ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި މެމޮގްރަފީ ޚިދުމަތް ޤާއިމުކުރެއްވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ފަށްޓަވައިފިއެވެ.
މި ޚިދުމަތް ޤާއިމުކުރެއްވުމަށްޓަކައި، ފުވައްމުލަކު ހޮސްޕިޓަލްގެ ޢިމާރާތަށް ގެންނަންޖެހޭ ބައެއް ބަދަލު ގެންނެވުމުގެ މިނިސްޓްރީ އޮފް ހެލްތުން ވަނީ އެމަސައްކަތް ބަޔަކާ ޙަވާލުކުރައްވާފައެވެ.
ފުވައްމުލަކުގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެސިޓީއަށް މިހާރުން މިހާރަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ޚިދުމަތަކީ ސީޓީ ސްކޭންގެ ޚިދުމަތެވެ. ހޮސްޕިޓަލްގެ އައު ޢިމާރާތް ހުޅުއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި މިދިޔަ ޑިސެމްބަރު މަހުވެސް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ މިކަން ފާހަގަކުރައްވައިފައެވެ.
މި މައްސަލައަށް ޙައްލެއް ގެނެސްދެއްވުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން މިހާރު ވަނީ ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި މެމޮގްރަފީގެ ޚިދުމަތް ފެށްޓެވުމަށް، ޢިމާރާތަށް ބައެއް ބަދަލު ގެންނެވުމަށާއި، ޖާގަ އިތުރުކުރެއްވުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފައެވެ. އެ މިނިސްޓްރީން މި މަސައްކަތް ހަވާލުކުރައްވާފައިވަނީ، އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ދެމިލިއަން ނުވަލައްކައަށް ވުރެ ގިނަ ރުފިޔާއަށް މި މަސައްކަތް އެކުންފުންޏާ ހަވާލުކުރެއްވީ 100 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލް މިވަގުތު ހިންގެވުމާ ޙަވާލުވެ ހުންނެވި، މުޙައްމަދު ޟިރާރު ވިދާޅުވީ، އެކްސިޑެންޓުތަކާއި، ސްޓްރޯކްގެ އެކި ކޭސްތަކަކީ، ސީޓީ ސްކޭންގެ ޚިދުމަތް ވަރަށް އަވަހަށް ބޭނުންވާ ޙާލަތްތައް ކަމަށެވެ. ނަމަވެސް ސީޓީ ސްކޭންގެ ޚިދުމަތް ނެތުމުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ޖުމްލަ 75 ކޭސް އައިޖީއެމްއެޗަށާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ރިފަރކުރައްވާފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވިއެވެ.
ސީޓީ ސްކޭނާއި މެމޮގްރަފީގެ ޚިދުމަތް ފެށްޓެވުމަށްޓަކައި ޤާއިމްކުރައްވާ ޢިމާރާތުގެ މަސައްކަތް ނިމެންވާއިރަށް ޚިދުމަތް ބޭނުންވާ މުވައްޒަފުން ތަމްރީންކޮށް، އިތުރު މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވެއެވެ. މިވަގުތު ރޭޑިއޮލޮޖީގެ ދެމުވައްޒަފުން ތިބިނަމަވެސް 24 ގަޑިއިރު ހިނގާ ހޮސްޕިޓަލެއްގައި ކްރިޓިކަލް ކޭސްތައް އަންނައިރު، 2 މުވައްޒަފުންނަކީ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ދިނުމަށް އެންމެ އެކަށީގެންވާ ޢަދަދު ނުވާތީ އެދާއިރާގެ މުވައްޒަފުން އިތުރުކުރެއްވުމަށް ވެސް ހޮސްޕިޓަލުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
12000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކު ސިޓީގައި ޞިއްޙީ ޚިދުމަތް ދެއްވުމަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުން ވަނީ އައު ޢިމާރާތެއް މިދިޔަ އަހަރު ތަރައްޤީކޮށްދެއްވައިފައެވެ.
ހޮސްޕިޓަލުގައި ދެވޭ ޚިދުމަތް ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ހޮސްޕިޓަލުގައި ދެއްވެން ނެތް ޚިދުމަތްތައް ހޯއްދެވުމަށް، ރިފަރކުރުމުގެ އުޞޫލުގެ ދަށުން އައްޑޫ ސިޓީއަށް ނުވަތަ މާލެއަށް ފޮނުވޭނެ އިންތިޒާމު ފަސޭހައިން ހަމަޖެހިގެން ދިޔުމަކީ ވެސް ފުވައްމުލަކު ހޮސްޕިޓަލުގެ އެދިވަޑައިގަތުމެކެވެ.