ޚަބަރު

ދެން ކުނިއުކާލުމުގެ ބިލު އަންނާނީ ސްޓެލްކޯގެ ރީޑިންގ މުއްދަތަށް


ކުނިއުކާލުމުގެ ޚިދުމަތުގެ ބިލު އަންނަ މަހުން ފެށިގެން ހިނގާނީ، ސްޓެލްކޯގެ ރީޑިންގ މުއްދަތާއެއްގޮތަށް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ގޭބިސީތަކުން ކުނި ނެގުމަށް ނަގާ ފީ، ގިނަ ގޭބީސީތަކުން ނުދައްކާތީ އެ ކުންފުންޏަށް މާލީ ގޮތުން ދަތިވަމުން އަންނަކަމަށް އެކުންފުނިން ބުންޏެވެ. މިއާއެކު އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ވެމްކޯއިން ވަނީ ގޭބިސީތަކުުން ކުނިނަގާ ފީ، ކަރަންޓު ބިލުގައި ހިމެނުމަށް ނިންމައިފައެވެ. އަދި އަންނަ މަހުން ފެށިގެން މި އުޞޫލަށް ޢަމަލުކުރަން ފަށާނެއެވެ.

ވެމްކޯއިން ބުނީ، އަންނަ މަހު ގޭބިސީތަކަށް ފޮނުވާ ކަރަންޓު ބިލުގައި، ވެމްކޯގެ ކުނީގެ ބިލު ހިމެނިފައިވާނެ ކަމަށެވެ. އަދި ކުނީގެ ބިލްވެސް ހިނގަމުންދާނީ ސްޓެލްކޯގެ ކަރަންޓު ބިލިންގ ސައިކަލްއަށްކަމަށް ވެމްކޯއިން ބުންޏެވެ. އޭގެ މާނައަކީ ވެމްކޯގެ ބިލް ކުރާނެ މުއްދަތަކީ، ސްޓެލްކޯގެ ރީޑިންގ ނަގާ މުއްދަތެވެ. އެގޮތުން ކަރަންޓު ބިލް ކުރާ މުއްދަތަކީ 28 ދުވަސް ކަމުގައިވާނަމަ އެ މުއްދަތަށް ކުނި ނެގުމުގެ ޚިދުމަތަށްވެސް ފައިސާ ދައްކަން ޖެހޭނެއެވެ. އެހެންކަމުން 28 ދުވަހަށް ބިލްކުރާނަމަ ކުނީގެ ފީއަށް 150 ރުފިޔާ ނާރާނެކަމަށާއި، ބިލް ކުރާ މުއްދަތު 31 ދުވަސް ހިމެނޭ މަހެއްނަމަ ކުނީގެ ޚިދުމަތަށް ބިލުގައި 150 ރުފިޔާގެ އިތުރުން، ބިލް ކުރެވިފައިވާ މުއްދަތުގެ ޗާޖު، އިތުރުވެފައި ހުންނާނެކަމަށް ވެމްކޯއިން ބުންޏެވެ.

މިބަދަލާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ އެސިސްޓެންޓް މެނޭޖަރ، ޙަސަން ފަރްޙާން ވިދަޅުވީ، ސްޓެލްކޯގެ ބިލް ކުރާ މުއްދަތު ބައެއް މަސްމަހު ތަފާތުވާކަމަށެވެ. އެއީ ރީޑިންގ ނަގާ މުއްދަތަށް އަންނަ ބަދަލެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ކަރަންޓު މިފަހަރުވެސް ބައެއް ގޭބިސީތަކަށް ދާނެ، 31 ދުވަހަށް ބިލްކޮށްފަ އިން ބިލެއް. ކުނި ބިލް އެކުވެގެންދާއިރު، ހަމަ އެބިލިންގ މުއްދަތަށް، ކުނި ބިލު އަންނާނީ 4.95ރގެ ރޭޓުގައި." ފަރްހާން ވިދާޅުވިއެވެ.

މިބަދަލު ގެނައުމަށް ސަރުކާރުން ނިންމެވީ، ކުނީގެ ޚިދުމަތަށް ބިލު ދެއްކުމަށް ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަސޭހަކޮށްދީ، މިހާރު ނަގަމުންދާ ރޭޓުގައި ކުނި ނަގައިގެން ވެމްކޯގެ އޮޕަރޭޝަން ދެކޮޅުޖެއްސުންކަމަށް ވެމްކޯއިން ހާމަކުރެއެވެ.

ކަރަންޓު މީޓަރުތައް ހުރި ނެތްގޮތް ބެލުން މުހިންމު

ވެމްކޯއިން ބުނީ އަންނަން އުޅޭ އައު ބަދަލާއެކު، ދެމީޓަރު ހުންނަ ގޭބިސީތަކާއި، ގޭގެ ވެރި ފަރާތުން ކުނީގެ ބިލް މިހާތަނަށް ދައްކަމުން ދިޔަ ފަރާތްތަކާއި، އެއް ޢިމާރާތެއްގެ ދެ އެޕާޓްމަންޓުގައި އެއް ޢާއިލާއަކުން ދިރިއުޅެމުންދާ ކަމުގައިވާނަމަވެސް ބިލްކުރާ ގޮތް ތަފާތުވާނެ ކަމަށެވެ. ދެމީޓަރު ހުންނަ ގޭބިސީތަކުން އެކަން ވެމްކޯއަށް އެންގުމުން، ކުނި ނެގުމުގެ ޚިދުމަތުގެ ބިލު ހިމަނާނީ އެގޭގައި ހުރި ދެމީޓަރުގެ ތެރެއިން ކޮންމެވެސް އެއް މީޓަރަކަށް ކަމަށް ވެމްކޯއިން ބުންޏެވެ. އެފަދަ ފަރާތްތަކުން ވެމްކޯއާ ގުޅައި އެކަން ޙައްލުކުރުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

މީގެއިތުރުން މާލޭ ޑެކް އަޅައިގެން ހަދާފައި ހުންނަ ގޭބީސީތަކުގައި ދެ މީޓަރު ސްޓެލްކޯއިން ބަހައްޓާފައި ހުންނަކަމަށާއި، އެފަދަ ގޭބިސީތަކުންވެސް އެކަން ވެމްކޯއަށް އަންގާ އެއް މީޓަރު މެދުވެރިކޮށް ބިލް ދެއްކޭނެ ގޮތް ހަމަޖެއްސުމަށް ވެމްކޯއިން އެދެއެވެ.

މިބަދަލާއެކު ސަރވިސް މީޓަރު ނުވަތަ މެއިންޓަނަންސް މީޓަރުތަކުގެ ގޮތުގައި ބޮޑެތި ޢިމާރާތްތަކުގައި ހުންނަ މީޓަރުތަކަށް ކުނި ބިލު ނުދާނެކަމަށް ވެމްކޯއިން ބުނެއެވެ. އަދި މިފަދައިން ފާހަގަކުރެވިފައިވާ 95 އިންސައްތަ ގޭބިސީތައް، ވެމްކޯގެ ކުނި ބިލްކުރާ ލިސްޓުން އުނިކުރެވިފައިވާކަމަށް ވެމްކޯއިން ބުންޏެވެ.

ކުނި ބިލް ކަރަންޓު ބިލާ އެއްކޮށްލުން

ކުނި މެނޭޖުކުރުމުގެ އޮޕަރޭޝަނަށް މި ގެންނަ ބަދަލާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންޞާރު ވިދާޅުވީ ގޭބީސީތަކުން ނަގާ ކުންޏަށް، ގިނަ ގޭބިސީތަކުން ފައިސާ ނުދައްކަނީ، ކޮންމެހެން ފައިސާ ނުދެއްކުމުގެ މަޤްޞަދުގައި ނޫންކަމަށެވެ. އޭގެ ބަދަލުގައި ވެމްކޯގައި ރަޖިސްޓަރވުމާއި، ދިރިއުޅޭ ޢިމާރަތް ބަދަލުވުމާއެކު އިތުރު ފޯމެއް ހުށައަޅަންޖެހުމުގެ ޕްރޮސެސް ދިގުވުމުގެ ކަންކަން ފާހަގަކުރެވިފައިވާކަމަށް އަންޞާރު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ޙައްލެއް ގެނައުމަށް ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުން ކުނީގެ ޚިދުމަތުގެ ބިލު، ހިމެނުމަށް އެންމެ ރަނގަޅީ ކަރަންޓު ބިލުކަމަށް ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވެމްކޯގެ ކުނި ޚިދުމަތުގެ ބިލު، ކަރަންޓު ބިލާ އެއްކޮށް ގޭބީސީތަކަށް ފޮނުވަން ފެށުމުން ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމުގެ އޮޕަރޭޝަން ހިނގައިގަތުމަށް ބާރަކަށް ވެގެންދާނެކަމަށް ވެމްކޯއިން ޤަބޫލުކުރެއެވެ. އަދި އޮޕަރޭޝަން އިތުރަށް ހަރުދަނާކުރުމަށް މީގެ ސަބަބުން މަގުފަހިވާނެކަން ވެސް އެކުންފުނިން ފާހަގަކުރެއެވެ.