ވިލާތުގެ ދެކުނުގެ ސަރަޙައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ހިސާބުތަކަށް ފެތުރި މަރުވެފައިވާ 18 މީހުން ގްރީސްގެ އަވަށަކުން ފެނިއްޖެއެވެ. އެ މީހުންގެ ހަށިތައް ފެނިފައި ވަނީ ގްރީސްގެ އިރުއުތުރުގައިވާ އަވަދާސް ކިޔާ އަވަށަކުންނެވެ. އެއީ އެވްރޯ ސަރަޙައްދުގެ ޛަޛިޔާ ޖަންގަލި ތެރޭގައި އޮންނަ އަވަށެކެވެ. އެހެން ހިސާބަކުން ވެސް އިތުރު މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ގްރީސްގެ އޮފިޝަލުން ވިދާޅުވެއެވެ.
ފިހިގެން މަރުވެފައިވާ 18 މީހުންނަކީ ކޮން ބަޔެއް ކަން ދެނެގަތުމަށް ގްރީސްގެ ކަމާ ބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ޤައުމުގެ އަލިފާން ނިއްވާ އިދާރާތަކުން ބުނީ އެ މީހުންނަކީ އެ ޤައުމަށް ހިޖުރަކޮށްފައިވާ ބަޔެއް ކަމަށް ބެލެވޭ ކަމުގައެވެ. އެވްރޯއަކީ ތުރުކީވިލާތު މަގުން ގްރީސްއަށް ހިޖުރަކުރާ ރެފިއުޖީން ދަތުރުކުރާ މަގެއް ކަމުގައި ގްރީސްގެ އޮފިޝަލުން ވިދާޅުވެއެވެ.
"ބަޔަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތް. އެހެންވީމަ، ބެލެވޭ ގޮތުގައި މަރުވެފައިވާ 18 މީހުންނަކީ މި ޤައުމަށް ޤަވާޢިދާ ޚިލާފަށް އެތެރެވެފައިވާ ބަޔެއް. އެ ކަން ކަށަވަރު ކުރަން މިހާރު މި ދަނީ ތަހުޤީޤު ކުރަމުން،" ގްރީގެ އަލިފާން ނިއްވާ އިދާރާއިން ބުންޏެވެ. އިތުރު މީހެއްގެ ހަށިގަނޑު ފެނޭތޯ ބެލުމަށް ވެސް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޤަވާޢިދާ ޚިލާފަށް ގްރީސްއަށް ހިޖުރަކުރާ މީހުންގެ ތެރޭގައި ގިނައީ މެދުއިރުމައްޗާއި އޭޝިޔާގެ ޤައުމުތަކުގެ ރެފިއުޖީންނެވެ. ވިލާތުގެ ދެކުނުގެ ސަރަޙައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ގްރީސްގެ އިތުރުން ސްޕެއިން، އިޓަލީވިލާތް އަދި ޕޯޗުގަލްގައި ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ. ބައެއް ހިސާބުތަކުގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއެސްއަށް އުފުލިފައިވާ ކަމުގައި އެ ޤައުމުތަކުގެ މޫސުމާ ބެހޭ އިދާރާތަކުން ހާމަކުރެއެވެ.
އަލިފާންގަނޑުތަކުގެ އަސަރު އަވަދާސްއާ މާ ދުރުނޫން ހިސާބެއްގައި އޮންނަ އަލެކްސާންދްރޫޕޮލީއަށް ވެސް ދަނީ ކުރަމުންނެވެ. ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަލިފާންގަނޑު ފެތުރެން ފެށުމާ އެކު، އެ ރަށުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަލިފާނުގެ ނުރައްކާ އޮތް ކަމަށް ބެލެވޭ ހޮސްޕިޓަލްތައް ހުސް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި، ފެރީއެއް ވަގުތީ ގޮތުން ހޮސްޕިޓަލަކަށް ބަދަލު ކޮށްފައިވާ ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ވިދާޅުވެއެވެ.
ވިލާތުގެ ދެކުނުގައިވާ ޤައުމުތަކުގެ ޖަންގަލިތަކުގައި ރޯވެފައި މި ވަނީ އެ ސަރަޙައްދަށް ހޫނުގެ ތުފާނެއް ކުރިމަތިވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ޖުލައިއަކީ ފަހުގެ ތާރީޚެއްގައި އެ ސަރަޙައްދަށް ކުރިމަތިވި އެންމެ ހޫނުގަދަ އެއް މަހެވެ. ޖުލައި މަހުގެ މެދުތެރޭގައި ގްރީސްގެ ރަށެއް ކަމުގައިވާ ރޯދޯސްގެ ޖަންގަލިތަކުގައި ރޯވުމާ ގުޅިގެން 20,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ސްޕެއިންގެ ޕާލްމާގެ ޖަންގަލިތަކުގައި ވެސް ޖުލައި މަހު ރޯވެ، ބޮޑު ސަރަޙައްދެއް އަނދާ އަޅިއަށްވިއެވެ.
މީގެ އިތުރުން އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ހަވާއީގެ މަވުއީ އައިލެންޑުގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި، މުޅި ރަށް ވަނީ އަނދާ އަޅިއަށްވެފައެވެ. މި ހާދިސާގައި މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 110 އަށް އަރާފައެވެ. އަދި، ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ މީހުންގެ ހަށިތައް ހޯދަން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.