ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިއްވާފައިވާ ތިން އަހަރު ދުވަހުގެ ޖަލު ހުކުމް އެ ޤައުމުގެ ހައި ކޯޓުން ސަސްޕެންޑުކޮށްފިއެވެ. ޚާންގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބުތެ، ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި އިރު ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ތަކެތި ޤާނޫނާ ޚިލާފަށް ވިއްކައިގެން މާލީ މަންފާތައް ހޯއްދަވައި، އެ ކަން ހާމަ ނުކުރެއްވުމުގެ މައްސަލައިގައެވެ.
ޚާންގެ ފަރާތުން ޖަލު ހުކުމް އިސްތިޢުނާފު ކުރުމުން އިސްލާމްއާބާދުގެ ހައި ކޯޓުން ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ސަސްޕެންޑުކޮށް، ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރަން އަމުރުކޮށްފައެވެ. ކަފާލާތުގެ ދަށުން ޚާން މިނިވަން ކުރުމަށް ހައި ކޯޓުން ނިންމާފައި ވަނީ އިސްތިޢުފާނުގެ މައްސަލަ ނިމެންދެނެވެ. ނަމަވެސް، ކޯޓުގައި ހިނގަމުންދާ އެހެން މައްސަލައަކާ ގުޅިގެން އޮގަސްޓު 30 ވަނަ ދުވަހާ ހަމައަށް އޭނާ ހައްޔަރުގައި ބެހެއްޓުމަށް ވެސް ހައި ކޯޓުން ވަނީ ނިންމާފައެވެ.
އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ބޮޑުވަޒީރު ކަމުގެ މަޤާމުން ޚާން ވަކިކުރި ފަހުން ޚާންގެ މައްޗަށް 100 އަށްވުރެ ގިނަ ދަޢުވާ އުފުލާފައިވާ ކަމުގައި އޭނާގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެއެވެ. ޚާންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތެރޭގައި ދަޢުލަތުގެ ސިއްރުތައް ހާމަކުރެއްވުމާއި، ލޭއޮހޮރޮވުމާއި ހަމަނުޖެހުން ހިންގަން ހިތްވަރުދެއްވުން ހިމެނެއެވެ. އޭނާ ހައްޔަރު ކުރުމަށް އެތަކެއް ކޯޓު އަމުރެއް ވެސް ވަނީ ނެރެފައެވެ.
ޚާންގެ ޤާނޫނީ ޓީމުން ބުނީ، އޭނާގެ މައްޗަށް އުފުލާފައިވާ އެހެން ދަޢުވާތަކާ ގުޅިގެން އޭނާ ހައްޔަރު ކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމުގައެވެ. ނަމަވެސް، އެ މައްސަލައިގެ އަޑުއެހުމަށް ސުޕްރީމް ކޯޓުގައި އަދި ތާވަލުކޮށްފައެއް ނުވެއެވެ. އަދި، ސުޕްރީމް ކޯޓުން މަޑު ކުރަމުން ދަނީ ހައި ކޯޓުގައި އޮތް މައްސަލަ ނިމޭ ގޮތެއް ބެލުމަށް ކަމަށް ވެސް އެ ޓީމުން ބުނެއެވެ. ޚާން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ވަނީ ސިޔާސީ ދަޢުވާތަކެއް ކަމުގައެވެ.
ޚާންގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އޮގަސްޓު މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި އިރު ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ތަކެތި ޤާނޫނާ ޚިލާފަށް ވިއްކައިގެން މާލީ މަންފާތައް ހޯއްދެވުމުގެ ކުށެވެ. އެ ގޮތުން އޭނާ ހޯއްދަވާފައިވާ މާލީ މަންފާގެ އަގު 635,000 އެމެރިކާ ޑޮލަރަށް އަރާ ކަމުގައި ދަޢުލަތުން ތުހުމަތު ކުރެއެވެ.
މާލީ މަންފާ ހޯއްދަވަން ޚާން ވިއްކަވާފައިވާ ބައެއް ހަދިޔާތަކުގެ ތެރޭގައި ރޮލެކްސް މަރުކާގެ އަގުބޮޑު ގަޑިއަކާއި، އަނގޮޓިއަކާއި ކަފް ލިންސް ހިމެނޭ ކަމަށް ދަޢުލަތުން ބުނެއެވެ. އެ ކުށް ސާބިތުވެ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބާއްވާ އެއްވެސް އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުޞަތު ވެސް ވަނީ ބަންދުކޮށްފައެވެ. ޚާން މި ވަގުތު ހުރީ ޕާކިސްތާނުގެ އަޠަކު ޖަލުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕާކިސްތާނުގެ ސިޔާސީ މަސްރަޙު ހޫނުވެ، މޭ މަހުގެ 9 ވަނަ ދުވަހު ވެސް ފުލުހުން ވަނީ ޚާން ހައްޔަރު ކޮށްފައެވެ. އިސްލާމްއާބާދުގައި ހުންނަ ހައި ކޯޓުގައި އޮތް ޝަރިއަތުގެ މަޖިލީހަކަށް ހާޒިރުވުމުން ޚާން ހައްޔަރު ކުރުމާ ގުޅިގެން ޕާކިސްތާނުގެ މަސްރަޙު އިތުރަށް ހޫނުވެ، އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިއެވެ. ނަމަވެސް، ޚާން ހައްޔަރުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށްފައެވެ.
ޚާން ހައްޔަރު ކުރުމާ ގުޅިގެން އޭނާއަށް ތާޢީދުކުރާ މީހުންނާއި، އޭނާގެ ތަހްރީކް އިންސާފް ޕާޓީ (ޕީ.ޓީ.އައި)ގެ އެތަކެއް ހާސް މެންބަރުން ވަނީ ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގެ މަގުތަކަށް އެއްވެ މުޒާހާރާކޮށްފައެވެ. އަދި، އޭނާ މިނިވަން ކުރުމަށް ގޮވައިލާ ކުރަމުންދިޔަ މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިން ވަނީ މުދަލަށް ގެއްލުންދީފައެވެ. ފުލުހުންނާއި މުޒާހަރާ ކުރާ މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 12 ވަރަކަށް މީހުން މަރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މޭ މަހު ޚާން ހައްޔަރުކޮށްފައި ވަނީ ހުސްވި 2022 އަހަރު އޭނާ އަވަހާރަކޮށްލަން ދިން ޙަމަލާއެއް ރާވާފައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ އިސް އޮފިސަރެއް ކަމުގައިވާ މޭޖަރ ޖެނެރަލް ފައިޞަލް ނަސީރު ކަމަށް އޭނާ ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މުޒާހަރާއެއްގެ ތެރެއިން ބަޑިޖަހައިގެން ދިން ޙަމަލާގައި ޚާންގެ ފަޔަށް ވަޒަނެއް އަރައި ޒަޚަމުވިއެވެ. އެ ޙަމަލާގައި ޖެނެރަލް ފައިޞަލް ނަސީރުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ.