ޚަބަރު

ކުނި ބޭރުކުރުމުގެ ދެވަނަ ފިޔަވަހި: 8 ރަށަކުން 5000 ޓަނަށްވުރެ ގިނަ ކުނި ބޭރުކޮށްފި


ރަށްރަށުގައި ހުރި ގިނަދުވަސްވެފައިވާ ކުނި ރަށުން ބޭރުކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެމްކޯއިން ނިންމާލައިފިއެވެ. މިމަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި 8 ރަށަކުން 5000 ޓަނަށްވުރެ ގިނަ ކުނިވަނީ ބޭރުކޮށްފައެވެ. މީގެ ފުރަތަމަ މަޝްރޫޢު ކުރިއަށްގެންދިޔައީ 2021 ވަނަ އަހަރުއެވެ.

ރަށްރަށުގައި ހުރި ދުވަސްވީ ކުނި މެނޭޖްނުކުރެވުމުގެ ޝަކުވާ ގިނަ ރަށްރަށުންވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ހިއްސާކުރައްވާފައެވެ. މިއާއެކު މިހެން ހުރި ކުނި ބޭރުކުރުމުގެ މަސައްކަތް 2021ވަނަ އަހަރު ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަނާއި ޙަވާލުކުރިއެވެ. މިމަސައްކަތުގެ ތެރެއިން މިދިޔަ އަހަރުވަނީ 17 ރަށަކުން 25000 ޓަނަށްވުރެ ގިނަ ކުނި ބޭރުކޮށްފައެވެ.

ކުނި ބޭރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މިއަހަރުގެ އޯގަސްޓްމަހުގެ 17 އިން ސެޕްޓެމްބަރު މަހުގެ 23ގެ ނިޔަލަށް ކުރިޔއަށްގެންދިޔަ މިމަޝްރޫޢާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެމުން ވެމްކޯއިން ބުނީ މިމަޝްރޫޢުގައި 8 ރަށަކުން 5100 ޓަނުގެ ކުނި ބޭރުކޮށްފައިވާކަމަށެވެ. އެގޮތުން ޒަމާންވީ ކުނި ބޭރުކޮށް ކުނިގޮނޑު ސާފުކޮށްފައިވަނީ ވ.އަތޮޅުގެ 5 ރަށަކާއި ކ.އަތޮޅުގެ 3 ރަށަކުން ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

ކުނި ބޭރުކުރުމުގެ މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގެ ދަށުން ކުނި ބޭރުކުރި ރަށްތައް:

* ވ.ރަކީދޫ 50 ޓަނުގެ ކުނި
* ވ.ކެޔޮދޫ 350 ޓަނުގެ ކުނި
* ވ.ފެލިދޫ 500 ޓަނުގެ ކުނި
* ވ.ތިނަދޫ 1350 ޓަނުގެ ކުނި
* ވ.ފުލިދޫ 750 ޓަނުގެ ކުނި
* ކ.މާފުށި 900 ޓަނުގެ ކުނި
* ކ.ގުރައިދޫ 750 ޓަނުގެ ކުނި
* ކ.ގުޅި 450 ޓަނުގެ ކުނި


ރައްކާތެރިގޮތުގައި ކުނި މެނޭޖްނުވެ ކުނި އުފެދޭ ނިސްބަތް އިތުރުވުމަކީ ރަށްރަށުގައި އޮތް ވަރަށް ބޮޑު ތިމާވެށީގެ މައްސަލައެކެވެ. މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދިޔަނަމަވެސް އެތައް ޒަމާނެއްވީ ކުނިގޮނޑުގައި ރޯވުމާއި އެކި ދުވަސްވަރު އެސަރަޙައްދުގައި މެހީގެ އުނދަގޫ ބޮޑުވެ ސިއްޙީ އެތައް މައްސަލައެއްވެސް މީގެ ސަބަބުން ކުރިމަތިވެއެވެ. އެހެންކަމުން މިކަމަށް ޙައްލެއް ގެނައުމަށް ރަށްރަށުގައި ހުރި މިފަދަ ކުނި ފުނިތައް ވެމްކޯގެ އެކި އުޅަނދުތަކުގެ އެހީގައި ތިލަފުއްޓަށްވަނީ ގެންގޮސްފައެވެ. އެގޮތުން މިދިޔަ އަހަރާއި މިއަހަރު ކުރިއަށްގެންދިޔަ ދެމަޝްރޫޢުގައި މިހާތަނަށް ތިރީސްހާސް ޓަނަށްވުރެ ގިނަ ކުނި 25 ރަށަކުން އެކަނި ވަނީ ބޭރުކޮށްފައެވެ.