ޚަބަރު

ރަޔަން ގޯސްލިން އާއި މާގޯ ރޮބީ އަނެއްކާވެސް އެކުގައި


އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ކުޑަކުދިންގެ މަޝްހޫރު ކާޓޫން ފްރެންޗައިޒް "ބާބީ" ގެ ލައިވް އެކްޝަން ފިލްމުގެ ދެ ތަރިން ކަމަށްވާ ރަޔަން ގޯސްލިން އާއި މާގޯ ރޮބީ އަނެއްކާވެސް އެކުގައި ފެންނަން ތައްޔާރުވެއްޖެއެވެ.

އޯޝަންގެ "އިލަވަން" ކިޔާ މި ފިލްމުގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއްނުވެއެވެ. އަންނަ އަހަރު މަސައްކަތް ފަށަން ހަމަޖެހިފައިވާ މި ފިލްމުގެ ސްކްރިޕްޓް ލިޔަނީ ކެރީ ސޮލޮމަންއެވެ. ފިލްމުގައި ފެނިގެންދާނީ 1960 ގެ އަހަރުތަކުގެ ޔޫރަޕްގެ މަންޒަރުތަކެކެވެ. ރޮބީ އާއި ގޯސްލިން ކުޅެނީ ކޮން ކަހަލަ ރޯލުތަކެއް ކަމެއްވެސް އަދި ސާފެއް ނުވެއެވެ.

މިއީ 2001 ވަނަ އަހަރު ސްޓީވަން ސޮޑަރބާގް ފްރެންޗައިޒް ރީބޫޓް ކުރި ފަހުން އޯޝަންއިން އުފައްދާ 5 ވަނަ ފިލްމެވެ. 2018 ވަނަ އަހަރު ރިލީޒްކުރި ސްޕިންއޮފް ފިލްމު "އޯޝަންސް 8" ގައި ސަންޑްރާ ބުލޮކް، ކޭޓް ބްލެންޗެޓް، އޭން ހެތަވޭ، ސާރާ ޕޯލްސަން، ހެލެނާ ބޮންހަމް ކާޓާ، ރިހާނާ، މިންޑީ ކަލިންގް، އަދި އޮކްވާފިނާ ފަދަ ތަރިން ފެނިގެންދިޔައެވެ.

ރިޕޯޓުތައް ބުނާގޮތުން މި ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ޖޭ ރޯޗްއެވެ. މިއީ ޓޮމް އެކަރލީ އާއި މިޝެލް ގްރެހަމް އާއެކު ރޮބީ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ގޭރީ ރޮސް އާއި އޮލިވިއާ މިލްޗް އަދި ލަކީޗެޕްގެ ޖޯސީ މެކްނަމާރާ ވެސް ހިމެނެ އެވެ.

ދެ ފަހަރަށް އޮސްކާ އެވޯޑަށް ނޮމިނޭޓްވި ރަޔަން އަކީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރެކެވެ. 40 އަހަރުގެ ރަޔަންގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ނޯޓްބުކް"، "ބްލޫ ވެލަންޓައިން"، "ކްރޭޒީ، ސްޓްޕިޑް، ލަވް"، "ދަ ބިގް ޝޯޓް" އަދި "ލާ ލާ ލޭންޑް" ހިމެނެ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ހަނދަށް ދިޔަ އެމެރިކާގެ ނީލް އާމްސްޓްރޯންގްގެ ރޯލު ކުޅުނު 2018 ގެ "ފަސްޓް މޭން" އެވެ.

މާގޯ މި ފިލްމުގެ ލީޑް ރޯލުން ފެންނައިރު އަމިއްލަ ކުންފުނި ލަކީޗެޕް އެންޓަޓައިންމަންޓްގެ ދަށުން އޭނާ މި ފިލްމު ޕްރޮޑިއުސްވެސް ކުރެއެވެ.

މިހާރު މަސައްކަތްވެސް ފަށާފައިވާ ފިލްމު "ބާބީ" ބެލުންތެރިންނަށް ގެނެސްދޭން އަމާޒު ހިފާފައި އޮތީ 2023 ގެ ޖުލައި މަހުގެ ތެރޭގައެވެ. މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެ، ޑައިރެކްޓްކުރަނީ "ލިޓްލް ވުމަން" އާއި "ލޭޑީބާޑް" ގެނެސްދިން ގްރެޓާ ގާވިގް އެވެ. އޭނާއާ އެކު "ބާބީ" ގެ ސްކްރީންޕްލޭގައި ނޯއާ ބޯމްބަކްވެސް ހިއްސާވެއެވެ.