ޚަބަރު

"ޒުވާނުންގެ ކުރިމަގު ބިނާވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށްކުރާ މަސައްކަތުގެ މައްޗަށް"


ޒުވާނުންނާއި ސްކޫލް ކުދިންގެ ކުރިމަގު ބިނާވެގެންވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް މިހާރު ކުރެވޭ މަސައްކަތްތަކުން ނިކުންނަ ނަތީޖާއެއްގެ މައްޗަށްކަމަށް، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ ކުރިއަށް އޮތް ކޮޕް27 ސަމިޓަށް ތައްޔާރުވުމުގެ ގޮތުން މޫސުމީ ބަދަލުތަކާއި ގުޅިގެން ޒުވާނުންގެ ކަންބޮޑުވުންތައް ދެނެގަތުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

"މަލްޓިސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ވިތް ޔަންގް ޕީޕަލް އޮން ކްލައިމެޓް އެކްޝަން" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ސްކޫލް ކުދިންނާއި ޒުވާނުން ތެދުވަންޖެހޭކަމަށެވެ. ސަބަބަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުގެ ޝިކާރައަކަށް އެންމެބޮޑަށްވާ އެއްބަޔަކީ ޒުވާނުންނާއި ސްކޫލްތަކުގެ ކުދިންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޒުވާނުންނާއި ސްކޫލް ކުދިންގެ ތަޢުލީމާއި މުޅި މުސްތަޤުބަލު ބިނާވެގެންވަނީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް މިހާރު މިކުރެވޭ މަސައްކަތަކުން ނިކުންނަ ނަތީޖާއެއްގެ މައްޗަށްކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާވެސްވަނީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށްދެއްވުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއާއި ޔުނިސެފާއި، އދ.ގެ އެހެން ޖަމިއްޔާތަކާއި ކަމާއި ގުޅުންހުރި އިދާރާތަކާއި އެކު ބާއްވާ މިބައްދަލުވުންތަކަކީ ކޮޕް 27 ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ޒުވާނުންގެ ކަންބޮޑުވުންތައް ހިއްސާކޮށް އެކަންކަމާއި މެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުމުގައި ޒުވާނުންނާއި ސަރުކާރުގެ އިދާރާތަކާއި އދ.ގެ އިދާރަތަކާއި އަމިއްލަ ކުންފުނިތަކާ އެހެނިހެން މުއައްސަސާތައް ހިމެނޭ ގޮތަށް 100 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެއެވެ. ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ކޮޕް 27 ސަމިޓް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހު މިޞްރުގައެވެ.