ހުޅުމާލެ ހިއްކާ، ހުޅުމާލޭގައި މީޙުން އާބާދުކުރުމުގެ މަޝްރޫޢަކީ މާލެއަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ފެއްޓެވި މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި މީހުން އާބާދުވެފައިވަނީ 2004 ވަނަ އަހަރުގެ މޭއި މަހުގެ 12 ވަނަ ދުވަހުގައެވެ. ރާއްޖޭގައި ސިޓީ ޑިޒައިންއަށް ސްމާޓް ސިޓީއެއްގޮތުގައި ތަރައްޤީކުރި ފުރަތަމަ ސިޓީއަކީ ހުޅުމާލެއެވެ. އަދި ރާއްޖޭގައި ބިންހިއްކުމަށް މިހާތަނަށް ހިނގި އެންމެ ބިޔަ މަޝްރޫޢަކީވެސް ހުޅުމާލެ މަޝްރޫއެވެ.
ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރަމުންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ ތަރައްޤީކުރި ފުރަތަމަ ފިޔަވައްސަކީ ސާޅީސް ހާސް މީހުންގެ އާބާދީއަކަށް ޑިޒައިން ކުރި ސަރަޙައްދެއްނަމަވެސް އެމާސްޓަރޕްލޭން އޭގެފަހުން ވަނީ މުރާޖާކޮށްފައެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބޮޑުބައެއްގައި މީހުން އާބާދުކުރުމަށްފަހު 2015 ވަނަ އަހަރު ދެވަނަ ފިޔަވަހީގެ މަސައްކަތް ވަނީ ފަށާފައެވެ. މިއާއެކު ހިއްކި ދެވަނަ ފިޔަވަހީގައި ހައުސިންގ ބޮޑު މަޝްރޫޢެއް ހިންގާ ހުޅުމާލޭ މާސްޓަރ ޕްލޭންގެ ދަށުން ދެވަނަ ފިޔަވަހީގައި މިއަހަރު ވަނީ މީހުން އާބާދުވެފައެވެ.
ހުޅުމާލެ މެނޭޖްކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ ހުޅުމާލޭގައި މިހާރު ދިރިއުޅެމުންދާ މީހުންގެ އާބާދީ 22000 އަށްވުރެ މައްޗަށް ގޮސްފައިވާކަމަށެވެ. އެޗްޑީސީން ވިދާޅުވީ ހުޅުމާލޭ މާސްޓަރޕްލޭނާއެކު ހުޅުމާލޭގެ އާބާދީ ވަކި ވަރަކަށް ހިފަހައްޓައިގެން ތަރައްޤީކުރުމަށް އިސްކަންދޭކަމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ކަމެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެ ތަރައްޤީކުރަމުންދަނީ ސްމާޓް އިންފްރަސްޓްރަކްޗަރ މޮޑެލްއަށެވެ. ހުޅުމާލޭ ރައްޔިތުންނަށް ހިތްހަމަޖައްސާލާނެ އެކި ސަރަޙައްދުތަކާއި ޙިދުމަތްތައް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް އެޗްޑީސީއިން އަންނަނީ ކުރަމުންނެވެ.
މާލެ ސަރަޙައްދުގައި އޮތް ބޯހިޔާވަހިކަމަށް ޙައްލެއް ގެނައުމަށް ތަރައްޤީކުރަން ފެށި ހުޅުމާލެ މަޝްރޫޢަކީ މިހާރު ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ އެންމެ ބޮޑު އަދި ހުރިހާ ދައުރެއްގައިވެސް ހުއްޓުމެއްނެތި ކުރިއަށްދާ އެއް މަޝްރޫޢެވެ. އެތައް ބަޔަކަށް ކުރިމަތިވި ބޯހިޔާވަހިކަމަށް ޙައްލެއް ލިބުމުގެ އިތުރުން މިސިޓީއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ހިލާފަށް ޒަމާނީ، ސަމާޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ރަށެކެވެ.