އަތޮޅުތެރޭގައި ހިންގާ އެންމެ ބިޔަ ހައުސިންގ މަޝްރޫޢުކަމަށްވާ ކުޅުދުއްފުށީ ހައުސިންގ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ބިން ކަނޑައަޅައި އެމަސައްކަތުގެ ކޮންޓްރެކްޓަރުންނާއި ބިން ޙަވާލުކޮށްފިއެވެ.
މިމަޝްރޫޢުގެ ދަށުން 11 ބުރީގެ 5 ޓަވަރު ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގްރޭޓަރ މާލޭ ސަރަޙައްދަށްފަހު އެންމެ ބިޔަކޮށް ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢޫ ހިންގުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. މިގޮތުން 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މިމަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 440 މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި ޗައިނާގެ RD23 މެތޮލޮޖިކަލް ކޮންސްޓްރަކްޝަން ގްރޫޕާއިވަނީ ޙަވާލުކޮށްފައެވެ.
މިމަސައްކަތްކުރުމަށް ބޭނުންވާ ބިން ކަނޑައަޅައި ކުޅުދުއްފުށި ސިޓީ ކައުންސިލުން މިހާރުވަނީ ކުންފުނިތަކާއި ޙަވާލުކޮށްފައެވެ. އެގޮތުން 11 ބުރީގެ 5 ޓަވަރުގައި 1000 އަކަފޫޓުގެ ޖާގައިގެ 3 ކޮޓަރިއާއި ފާޚާނާއާއި ސިޓިންގ ރޫމާއި ބަދިގެއާއި ލޯންޑްރީގެ އިތުރުން ސްޓޯރ ރޫމެއް ހިމެނޭގޮތަށް 400 އެޕާޓްމަންޓް ތަރައްޤީކުރެވޭނެހެން ބިން ވަނީ ދޫކޮށްފައެވެ. މީގެއިތުރުން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން އެޕާޓްމަންޓްތަކަށް ސައިކަލް ޕާކުކުރެވޭނެ ޖާގައެއް ދެވޭނެކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިމަސައްކަތް އެކުންފުނިތަކާއި ޙަވާލުކޮށްފައިވަނީ ދޮޅުއަހަރުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ރާއްޖޭގެ ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ބޯހިޔަވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އަންނަނީ ގެދޮރުވެރިކަމުގެ އެކި މަޝްރޫޢުތައް ހިންގަމުންނެވެ. މާލެ ސަރަޙައްދު ފިޔަވާ މިފަދަ މަޝްރޫޢުތައް ސަރުކާރުން ޢިއުލާންކޮށްފައިވާ ރަށްރަށުގެ ތެރޭގައި ހއ.ދިއްދޫއާއި، ހދ.ކުޅުދުއްފުއްޓާއި ށ.މިލަންދޫއާއި، ށ.ކޮމަންޑޫއާއި، ނ.މަނަދޫއާއި، ނ.ހޮޅުދޫއާއި، ބ.ތުޅާދޫއާއި، ޅ. ހިންނަވަރާއި، ނައިފަރާއި، ކުރެންދޫއާއި، ތ. ތިމަރަފުއްޓާއި، މ.ކޮޅުފުއްޓާއި، ލ.ގަމުގެ އިތުރުން ގއ. ވިލިގިއްޔާއި، ގދ.ތިނަދޫ ހިމެނެއެވެ.
މީގެއިތުރުން ހދ. ހަނިމާދޫއާއި ނޮޅިވަރަންފަރާއި ތ.ވިލުފުށީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި މީގެކުރިން ތަރައްޤީކުރުމަށް ހަވާލުކޮށް އަދި މަސައްކަތް ހުއްޓިފައިވާ ހައުސިންގ މަޝްރޫޢުތަކުގެ މަސައްކަތްވެސް އަލުން ވަނީ ފަށާފައެވެ.
ބޯހިޔަވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މީގެކުރިން މާލެ ސަރަޙައްދަށް އެކަނި ސަމާލުކަމެއް ދެވިފައިވީ ނަމަވެސް ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ ހުރިހާ ރަށެއް އިސްތިސްނާކުރުމެއްނެތި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމެވެ.