އާރްޓީއެލް ފެރީގެ ޚިދުމަތް ހުވަދުއަތޮޅުގައި ފެށުމަށްޓަކައި އެ ސަރަޙައްދުގެ މުވައްސަސާތަކާއި ޢާއްމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ފަށައިފިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތް ހުވަދުއަތޮޅުގައި މިއަންނަ މަހު ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން އެއަތޮޅުގެ ރަށްރަށުގެ، ކައުންސިލްތަކާއި ސަރުކާރުގެ އެކި މުވައްސަސާތަކުގެ މުވައްޒަފުންނާއި ޢާއްމުން ހޭލުންތެރިކޮށް، މިއޮޕަރޭޝަން ތައްޔާރުކުރުވުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން މިހާރުވަނީ ފަށާފައެވެ.
މިގޮތުން މިމަހުގެ 15 އިންފެށިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އެކި ރަށްރަށުގައި އެމް.ޓީ.ސީ.ސީން އަންނަނީ ކުރިއަށްގެންދަމުންނެވެ. މިހާތަނަށް ހުވަދުއަތޮޅުން ތިނަދޫއާއި، ކޮލަމާފުއްޓާއި، ދާންދޫއާއި، ދެއްވަދޫއާއި، ކޫއްޑޫއާއި، މާމެންދޫގެ އިތުރުން ނިލަންދޫގައި މިޙަރަކާތްވަނީ ކުރިއަށްގެންގޮސްފައެވެ.
މި މަޝްރޫޢޫއަށް ބޭނުންވާ ލޯންޗް ބަނުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އަލްޝާލީ މެރިންސްއާއެވެ. މިގޮތުން ފުރަތަމަ ލޯންޗްގެ މަސައްކަތް ނިންމާ އެކުންފުނިން ވަނީ އޭޕްރީލް މަހު އެމްޓީސީސީއާއި ޙަވާލުކޮށްފައެވެ. އަދި މިވަގުތު ލޯންޗްތައް ބަނުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، އަންނަ މަހު ޚިދުމަތް ފެށުމަށް ބޭނުންވާ 6 ލޯންޗްގެ މަސައްކަތް ނިމޭނެކަމަށް އެމް.ޓީ.ސީ.ސީން ލަފާކުރެއެވެ. މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެއްކަމަށް އެމް.ޓީ.ސީ.ސީންވަނީ ކުރިން ބުނެފައެވެ.
ފަސޭހައިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ޤައުމީ ފެރީ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ދަށުން މިހާތަނަށް، ފުރަތަމަ ޒޯންގައި ހިމެނޭ، ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަށް ފެރީ ނިޒާމުން ގުޅާލާފައެވެ. އަދި ޅ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް މިހާރުވަނީ ފަށާފައެވެ. އެއަށްފަހު އަންނަ ޖުލައި މަހު ހުވަދު އަތޮޅު ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ޤައުމީ ފެރީ ވިއުގައަށް ޢާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ތަފާސްހިސާބަށް ބަލާއިރު، އާރްޓީއެލްގެ ޚިދުމަތް ދޭން ފެށިތާ އަހަރެއްވީއިރު، 260000 އަށްވުރެ ގިނަ މީހުންވަނީ ޚިދުމަތް ހޯދާފައެވެ.
ފެރީ ނިޒާމުގެ ސަބަބުން މީގެކުރިން އެކެހެރިވެފައިވާ އެތައް ރަށަކަށް ދިޔުމުގައި ފަސޭހަތަކެއްވަނީ ލިބިފައެވެ. ހަމައެއާއެކު ބޮޑު ހޭދަކޮށްގެން ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅު ތެރޭގެ ރަށްރަށަށް ކުރި ދަތުރުތައް ކުޑަ އަގެއްގައި ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ކުރެވޭނެ މަގު މިހާރުވަނީ ފަހިވެގެންގޮސްފައެވެ.