ޚަބަރު

އަނގޮޅީތީމް ސިއްޙީ މަރުކަޒުން ލެބޯޓަރީގެ ޚިދުމަތް ފަށަނީ


  • ސިއްޙީ މަރުކަޒުން ލެބޯޓަރީގެ ޚިދުމަތް އަންނަ މަހު ފެށުމަށް ތައްޔާރުވަނީ

  • އާބާދީގެ ނިސްބަތުން ލޭ އަޅާ ކުދިން ގިނަ ރަށެއް، ލެބޯޓަރީން ލޭ އެޅުމުގެ ޚިދުމަތް ލިބޭނެ

  • އެހެނިހެން އާއްމު ޓެސްޓްތައް ހެދޭނެ

ސިއްހީ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ކުރަންޖެހޭ ދަތުރަކީ ތަކުލީފު ބޮޑު، އެހާމެ ޚަރަދުވެސް ކުރަން ޖެހޭ ކަމެކެވެ. ޚާއްސަ ގޮތެއްގައި ރަށެއްގައި ހުންނަ ސިއްޙީ ޚިދުމަތް ދޭ ތަނަކުން އެންމެ އާދައިގެ ޚިދުމަތްވެސް ނުލިބުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. ރަށްރަށުގައި ސިއްޙީ ޚިދުމަތް ދިނުމަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ޖާގައިގެ ދަތިކަމެވެ. އެހެންކަމުން ސިއްޙީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

ރަށްރަށުގައި ހުރި ދުވަސްވީ ސިއްޙީ މަރުކަޒުތައް އިތުރަށް ތަރައްޤީކުރުމަށް ހިންގާ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތަކާއި ޚިދުމަތް ފުޅާކޮށް އައު ޚިދުމަތްތައް ފެށޭނެ އިންތިޒާމްތައް ހަމަޖައްސާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެއްވުމަކީ ސަރުކާރުން ރަށްރަށުގެ ޞިއްޚި ޚިދުމަތް ފުޅާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ ބޮޑެތި މަސައްކަތްތަކެކެވެ. މިއީ އަމިއްލަ ރަށުގައި ތިބެގެން ޞިއްހީ ފަރުވާގެ ޚިދުމަތް ލިބޭނެ ގޮތް ތަނަވަސްކޮށްދެއްވުމުގެ ގޮތުން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ.

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ރަށްރަށުގައި އިމާރާތްކޮށްފައިވާ ސިއްޙީ މަރުކަޒުތަކުގެ ޖާގަ ނެތުމުގެ ސަބަބުން ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދޭން ޖެހެނީ ކުޑަކުޑަ އިމާރާތެއްގައެވެ. ސިއްޙީ މަރުކަޒުތަކަށް އެމްބިއުލާންސްތައް ފޯރުކޮށްދީފައި އޮތްނަމަވެސް އެތަކެތި ހުރީ ބޭނުން ނުކުރެވޭ ހާލަތްތަކުގައެވެ. ސަބަބަކަށްވެފައިވަނީވެސް އެމްބިއުލާންސްތައް ސަރވިސް ނުކުރެވުމާއި ބާއްވާނެ ރަނގަޅު ޖާގަނެތުމެވެ. އެހެންކަމުން މިހާރު ކުރިއަށްގެންދާ ސިއްޙީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތާއެކު މިކަންކަމަށްވެސް ހައްލުލިބިގެންދާނެއެވެ.

ސަރުކާރުން ޞިއްޙީ ޚިދުމަތް އަތޮޅުތެރޭގައި ތަރައްޤީ ކުރައްވަމުން ގެންދަވާ އެއްރަށަކީ ރ.އަނގޮޅިތީމެވެ. އަނގޮޅިތީމުގައި މިހާރު ބޭނުން ކުރަމުންދާ ސިއްޙީ މަރުކަޒުގެ އިމާރާތަކީ 2017ވަނަ އަހަރު ޚިދުމަތް ދޭން ފެށި މަރުކަޒެކެވެ. ބަލިމީހުން ބެލުމާއި، އެޑްމިޓްކޮށްގެން ދޭންޖެހޭ ފަރުވާ ދިނުމުގެ އިތުރުން އިދާރީ މަސައްކަތްތައްވެސް ބަލަހައްޓަމުން އަންނަނީ އެ ކުޑަކުޑަ ޢިމާރާތުގައެއެވެ. މިކަން ސަރުކާރަށް ހުށައަޅާ ކުރެވުނު މަސައްކަތުން އެސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިއަށްގެންދަވާފައެވެ.

