މާލޭގެ މަގުތަކުގައި ވެހިކަލްގެ ބާރު ބޮޑުވެ ހިނގާބިނގާވުމަށާއި ދުއްވާއެއްޗިއްސަށްވެސް މަގު ބޭނުންކުރުންވަނީ ދަތިކަމަކަށްވެފައެވެ. މިކަމަށް ދާއިމީ އަދި ދެކޮޅު ޖެހޭ ޙައްލަކީ ޢާއްމުން ބޭނުންކުރާނެ ބަހުގެ ޚިދުމަތެއް އަތްފޯރާފަށުގައި ދިނުންކަމަށް ސަރުކާރުން ދެކެއެވެ. މީގެކުރިންވެސް ޤާއިމުކުރުމަށް މަސައްކަތްކޮށް ކާމިޔާބު އޭރު ނުވި ބަހުގެ ޚިދުމަތް މާލެތެރޭގައި ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޓެސްޓު ބަސް ދަތުރުތައް ބާއްވަމުންދާއިރު ބަހުގެ ރޫޓުތައް ކަނޑައަޅާ އެމަގުތަކުގައި ހުރި ވެހިކަލްތައް ނަގާ ވެހިކަލް ޕާކުކުރެވޭނެ އިތުރު ސަރަޙައްދުތައް އަންނަނީ ތަރައްޤީކުރަމުންނެވެ.
މިގޮތުން އަމީނީ މަގުގެ ޓްރެފިކް ޕޮލިސް ކައިރިންވަނީ ޕާކިންގ ޒޯނެއް ހަދަން ނިންމާފައެވެ. މިމަސައްކަތުގެ ދަށުން މިހާރުވަނީ ޕާކިންގ ޒޯންގެ ހުރިހާ ކޮންކްރީޓް މަސައްކަތެއް ނިންމާލާފައެވެ. މީގެއިތުރުންވެސް ބަހުގެ ރޫޓުތެރޭގައި ހިމެނޭ މަޖީދީމަގާއި ފަރީދީ މަގުގައި ހުރި ވެހިކަލްތައް ނެގުމަށް އެސަރަޙައްދުތަކުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕާކިންގ ޒޯންތަކުގައިވެސް ކޮންކްރީޓް މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ޕާކިންގ އިތުރުކުރުމަށް ބިން ދީފައިވަނީ، ހ. ސަމޯސާވިލާ ގެއިންނާއި، ހައިކޯޓު ކުރިމަތިން އޮންނަ ބިމާއި، އަމީނީމަގުން ދަރުބާރުގެ ކައިރީގައި އޮންނަ ރުއްގަނޑު ސަރަޙައްދާއި މާފަންނުން ކޮރަލް ބޮލެވަރޑް ސަރަޙައްދުންނާއި، އަދި މަޖީދީމަގުން ހީނާމާގެއާއި ބިއްލޫރިޖެހިގެއިންނެވެ. މީގެ އިތުރުންވެސް އިތުރު ބައެއް ބިންތައް މިކަމަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް އެބިންތަކާއި ގުޅޭ ބައެއް ކަންކަން އެއްކޮށް އަދި ނުނިމޭކަން ސިޓީ ކައުންސިލުން ފާހަގަކުރައްވައެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް 12 މިނީބަސް އެމްޓީސީސީއިންވަނީ ގެނެސްފައެވެ. މިހާރު ބަސްދަތުރުތަކަށް ޑިމާންޑު އޮންނާނެގޮތާއި ރޫޓުތަކުގައި ދަތުރުކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށާއި، ދަތުރުކުރުމަށް އެންމެ އެކަށީގެންވާ ގަޑިތައް ދެނެގަތުމަށް އަންނަނީ ޓެސްޓު ދަތުރުތައް ބާއްވަމުންނެވެ.
މިނީބަހުގެ ޚިދުމަތާއެކު ރަނގަޅު ދަތުރުފަތުރުގެ ނިޒާމެ މާލޭގެ އެތެރޭގައި ޤާއިމުކުރެވިއްޖެކަމުގައިވާނަމަ މާލޭގެ އެތެރޭގެ ހަލަބޮލިކަން ކުޑަވެ އަމާންވެއްޓެއް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަށަވަރުވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ. އަދި ދަތުރުފަތުރުގެ ޚަރަދަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.