ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއަށް ބައިޢަތު ހިފަން ވާގްނަރ ގުރޫޕުގެ ކުލީ ސިފައިންނަށް އަމުރުކޮށްފިއެވެ. ޕުޓިންއަށް ބައިޢަތު ހިފަން ރަޝިޔާގެ ކުލީ ސިފައިންގެ ކުންފުންޏެއް ކަމުގައިވާ ވާގްނަރ ގުރޫޕުގެ މެންބަރުންނަށް އަމުރުކޮށްފައި މި ވަނީ، މަތިންދާބޯޓެއް ވެއްޓުނު ހާދިސާއެއްގައި އެ ގުރޫޕުގެ ވެރިޔާ ޔެވްގެނީ ޕްރިގޮޜިން މަރުވުމާ ގުޅިގެންނެވެ.
ޕްރިގޮޜިންއާއި ވާގްނަރގެ އިތުރު ބަޔަކު ތިބި ކަމަށް ބެލެވޭ މަތިންދާބޯޓު ވެއްޓިފައި ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯގެ ހުޅަނގު އުތުރުން އޮންނަ ތިއެވޭގެ ރަށެއް ކަމުގައިވާ ކުޜެންކިޔެނާއަށެވެ. ވެއްޓުނު ޕްރައިވެޓް ޖެޓުގައި ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި ޕްރިގޮޜިންގެ އިތުރުން ވާގްނަރގެ އިސް ކޮމާންޑަރެއް ކަމުގައިވާ ދްމީތްރީ އޫތްކިން ވެސް ހިމެނެއެވެ. އޭނާއަކީ 2014 ވަނަ އަހަރު ވާގްނަރ އުފެއްދުމުގައި އިސް ދައުރެއް އަދާކޮށްފައިވާ މީހެކެވެ.
ޕްރިގޮޜިންގެ މަރާ ގުޅިގެން ޕުޓިން ވަނީ ވާގްނަރ ގުރޫޕަކީ ރަޝިޔާގެ ދަޢުލަތުގެ ބާރު ހިނގާ ގުރޫޕެއްގެ ގޮތުގައި ރިޔާސީ ޤަރާރަކުން ކަނޑައަޅުއްވާފައެވެ. އަދި، ރަޝިޔާގެ ސަރުކާރަށް ބައިޢަތުހިފުމަށް އެ ގުރޫޕުގެ ހުރިހާ މެންބަރުންނަށް އަމުރުކުރައްވާފައެވެ. އޭނާ މި ކަމަށް އަމުރުކުރައްވާފައި މި ވަނީ ޕްރިގޮޜިންގެ މަރުގެ ފަހަތުގައި އޮތީ ރަޝިޔާގެ ސަރުކާރާއި އަސްކަރިއްޔާ ކަމަށް ހުޅަނގުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މި ތުހުމަތުތައް ރަޝިޔާއިން ދޮގު ކުރެއެވެ. އަދި، ރަޝިޔާގެ އަގުވައްޓައިލަން ހުޅަނގުން ކަނޑައެޅިގެން ދޮގު ފަތުރަމުންދާ ކަމަށް އެ ޤައުމުން ބުނެއެވެ. ރަޝިޔާގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާއިން ބުނީ ވެއްޓުނު މަތިންދާބޯޓުގައި ދަތުރުކުރި މީހުންގެ ލިސްޓުގައި ޕްރިގޮޜިން ހިމެނޭ ކަމުގައެވެ. އަދި، މަރުވެފައިވާ މީހުންގެ ހަށިތަކުން ޑީ.އޭން.އޭ ނަގައި ޖެނެޓިކް ޓެސްޓުހަދާފައިވާ ކަމަށާއި، އޭގެ ތެރޭގައި ޕްރިގޮޜިން ހިމެނޭ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ޕްރިގޮޜިން މަރުވެފައިވާ ކަން ކަށަވަރުވުމާ ގުޅިގެން ޕުޓިން ވަނީ އޭނާގެ އިތުރުން މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި އެހެން މީހުންގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ޕްރިގޮޜިންއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ އޭނާއަށް ތަޢުރީފު ކުރައްވާފައެވެ. ނަމަވެސް، ޕްރިގޮޜިންއަށް ބޮޑެތި ގޯސްތަކެއް ހެދިފައިވާ ކަމުގައި ވެސް ޕުޓިން ވިދާޅުވެފައިވެއެވެ.
