ޚަބަރު

"ދަ ކާޑޭޝިއަން" ސީޒަން 2 އަންނަމަހު 22 ގައި


ކާޑޭޝިއަން އާއިލާގެ މެމްބަރުންގެ ދިރިއުޅުން ދައްކުވައިދޭ ޝޯވ "ކީޕިން އަޕް ވިތް ކާޑޭޝިއަން" ގެ ފުރަތަމަ ސީޒަނަށްފަހު އެ އާއިލާއިން އަނެއްކާވެސް އައު ޝޯވއެއް ފަށަން ތައްޔާރުވެއްޖެ ކަމަށް އިއުލާނުކުރީ މިދިޔަ ޖެނުއަރީ މަހުއެވެ.

އޭގެފަހުން މިދިޔަ ޖުލައި މަހު ވަނީ ޝޯވގެ ދެ މިނެޓުގެ ޓްރެއިލާއެއް ދައްކާލާފައެވެ. "ދަ ކާޑޭޝިއަންސް" ގެ ނަމުން ނަން ދީފައިވާ ޝޯވގެ ޓިޒާއެއް އަނެއްކާވެސް މިވަނީ ދޫކޮށްލާފައެވެ.

އައު ޕްރޮމޯވެސް ފަށަނީ ކިމް ކާޑޭޝިއަން އާއި އާއިލާ ވެރައިޓީގެ އިންޓަވިއުގެ ޝޫޓިންއަށް ތައްޔާރުވާ ހިސާބުންނެވެ. އަދި އަބަދުވެސް ބޭނުންވަނީ އޭނާ އަކީ ކާކުކަން މީހުންނަށް އެނގެން ކަމަށް ބުނާ ތަންކޮޅެއްވެސް ޕްރޮމޯގައި ދައްކާލައެވެ. ޕްރޮމޯ އިތުރަށް ކުރިއަށްދާއިރު ކެންޑަލް ޖެނަރ މަތިންދާ ބޯޓަކަށް އަރާ ތަންކޮޅެއްވެސް ދައްކާލައެވެ.

ކިމް އާއި ލޯބިވެރިޔާ ކޮމީޑިއަން ޕީޓް ޑޭވިޑްސަން ގުޅުން ނިންމާލާފައިއޮތް ނަމަވެސް ޝޯއިން ޕީޓް ފެންނާނެކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ޕީޓްގެ މާބޮޑު ބައެއް ދައްކާނެކަމަކަށް ނުބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ. ދެ މީހުންގެ ގުޅުމުގެ ވާހަކަ ފުރަތަމަ ސީޒަނުގައި ކިމް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިއޮތް ނަމަވެސް އެ ސީޒަންގައިވެސް ޕީޓް ފެނިފައެއް ނުވެއެވެ.

ޖުލައި މަހު ދައްކާލީ ޝޯވގެ ފުރަތަމަ ޓްރެއިލާ ގައި "ދަ ކާޑޭޝިއަން" ޖުމްލަކޮށް ފެންނާނެ ހުރިހާ ކަމެއް ކުރުގޮތަކަށް ދައްކާލައެވެ. ސީޒަން 2 ގައި ފެންނާނެ ހުރިހާ ކަމެއްގެ ފްލޭޝް ބެކެއް މި ޓްރެއިލާގައި ދައްކާލައެވެ. މި ސީޒަންގެ ސްޕޮޓް ލައިޓަށް ވާނީ ކޯޓްނީ އާއި ޓްރެވިސްގެ ލޯބި ކައިވެނި ކަމަށްވެސް އޭރު މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

2020 ވަނަ އަހަރު ކާޑޭޝިއަން އާއިލާއާއި ހުލޫ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޝޯވ ސްޓްރީމް ކުރާނީ ހުލޫ އިންކަމުގައިކަމަށްވެސް ވަނީ އިއުލާނުކޮށްފައެވެ. މި ޝޯވ ސްޓްރީމް ކުރަން ފަށާނީ އަންނަ މަހުގެ 22 ގައެވެ.

6 މެމްބަރުން ހިމެނޭ ކަޑޭޝިއަން އާއިލާގެ މެމްބަރުންނަކީ ކިމް ކާޑޭޝިއަން، ކައިލީ ޖެނާ ގެ އިތުރުން ކްލޯއީ ކާޑޭޝިއަން އާއި ކޯޓްނީ ކާޑޭޝިއަން އާއި ކެންޑަލް ޖެނާ އަދި ހަމައެކަނި ފިރިހެން ދަރިފުޅު ރޮބް ކާޑޭޝިއަން އެވެ. މި އާއިލާގެ އިސް މީހަކީ މަންމަ ކްރިސް ޖެނާއެވެ.