އެގޮތުން ސިއްޙީ މަރުކަޒުގެ އިދާރީ މަސައްކަތްތަކާއި، ޕަބްލިކް ހެލްތު ނުވަތަ ޢާއްމު ސިއްޙަތާ ގުޅޭ ޚިދުމަތްތައް ދިނުމަށް އައު ޢިމާރާތެއް އަޅާ އެތަން މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި މިހާރު ކުރިއަށްދަނީ ސިއްޙީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތްތަކެވެ. އައު އިމާރާތާއެކު އަނގޮޅިތީމު ޞިއްހީ މަރުކަޒުން ލެބޯޓްރީގެ ޚިދުމަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އެގޮތުން މިޚިދުމަތް އަންނަ މަހުގެ ތެރޭގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ސިއްޙީ މަރުކަޒު ހިންގެވުމާ ހަވާލުވެހުންނެވި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ހުސައިން މޫސާ ވިދާޅުވީ ރަށުގެ ސިއްޙީ މަރުކަޒުން ލެބޯޓަރީގެ ޚިދުމަތް ލިބުމަކީ ރައްޔިތުންގެ ދުވަސްވީ ބޮޑު އުއްމީދެއްކަމަށެވެ. ހުސައިން ވިދާޅުވީ ލެބޯޓްރީގެ ޚިދުމަތް ފެށުމަށްޓަކައި ތައްޔާރީތައް ވަމުން އަންނަކަމަށާއި އުއްމީދަކީ އަންނަ މަހުގެ ތެރޭގައި އެޚިދުމަތް ރައްޔިތުންނަށް ލިބުންކަމަށެވެ.

"ލެބޯޓްރިން އާއްމުކޮށް ހެދޭ ކުދި ޓެސްޓްތައް ހެދޭނެ. މިރަށަކީ އާބާދީގެ ނިސްބަތުން ތެލަސީމިއާ ކުދިންވެސް ގިނަ ރަށެއް. އެހެންކަމުން ލެބޯޓްރީން ލޭ އެޅުމުގެ ޚިދުމަތްވެސް އެކުދިންނަށް ލިބިގެންދާނެ." ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ހުސައިން މޫސާ ވިދާޅުވިއެވެ.

ލެބޯޓްރީއެއް ނެތް ގިނަ ރަށްތަކުން ޓެސްޓް ހެދުމަށް އެހެން ރަށްރަށަށް ދާފަދައިން އަނގޮޅިތީމުގެ ރައްޔިތުންވެސް ދާންޖެހެނީ އެ ޚިދުމަތް ލިބޭ އަތޮޅުގެ ކޮންމެވެސް ރަށަކަށެވެ. އެރަށުގައި ލޭ އަޅާ 4 ވަރަކަށް ކުދިން ތިބިއިރު އެކުދިން ލޭ އަޅަން ދާންޖެހެނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ނުވަތަ އެހެން ކޮންމެވެސް ރަށަކަށެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ޚިދުމަތާއި އާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުޞަތު ލިބުމާއެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވާނެކަން އަނގޮޅިތީމްގެ ރައްޔިތުން ޤަބޫލުކުރެއެވެ.

އަނގޮޅިތީމް ސިއްޙީ މަރުކަޒުގައި ޑޮކްޓަރަކާ 3 ނަރުހުން މަސައްކަތްކުރަމުން އާދެއެވެ. އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް 6 އެނދުގެ ވޯޑެއްވެސް ހިމެނެއެވެ. އެ ސިއްޙީ މަރުކަޒުގެ ޚިދުމަތް 8 ގަޑިއިރު އަންނަނީ ދެމުންނެވެ.