ޑައިރެކްޓަރު އިމްތިޔާޒު އަލީ ޑައިރެކްޓުކުރާ ފިލްމު "ޗަމްކިލާ" އަށް ބަތަލާ ޕަރިނީތީ ޗޯޕްޅާ އާއި ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސަންޖާ ހަމަޖައްސައިފިއެވެ.
އިންޑިއާގެ މިޔުޒީޝަނެއް ކަމަށްވާ އަމަރް ސިންގް ޗަމްކިލާގެ މައްޗަށް އުފައްދާ މި ފިލްމުގެ މަސައްކަތް ފަށަން މިހާރު ވަނީ ތައްޔާރުވެފައެވެ.
މީޑިއާ ޕޯޓަލެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕަރިނީތީ ޗޯޕްރާ ވަނީ ފާއިތުވި މަސްތަކުގައި އެ ރޯލަށް ތައްޔާރުވުމުގައި އަވަދިނެތި އުޅެފައެވެ. ދިލްޖީތު އާއި ޕަރިނީތީ ވަނީ އެކުގައި ގިނަ ވޯކްޝޮޕްތަކެއް ވެސް ނިންމާފައެވެ. މި ފިލްމުގެ ޝޫޓިން ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެއެވެ.
އަމާރު ސިންގް ޗަމްކިލާ އަކީ ލަވަކިޔުންތެރިއެއް، މިއުޒީޝަނެއް، އަދި ކޮމްޕޯސަރެކެވެ. ޕަންޖާބަށް ނިސްބަތްވާ އޭނާ އަށް ސްޓޭޖް ނަމެއްގެ ގޮތުގައި ކިޔަނީ ޗަމްކިލާއެވެ. ޕަންޖާބުން މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ޕާފޯމަރެއްގެ ގޮތުގައި ޗަމްކިލާ ވަނީ ބެލެވިފައެވެ. އޭނާގެ އެންމެ މަޝްހޫރު ހިޓް ލަވަތަކުގެ ތެރޭގައި "ޓާކުއޭ ޓެ ޓަކުއާ"، އަދި "ޕެހެލޭ ލަލްކަރޭ ނާލް" ފަދަ ލަވަތައް ހިމެނެއެވެ.
ނަމަވެސް ޗަމްކިލާ އާއި އެނާގެ އަންހެނުން އަމަރުޖޮތް ހިމެނޭ ބޭންޑުގެ ދެ މެމްބަރުން ވަނީ އަނިޔަވެރި ގޮތަކަށް 1988 ވަނަ އަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހު މަރާލާފައެވެ. މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މިއަދާ ހަމައަށް ވެސް އެ މައްސަލަ ވަނީ ހައްލެއް ނުލިބިއެވެ.
މި ފިލްމުގައި އަމަރު ސިންގެ ގެ ރޯލު ކުޅޭނީ ދިލްޖީތެވެ. އޭނާގެ އަންހެނުން އަމަރުޖޮތްގެ ރޯލު ކުޅޭނީ ޕަރިނީތީއެވެ.
ދިލްޖީތު އެންމެ ފަހުން ފެނިފައިވަނީ ޕަންޖާބީ ފިލްމު "ބޭބޭ ބަންގްރާ ޕައުންޑޭ ނޭ" އިންނެވެ. އޭނާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ "ގުޑް ނިއުސް" އެވެ. ދިލްޖީތުގެ މިޔުޒިކް ޓުއާ އެއް މިހާރު މުމްބާއީގައި އަންނަނީ ކުރިއަށްގެންދަމުންނެވެ.
އަނެއްކޮޅުން ޕަރިނީތީ ޗޯޕްރާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ މަހު ސޫރަޖް ބަރްޖަތުޔާގެ "އުންޗާއި" އިންނެވެ. އޭނާ ވަނީ އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ "ކެޕްސޫލް ގިލް" އަށް ވެސް ސޮއިކޮށްފައެވެ.