ޚަބަރު

"ޕަތާން" ގެ ފުރަތަމަ ލަވައަށްވެސް ގިނަ ބައެއްގެ ސަމާލުކަން


އަންނަ މަހު ރިލީކުރާ ފިލްމު "ޕަތާން" އަކީ އަންނަ އަހަރު އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމެވެ. މި ފިލްމަކީ 4 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ބޮޑު ސްކްރީނަށް ޝާހްރުކް ޚާން ފެންނަ ފިލްމެވެ. މި ފިލްމުން ބެލުންތެރިން ކުރާ އުންމީދުތައް ވަރަށް ގިނައެވެ. ފިލްމުގެ ލީޑް ރޯލުން ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ވެސް ފެނިގެންދާނެއެވެ.

މި ފިލްމުގެ ޓްރެއިލާ ބަލާހިތުން ބެލުންތެރިން ތިއްބާ ފިލްމުގެ ފުރަތަމަ ލަވަ މިމަހުގެ 12 ގައި ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި އެކްޝަން ތުރިލާގެ ލަވަތަކުގެ ތެރެއިން ދޫކޮށްލި ފުރަތަމަ ލަވަ އަކީ ޝާހްރުކާއި ދީޕިކާގެ ކެމިސްޓްރީ ވަރަށް ރަނގަޅަށް ފެންނަ ހިތްގައިމު ލަވައެއް ކަމަށްވާ "ބޭޝަރަމް ރަންގް" އެވެ. ވިޝާލް-ޝޭކަރުގެ މިއުޒިކަށް ހަދާފައިވާ މި ލަވަ ކިޔާފައި ވަނީ މިއުޒިކްވެސް ހެދި ވިޝާލް ދަދުލާނީ ޝޭކަރާއި އާއި ޝިލްޕާ ރާއޯގެ އިތުރުން ކެރަލީޒާ މޮންޓީރޯއެވެ.

"ބޭޝަރަމް ރަންގް" ގެ ކޮރިއޯފަރަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކުގައި ކޮރިއޯގްރާފރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މަޝްހޫރު ކޮރިއޮގްރާފަރު ވައިބާވީ މާޗަންޓެވެ.

"ޕަތާން" އަކީ 2014 ވަނަ އަހަރު ދެއްކި "ހެޕީ ނިއު އިޔާ" އަށް ފަހު ޝާހްރުކާއި ދީޕިކާގެ ޖޯޑު އެކީގައި ސްކްރީނުން ފެންނަ ފުރަތަމަ ފިލްމެވެ. ދީޕިކާ ބޮލީވުޑަށް ނުކުތީ 2007 ވަނަ އަހަރ ދެއްކި "އޯމް ޝާންތީ އޯމް" އިންނެވެ. މި ފިލްމުގައި ދީޕިކާއާއި އެކު ލީޑް ރޯލުން ފެނުނީ ޝާހުއެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ދެއްކި "ޗެންނާއި އެކްސްޕްރެސް" ގައި ވެސް ދެ ތަރިން އެކުގައި މަސައްކަތްކުރިއެވެ.

"ޕަތާން" އަކީ 2019 ވަނަ އަހަރު ދެއްކި އެންމެ ކާމިޔާބު ބޮލީވުޑް ފިލްމު ކަމަށްވާ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު، ޔާޝްރާޖް ފިލްމްސް، ވައިއާރްއެފް އަށް ހަދާފައިވާ ފިލްމެކެވެ. މީގެ ވިލަންގެ ރޯލުން ފެންނާނީ ޖޯން އަބްރަހެމެވެ.

8 ޤައުމެއްގައި ޝޫޓްކޮށްފައިވާ "ޕަތާން" އަކީ 2018 ވަނަ އަހަރު ދެއްކި ބޮޑު ފްލޮޕް "ޒީރޯ" އަށް ފަހު، ޝާހްރުކް ލީޑް ރޯލުކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ޝާހްރުކް ފެންނާނީ ވެސް ވަރަށް ތަފާތު ލުކެއްގައެވެ.

މީގެއިތުރުން ފިލްމު ރިލީޒްވުމުގެ ކުރިން މީގެ ސީކުއަލްއެއް ހަދާނެކަމުގެ އިޝާރާތެއްވެސް ޝާހު ވަނީ މީގެކުރިން ދީފައެވެ.