ޚަބަރު

"ވަކިވަކި ރަށްތަކެއް ގޮތުގައި ގުނި ޒަމާން މާޒީއަށް، 82 ފެރީން މުޅި ރާއްޖެ އެއްފަސްކުރާނެ"


ރާއްޖޭގެ ރަށްތައް ވަކިވަކި ރަށްތަކެއްގޮތުގައި ގުނި ޒަމާން މާޒީވަމުންދާކަމަށާއި، 82 ފެރީއާއެކު މުޅި ރާއްޖެ ގުޅިލާމެހިފައިވާ ރަށްތަކަކަށް ސަރުކާރުން ބަދަލުކުރާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ބޮޑުތިލަދުންމަތި އާރުޓީއެލް ފެރީގެ ނެޓްވޯކުން ގުޅުވާލުން ރަސްމީކޮށް އިފްތިތާޙްކުރުމަށް ހއ.ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާރުޓީއެލް ފެރީނިޒާމް ރަސްމީކޮށް އިފްތިތާޙްކުރުމަށް ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ މާޒީގައި ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނާމެދު އަމަލުކުރެވެމުން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރާއްޖޭގައި މީހުން އަމިއްލަ ވަޒަނުން އެހެން ރަށްރަށަށް ބަދަލުކުރި ދުވަސްވަރެއް ފާއިތުވެއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޮންމެ ރަށެއްގައި ހޮސްޕިޓަލާއި ހަޔަރ އެޑިއުކޭޝަން ސްކޫލެއް ނޭޅޭނެކަމާއި، ރާއްޖޭގެ އިޤްތިޞާދު އެކަމަށް ޖާގަ ނުދޭކަމަށް ބަލައި، ރަށްރަށުން މީހުން ބަދަލުކުރި ޒަމާނެއް ފާއިތުވިކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.


ނަމަވެސް މިސަރުކާރުގެ ވިސްނުން މުޅިން ތަފާތުކަން މިނިސްޓަރ އަސްލަމް ހާމަކުރެއްވިއެވެ. އެތައް އަހަރެއްވީ އަދި ޒަމާންވީ ރަށްތަކުގައި ރައްޔިތުން ދިރިއުޅެމުން އަންނަނީ އެއީ ވަރަށް އިހްތިރާމްކުރާ ލޯބިވާ ރަށްތަކެއްގެ ގޮތުގައިކަމަށް ވިދާޅުވެ މިނިސްޓަރ އަސްލަމް ވަނީ އަމިއްލަ ވަޒަނުން މީހުން ބަދަލުކުރުމަކީ އިންސާނިއްޔަތާ ޚިލާފްކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރަށްރަށުން މީހުން ބަދަލުކުރުމުގެ ވިސްނުން މިސަރުކާރުން ބަދަލުކޮށް އެހެން ގޮތްތަކެއް ހޯދާފައިވާކަން ހާމަކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ، އެއީ މުޅި ރާއްޖެ ލާމެހިފައިވާ ރަށްތަކެއްގޮތުގައި ހެދުންކަމަށެވެ. އަދި އެއީ ރަށްރަށުގެ މެދުގައި އޮތް މަގުތައް ޒަމާނީ ދަތުރުފަތުރުން ގުޅާލުންކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގައި ލަފާފުރޭނެ ނިޒާމް ހުރިހާ ރަށެއްގައި އޮންނާނެކަމަށާއި، ހަމައެކަނި ބޭނުންވަނީ ދަތުރުކުރަން ފަސޭހަ ވަސީލަތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ތަފާތު ވިސްނުމެއް އެއީ. އެ ވިސްނުމާއެކީ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅާލުމުގެ ވާހަކަ އަޅުގަނޑުމެން ދެއްކީ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމްގެ ވާހަކަފުޅުގައި މިއަދުގެ ރާއްޖޭގެ ހުންގާނުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ ކެބިނެޓު ވަޒީރުންގެ ވިސްނުން ހުރީ ރާއްޖެ ތަރައްޤީކުރުމަށްކަމަށާއި، ރަށްތައް ވަކިކޮށް އޮތުމަކީ އުނިކަމެއްކަމަށް ނުބަލާ ކުރިއަށް ދިއުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖެ ގުޅުވާލުމުގެ މަޝްރޫޢަކީ ވަރަށް ބޮޑަށް ޕްލޭންކުރެވި ރޭވިގެން ހިންގާ މަޝްރޫޢެއްކަމަށެވެ.

