މާލެއަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ މާލޭގައި ދުއްވާ ވެހިކަލްތައް އިތުރުވުމުގެ މައްސަލައެވެ.
މަގުމަތީގައި ތޮއްޖެހުން ބޮޑުވެފައިވާއިރު ބިންކޮޅު ކުޑަ މާލޭގެ އެކި ދިމަދިމާގައި ޕާކިންގއަށް ޚާއްސަ ޖާގަތަކެއް ދޫކުރަން މިހާރު ސަރުކާރަށްވަނީ ޖެހިފައެވެ. އެހެންނަމަވެސް އެއީ ދާއިމީ ޙައްލެއް ނޫނެވެ.
މާލެއަށް ކުރިމަތިވެފައިވާ ވެހިކަލްތަކުގެ މައްސަލަ ޙައްލުކުރުމަށް ވެހިކަލް ކޮންޓްރޯލްކުރުމާއެކު އެކަށީގެންވާ ރަނގަޅު ނިޒާމަކުން ޕާކްކުރެވޭނެ މަގު ފަހިކޮށްދޭންޖެހެއެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަމަދު ޢަބްދުލްޣަނީ ވިދާޅުވީ ސިޓީ ކައުންސިލާ ގުޅިގެން މާލޭގައި ޕާކިންގއަށް ޚާއްސަ މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. މީގެތެރޭގައި ހިލޭ ޕާކުކުރެވޭނެ ތަންތަނާއި ފީއެއް ދައްކައިގެން ޕާކްކުރެވޭނެ އުސޫލެއް އަންނާނެކަމަށް ޙަމަދު ވިދާޅުވިއެވެ. މީގެއިތުރުން ދުނިޔޭގެ އެހެން ތަންތަނުގައިވެސް ފެންނަ ފަދަ ޑިޖިޓަލް ޕާކިންގގެ ނިޒާމެއް ޤާއިމުކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާކަން ޙަމަދު ވަނީ ވިދާޅުވެފައެވެ. އެންމެބޮޑު ބަދަލެއްގެ ގޮތުގައި މާލެ ސަރަޙައްދުގެ ޕާކިންގއަށް އަންނަން އުޅޭ ޕާކިންގ ބިލްޑިންގތައްކަމަށް ޙަމަދުވަނީ ފާހަގަކުރައްވާފައެވެ.
މިމަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މާލޭގެ ލޭންޑް ޔޫޒް ޕްލޭންގެ މަސައްކަތްތައް މިހާރު ނިމިއޮތީ ފާސްކުރުމުގެ މަރުޙަލާގައިކަމަށެވެ. މިޕްލޭން ފާސްވެގެން އައުމާއެކު މާލޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޕާކިންގ ބިލްޑިންގެ މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މާލެ ސިޓީ ކައުންސިލުން މީގެކުރިން ހާމަކުރައްވާފައިވާގޮތުގައި މާލޭގެ 21 ސަރަޙާއްދެއްގައިވަނީ ޕާކިންގ ބިލްޑިންގ ހެދުމަށް ނިންމާފައެވެ. މިއާއެކު މިބިލްޑިންގތަކުގައި 3775 ސައިކަލާއި 2065 ކާރާއި 100 ލޮރީޕިކަޕް ޕާކުކުރެވޭނެކަމަށް ބެލެވޭކަމަށް އޭރު ކައުންސިލުންވަނީ ވިދާޅުވެފައެވެ. އޭރު މަޝްވަރާތައްކޮށްފައިވަނީ މާލޭގައި ހުރި 4 ސަހަރާ ހުސްކޮށް މިފަދަ ޕާކިންގ ބިލްޑިންގ ހެދުމަށެވެ. އެހެންނަމަވެސް މިހާރުވެސް ޕްލޭންކޮށްފައި އޮތީ އެގޮތަށްކަމެއް އަދި ޔަގީނެއް ނޫނެވެ.
މާލޭގައި އޮތް ޕާކިންގެ މައްސަލަ ބޮޑުވެ މާލޭގެ ކޮންމެ ދިމާލަކަށް ދިޔަނަމަވެސް މިހަރު ފެންނަން އޮންނަނީ ޕާކިންގ ޒޯނެކެވެ. ބަލާލަން ހިތްގައިމު މަންޒަރެއް ނޫންނަމަވެސް މިއަދު މާލެއަށް މިނޫންގޮތެއްވެސް ނެތެވެ. އެހެންކަމުން ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރެވޭ ޕާކިންގ ބިލްޑިންގތަކާއެކު މާލޭގެ އެކިދިމަދިމާއިން ފެންނަ ޕާކިންގ ޒޯންތައް މަދުވެ މާލޭ އިތުރަށް ހިތްފަސޭހަތަނަކަށް ވެގެންދިޔުމަކީ މާލޭގައި ދިރިއުޅޭ ހަމަ ކޮންމެ ރައްޔިތެއްގެވެސް އުންމީދެވެ.