ރ. އަލިފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނޭ ޓަރމިނަލް ޢިމާރާތުގެ ފައުންޑޭޝަން މަސައްކަތް ނިންމައިފިއެވެ. މި އެއަރޕޯޓްގެ ކޮންޠޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް އެއަރޕޯޓްގެ މަސައްކަތްތައް ނިންމުން ކަމަށް އެމްޓީސީސީން ބުނެއެވެ.
ސަރުކާރުން އެމްޓީސީސީ އާ ޙަވާލުކުރައްވާފައިވާ ރ. އަލިފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ފެށީ އެއަރޕޯޓްގައި ޤާއިމުކުރަންޖެހޭ އަލިފާން ނިއްވާ ޢިމާރާތުގެ މަސައްކަތެވެ. އެމްޓީސީސީން ބުނީ މިޢިމާރާތުގައި މިހާރު ކުރިއަށްދަނީ ފުރާޅުގެ މަސައްކަތްކަމަށެވެ. އޭގެ އިތުރުން މިހާރުވަނީ އަލިފުށީ އެއަރޕޯޓް ޓަރމިނަލްގެ ފައުންޑޭޝަންގެ މަސައްކަތްވެސް ވަނީ ނިމިފައި ކަމަށެވެ.
ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއަރޕޯރޓް ޓާރމިނަލް އިމާރާތުގެ ފައުންޑޭޝަން މަަސައްކަތްތައް ވަނީ ނިމިފައި. އަދި މިހާރު ކުރިއަށްދަނީ އަލިފާން ނިއްވާ އިމާރާތުގެ ރޫފިންގް މަސައްކަތްތައް.#MTCCProjects #RayyithungeKunfuni pic.twitter.com/Of7p981S69
— MTCC Plc (@MTCCPlc) April 24, 2023
އަތޮޅުގެ އެހެން ރަށްތަކާއި އެކަހެރިގޮތަކަށް އޮންނަ ރ. އަލިފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ އެރަށު ރައްޔިތުންގެ ޒަމާންވީ ހުވަފެނެކެވެ. މިހުވަފެން ޙަޤީޤަތަކަށް ހެދުމަށް އެރަށުން 50.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މީގެތެރެއިން 80 އިންސައްތަ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއަރޕޯޓު ހެދުމަށެވެ. އަނެއް 10 އިންސައްތަ ބިން ބޭނުންކުރާނީ 3000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އަލިފުށްޓަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމުގެ އިތުރުން އެރަށުގެ އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރުމަށެވެ. އަލަށް ހިއްކާފައިވާ ސަރަޙައްދާއެކު އަލިފުށީގެ ބިމުގެ ބޮޑުމިން 90 ހެކްޓަރަށްވުރެ އިތުރުވެގެންދާނެއެވެ. އަލިފުށީ ބިން ހިއްކުމުގެ މަޝްރޫޢަކީ އެމްޓީސީސީގެ ތާރީޚުގައިވެސް ހިނގާ މިފަދަ ބޮޑު އެއްމަޝްރޫޢުކަން އެކުންފުނިން ފާހަގަކުރައްވައެވެ.
އަލިފުށި ބިން ހިއްކުމާއި އެއަރޕޯޓް މަޝްރޫޢުގެ ދަށުން 50.5 ހެކްޓަރުގެ ބިން ހިއްކާ، އެސަރަޙައްދު ޙިމާޔަތްކުރުމަށް 2871 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1200 މީޓަރުގެ ރަންވޭއަކާއި އެޕްރަން އާއި ޓެކްސީ ވޭއަކާއި އެއަރޕޯޓުގެ މަގުތައް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޓަރމިނަލް ޢިމާރާތާއި، ފަޔަރ ބިލްޑިންގ ތަރައްޤީކޮށް އަލިފާން ނިއްވާ ވަޞީލަތް ޤާއިމުކުރުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 426.05 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.