ވާގްނަރ ގުރޫޕުގެ އިތުރުން ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި އަސްކަރީ ގޮތުން ބައިވެރިވާ ހުރިހާ ފަރާތްތައް ރަޝިޔާގެ ސަރުކާރަށް ބައިޢަތުހިފުމަށް ޕުޓިންގެ ޤަރާރުގައި ވަނީ އަމުރުކޮށްފައެވެ. އަދި، ރަޝިޔާގެ އަސްކަރީ ކޮމާންޑަރުންނާއި އިސް އޮފިސަރުންގެ ހުރިހާ އަމުރަކަށް ފުރިހަމައަށް ތަބާވުމަށް ވެސް ޤަރާރުގައި އަމުރުކޮށްފައިވެއެވެ.
ޕްރިގޮޜިން މަރައިލާފައި ވަނީ ރަޝިޔާގެ ސަރުކާރާއި އަސްކަރިއްޔާއާ ދެކޮޅަށް ކުރަން މަސައްކަތް ފެށި ބަޣާވާތާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށް ހުޅަނގުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި، ޕުޓިންގެ އަމުރަށް ޕްރިގޮޜިން ދަތުރުކުރަމުންދިޔަ މަތިންދާބޯޓަށް ހަމަލަދީ ވައްޓައިލުމުގެ ފަހަތުގައި ވަނީ ރަޝިޔާގެ ޖާސޫސީ އިދާރާ އެފް.އެސް.ބީން ކަމަށް ވެސް ހުޅަނގުން ތުހުމަތު ކުރެއެވެ. ނަމަވެސް، މި ތުހުމަތުތަކަށް ބާރުދޭނެ އެއްވެސް ހެއްކެއް ހުޅަނގުން އަދި ދައްކާފައެއް ނުވެއެވެ.
ޕްރިގޮޜިން ދަތުރު ކުރަމުންދިޔަ މަތިންދާބޯޓުގައި އޭނާއާ އެކު އިތުރު ނުވަ މީހުން ތިބި ކަމުގައި ރަޝިޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ. އެއީ، ހަތް ފަސިންޖަރުންނާއި ތިން ފަޅުވެރިންނެވެ. ޕްރިގޮޜިންނާއި އޫތްކިންގެ މަރާ އެކު ވާގްނަރ ގުރޫޕަށް ދެން ވާނެ ގޮތަކާ މެދު ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ޕްރިގޮޜިންއަކީ ވާގްނަރއަށް އެންމެ ބޮޑަށް ޚަރަދުކުރާ ފަރާތެވެ. އަދި، ސިޔާސީ ލީޑަރުގެ އިތުރުން އިސް ކޮމާންޑަރެވެ. ޔޫތްކިންއަކީ ވާގްނަރގެ އަސްކަރީ ކޮމާންޑަރެވެ. މި ދެ މީހުންގެ މަރާ އެކު ވާގްނަރ ގުރޫޕު ނެތި ދާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ނަމަވެސް، އަނެއް ބަޔަކު ބުނަނީ ޕުޓިންގެ ބާރުގެ ދަށަށް ވާގްނަރ ގުރޫޕު ގެންދާނެ ކަމަށް ބެލެވޭ ކަމުގައެވެ. އަދި، ޕުޓިންގެ ބާރުގެ ދަށުގައި ވާގްނަރގެ ނުރައްކާތެރިކަން އެތަކެއް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ. ވާގްނަރއަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އިސް ދައުރެއް އަދާކޮށްފައިވާ ފައުޖެކެވެ. މީގެ އިތުރުން އެފްރިކާގެ ބައެއް ޤައުމުތަކުގައި ވެސް ވާގްނަރއިން ދަނީ ހަރަކާތްތެރިވަމުންނެވެ.