"އަޅުގަނޑު އޮފީހުގަ ހުންނާނެ ފޮތް ޗާޕްކޮށް ޕްލޭން ހަދާފަ. ކޮން ރަށަކުން ކޮންރަށްރަށަކަށްކަން ދަތުކުރާނެ ދަތުރު ރޫޓް އޮންނާނެ ކުރަހާފަ. އެ ދަތުރުކުރުމަށް ބޭނުންވަނީ ކިތައް ރުފިޔާތޯ އަދި ކިތައް އުޅަނދުތޯ އޮންނާނެ ޖަހާފަ. މިޒަމާނުގައި އެ ޕްލޭންކުރާ ހިސާބުޖެހުން މުހިންމު. ރާއްޖެ އޮންނާނެ ގޮތުގެ ޗާޓުވެސް އޮންނާނީ ކުރަހާފަ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖެ މިސަރުކާރުން ތަރައްޤީކުރަނީ ޒޯންތަކަށް ބަހާލައިގެންކަމަށާއި، އެކަމުގެ މައިބަދައަކީ ދަތުރުފަތުރުކަމަށެވެ. މިއީ އަގުބޮޑު ކަމެއްކަމަށް ބައެއް މީހުން ބުނިނަމަވެސް ދަތުރުކުރުމަށް މީހުން އަރާނެކަމުގެ ޔަޤީންކަން މަޝްރޫޢު ފެށިއިރުވެސް އޮތްކަމަށް ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޒޯން 1ގައި 41 ރަށުގައި މިނިޒާމް ފެށިއިރު 820 ތަފާތު އޮޕްޝަން ނުވަތަ އިހްތިޔާރު ދަތުރުކުރުމަށް އޮންނާނެކަމަށާއި، މިހާތަނަށް 56ހާހަށްވުރެ ގިނަ ދަތުރުވެރިން ޓިކެޓްގަނެގެން ދަތުރުކޮށްފައިވާކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ޕަބްލިކް ޓްރާންސްޕޯޓް ދެކޮޅު ޖެހޭ ޚިދުމަތަކަށް ހަދަނީ ދައުލަތުން ޚަރަދުކޮށްގެންކަމަށެވެ. އެހެންކަމުން މިއާރުޓީއެލްގެ ޚިދުމަތަކީވެސް ދެމެހެއްޓެނެވި ޚިދުމަތަކަށް ހަދާނެކަމުގެޔަޤީންކަން ދެއްވަމުން މިނިސްޓަރ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ މުޅި ޖުތަމައުއަށް އަންނަ ހެޔޮ ބަދަލަކީ މި ނިޒާމުން ބޭނުންވާ ނަތީޖާކަމަށެވެ.

"ށ.އަތޮޅުން ރާއްޖޭގެ އެންމެ އުތުރުން ހއ.ތުރާކުނަށް ހެނދުނު ފުރައިގެން އެއްރޫޓުން އަނެއްރޫޓަށް ފެރީ ޗޭންޖުކުރަމުން ހަވީރުވާންވާއިރަށް ދެވޭނެ 200 ރުފިޔާއަށް. މީގެ ކުރިން މިކަމެއް ނުވާނެ. ފަސޭހަކާމާއެކު މިހާރު ދެވޭނެ. ކޮންމެ ދުވަހަކުވެސް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމްގެ ވާހަކަފުޅުގައި، އާރުޓީއެލް ފެރީގެ ނިޒާމާއެކު މުޅި އިޤްތީޞާދު ބަދަލުކޮށްލާނެކަމަށާއި، މިއީ ރާއްޖެއަށް ގެނެވުނު އެންމެ ބޮޑު ބަދަލުކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި 82 އުޅަނދުން މުޅި ރާއްޖެ ގުޅާލުމުގައި ދަތުރުކުރާނެކަމަށެވެ.

ރާއްޖެއާއެމުދު މިސަރުކާރުގެ ފުރިހަމަ ތަސައްވުރެއް އެބައޮތްކަމަށާއި، ޤައުމު ކުރިއަށް ގެންދާނެ ސިޔާސަތެއް އެބައޮތްކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތައް ވަކިވަކި ރަށްތަކެއްގޮތުގައި ގުނާ ޒަމާން މާޒިވަމުން ދާކަމަށާއި، މިހާރު މިއީ ނިޔާމަ ދަތުރުގެ ޒަމާނެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ މުޅި ރާއްޖެ ގުޅިލާމެހިފައިވާ ރަށްތަކެއްގެ ޒަމާންކަމަށާއި، އުފާވެރި ޒަމާނެއްކަމަށްވެސް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.