ބޮލީވުޑް ދެ ތަރިން ކަމުގައިވާ ސިދާތު މަލޯތުރާއާއި ކިއާރާ އަދުވާނީ ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްގަޑެއްވަނީ ވެފައެވެ. ނަމަވެސް މި ގުޅުން ދެ މީހުންކުރެ އެކަކުވެސް ޔަޤީންކޮށްދީފައެއް ނުވެއެވެ.
މި ދެ ތަރިން އެކުގައި ފެނުނު މިދިޔަ އަހަރު ރިލީޒްކޮށްފައިވާ ފިލްމު "ޝޭރުޝާހު" އަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެމީހުން އެކުގައި ބޭއްވި އިންސްޓްގްރާމް ލައިވް ޝޯވ ގެ ފަހުން ދެ ތަރިންގެ މެދުގައި ގުޅުމެއް އޮންނަ ވާހަކަ މާބޮޑަށް ވަނީ ދެކެވިފައެވެ. މި ލައިވް ޝޯވ ގައި ދެ މީހުން އެކުގައި އަނެއްކާވެސް ފިލްމަކުން ފެންނަން އުޅޭ ކަމުގެ އިޝާރާތެއްވެސް ވަނީ ކޮށްފައެވެ.
އޭގެ ފަހުން މިހާރު މިވަނީ މި ފިލްމު އުފައްދާކަމަށް ބުނެ މީޑިއާތަކުން ރިޕޯޓުކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން ކިއަރާއާއި ސިދާތް މިފަހަރު ފެންނަ ފިލްމަކީ ވަރަށް ތަފާތު ލޯބީގެ ފިލްމެކެވެ. މި ފިލްމުގެ ނަމަކީ "އަދަލް ބަދަލް" ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ފިލްމަކީ ސުނީރު ޚެތަރްޕާލް ޕްރޮޑިއުސް ކުރާ ފިލްމެއް ކަމަށާއި މި ފިލްމުގައި ވަރަށް ގިނަ ވިޝުއަލް އިފެކްޓުވެސް ފެންނާނެކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ކިއާރާއާއި ސިދާތު ލޯބީގެ ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ. މި ފިލްމުގެ އިތުރުން އެހެން ފިލްމަކުންވެސް ދެމީހުން އެކުގައި ފެންނަން އުޅޭ ވާހަކަތައް ވަނީ ދެކެވިފައެވެ. ނަމަވެސް މިކަން އެ ދެ ތަރިން ކަށަވަރެއް ނުކޮށްދެއެވެ.
ސިދާތު މިހާރު އުޅެނީ އޭނާގެ ފުރަތަމަ ވެބް ސީރީޒް ކަމަށްވާ ރޯހިތު ޝެޓީގެ "އިންޑިއަން ޕޮލިސް ފޯސް" ގެ ޝޫޓިންގައި ވަރަށް ބިޒީކޮށެވެ. ސިދާތު ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "މިޝަން މަޖްނޫ"، "ޔޯދާ" އަދި "ތެންކް ގޯޑް" ވެސް ހިމެނެއެވެ.
އަނެއްކޮޅުން ކިއާރާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ރާމް ޗަރަން އާއިއެކު ފެންނަ "އާރްސީ15" އާއި "ގޯވިންދާ ނާމް މެރާ" ހިމެނެއެވެ. މި ފިލްމުގައި ވިކީ ކޯޝާލް އާއި ބޫމީ ޕަޑްނޭކަރްވެސް ފެންނާނެއެވެ.