކުރިއަށްދަނީ ދެ ދުވަހުގެ މުއްދަތަކަށެވެ. މިއަހަރުގެ ސިމްޕޯޒިއަމްގައި ކަރުދާސް ހުށައަޅާފައިވަނީ ވަށައިގެންވާ ގުދުރަތީ ވެއްޓާއި، މަސްވެރިކަމާއި، ފަރުތަކުގެ ދިރާސާއާއި ކަނޑުފަޅުގެ ބޭނުން މެހެއްޓެނިވިގޮތުގައިކުރުމާއި ކަނޑުފަޅުގެ ދިރުންތަކާއި، މޫސުމީ ބަދަލްތަކާއި، ކަނޑުގެ ދިރުންތަކުގެ ބޭނުންހިފުމާއި، ކަނޑުފަޅުގެ އެކި ސަރަޙައްދުތައް ޙިމާޔަތްކުރުމުގެ މައްޗަށެވެ.

މެރިން ސިމްޕޯޒިއަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ބައިވެރިވެއެވެ. މިސިމްޕޯޒިއަމްއަކީ މެރިން ރިސަރޗް ދާއިރާގައި ޙަރަކާތްތެރިވާ ސައިންސްވެރިންގެ މެދުގައި މަޤުބޫލު ސިމްޕޯޒިއަމްއެކެވެ. މެރިން ރިސަރޗް އިންސްޓިޓިއުޓްއިން އެންމެ ފުރަތަމަ ރާއްޖޭގައި މި ސިމްޕޯޒިއަމް ބާއްވާފައިވަނީ 2016 ވަނަ އަހަރުގައެވެ.